Roadha Mihaaru
ރަށްރަށް ބާކީނުކުރުމުން ޒުވާނުންނަށް ފުރުސަތުތައް ގިނަ

ތަރައްގީގައި ރަށްރަށް ބާކީނުކުރުމުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ގިނަވެއްޖެ: ރައީސް

23 އޮކްޓޯބަރ 2022

މި ސަރުކާރުން ތަރައްގީ ގެނައުމުގައި ރަށްރަށް ބާކީނުކުރުމުގެ ސަބަބުން ޒުވާނުންނަށް ލިބޭ ވަޒީފާގެ ފުރުސަތުތައް ގިނަވަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި ސަރުކާރުން ތަރައްގީ ގެނައުމުގައި ރަށްރަށް ބާކީނުކުރުމުގެ ސަބަބުން ޒުވާނުންނަށް ލިބޭ ވަޒީފާގެ ފުރުސަތުތައް ގިނަވަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ސޯޝަލް ސެންޓަރުގައި ބޭއްވި މި އަހަރުގެ ޒުވާނުންގެ އެވޯޑް ހަފުލާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރަށްރަށުގައި ވަޒީފާގެ ފުރުސަތު މަދުވުމުގެ ސަބަބަކީ އެ ރަށްރަށަށް ބޭނުންވާ ހަގީގީ ތަރައްގީ ގެނެވިފައި ނެތުން ކަމަށެވެ. އަދި އެކަހެރިކޮށްފައި ހުރި ރަށްރަށަށް ފަސޭހައިން ދަތުރުކުރެވޭނެ އިތުބާރު ހުރި ނިޒާމެއް ނެތުމަކީ ވެސް އޭގެ ސަބަބެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އެފަދައިން ވިދާޅުވީ މިރޭގެ ހަފުލާގައި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން އާންމުކުރި، ރާއްޖޭގެ ޒުވާނުންގެ ހާލަތާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ދިރާސާއަކާ ވެސް ހަވާލާދެއްވަ އެވެ. އެއީ އެމްއެންޔޫ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ކުރި ދިރާސާއެކެވެ.

ޔޫތު އެވޯޑް 2022: އެވޯޑް ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދަކަނބަލުންނާއި ނައިބް ރައީސް ފައިސަލް ނަސީމް އަދި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

ޔޫތު އެވޯޑް 2022: އެވޯޑް ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދަކަނބަލުންނާއި ނައިބް ރައީސް ފައިސަލް ނަސީމް އަދި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

"ވަޒީފާތައް އުފެދިގެން އަންނަނީ ވިޔަފާރިތަކާއި ސިނާއަތްތަކުން. އެކަމަށްޓަކައި މުހިންމު އަސާސީ ތިން ހިދުމަތެއް ކޮންމެހެން އެބަ ބޭނުންވޭ،" ރައީސް ވިދާޅުވި އެވެ.

"އެއް ކަމަކީ ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް. އަނެއް ކަމަކީ، ދަތުރުފަތުރުގެ އިތުބާރު ހުރި ނިޒާމެއް. ތިން ވަނަ ކަމެއްގެ ގޮތުގައި ގުނަން ޖެހެނީ، މުވާސަލާތީ ނިޒާމެއް. މި ޒަމާނަށް ބަލާއިރު އެއީ އިންޓަނެޓްގެ ލުއިފަސޭހަކަން."

އާރްޓީއެލް ފެރީ އާއި ބަހުގެ ހިދުމަތުން ވެސް 300 އަށް ވުރެ ގިނަ ވަޒީފާ އުފެދިއްޖެ. -- ރައީސް

ރައީސް ވިދާޅުވީ މި ސަރުކާރުން އެ ކަންކަން ހައްލުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ފަށާފައިވާ ކަން ފާހަގަކުރެއްވި އެވެ. އަދި މި ސަރުކާރުން ފެށި އާރްޓީއެލް ފެރީގެ ހިދުމަތާ އެކު ވަޒީފާ ނެތުމަށް މެދުވެރިވާ ސަބަބުތައް ނެތެމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އާރްޓީއެލް ފެރީ އާއި ބަހުގެ ހިދުމަތުން ވެސް 300 އަށް ވުރެ ގިނަ ވަޒީފާ އުފެދިއްޖެ،" ރައީސް ވިދާޅުވި އެވެ.

ޔޫތު އެވޯޑް 2022: މި އަހަރު 10 މީހަކަށް ޒުވާނުންގެ އެވޯޑު ދީފައިވޭ -- ފޮޓޯ: ރައީސް އޮފީސް

ޔޫތު އެވޯޑް 2022: މި އަހަރު 10 މީހަކަށް ޒުވާނުންގެ އެވޯޑު ދީފައިވޭ -- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި އާރްޓީއެލް ފެރީގެ ހިދުމަތް ހުރިހާ އަތޮޅަކަށް ފުޅާވުމުން އިދާރީ އަދި ފަންނީ ވަޒީފާތައް ހިމެނޭހެން 1،000 އަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ އެވެ. އަދި މި ސަރުކާރުން ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް ހިންގާ ނެޝަނަލް އެޕްރެންޓިންޝިޕް ޕްރޮގްރާމްގެ ދަށުން އެލަވަންސް ލިބޭ ގޮތަށް މިހާރު ވެސް ތަފާތު 14 ކުންފުންޏެއްގައި 321 ޒުވާނަކު ތަމްރީނުވަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ކިތަންމެ ކުޑަ އާމްދަނީއެއް ލިބޭ ވަޒީފާއަކުން ވިޔަސް، އަމިއްލަ ފުދުންތެރިކަމުގެ ހިތްހަމަޖެހުން ހޯދުމަށް މަސައްކަތް ކުރުމަކީ ޒުވާނުންގެ އިތުރުން މުޅި މުޖުތަމައަށް ވެސް ލިބޭނެ ވަރަށް ބޮޑު ފައިދާއެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވަޒީފާ އަދާކުރާ ޒުވާނުން އިތުރުވުމުން މުޖުތަމައު އަށް ގިނަ ފައިދާތަކެއް ވެސް ކުރާނެ ކަމަށެވެ. ވަޒީފާތައް އިތުރުވުމުން ވަރަށް ގިނަ އިޖުތިމާއީ މައްސަލަތަކަށް ވެސް ހައްލެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވިދާޅުވީ ވަޒީފާތައް އިތުރުވުމުން މުޖުތަމައު އިން ޒުވާނުން ހަވާސާވުން ހުއްޓުވި، ކުށުގެ ވެއްޓާ ދުރުކޮށްދީ އަދި މާލީ ގޮތުން އެހެން ފަރާތްތަކަށް ބަރޯސާވާން ޖެހޭ މިންވަރު ވެސް ކުޑަކުރެވޭނެ ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޒުވާން ވިޔަފާރިވެރިންނަށާއި ޒުވާން ވިޔަފާރިތަކަށް 414 ލޯން އެޕްރޫވްކޮށް 374 ވިޔަފާރީއަކަށް މިހާރު ވާނީ ލޯނު ދޫކޮށްފައި -- ރައީސް
ޔޫތު އެވޯޑް 2022: ނައިބް ރައީސް ފައިސަލް ނަސީމް ޔޫތު މިނިސްޓްރީގެ ވެބްސައިޓް ލޯންޗުކޮށްދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

ޔޫތު އެވޯޑް 2022: ނައިބް ރައީސް ފައިސަލް ނަސީމް ޔޫތު މިނިސްޓްރީގެ ވެބްސައިޓް ލޯންޗުކޮށްދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

ހިލޭ ޑިގްރީގެ ވާހަކަ ފާހަގަކުރައްވައި، މި ސަރުކާރުން ވެރިކަމާ ހަވާލުވެ އެންމެ ފުރަތަމަ ވެސް އިސްކަމެއްދިން ކަންކަމުގެ ތެރޭގައި ތައުލީމު އުނގެނުމަށް ގިނަ ފުރުސަތުތަކެއް ހުޅުވާލުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޒުވާނުންނަށް ތައުލީމާއި ތަމްރީނުދިނުމުގެ އިތުރުން ޒުވާން ވިޔަފާރިވެރިން އުފެއްދުމަށްޓަކައި ލޯނުތައް ދޫކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޒުވާން ވިޔަފާރިވެރިންނަށާއި ޒުވާން ވިޔަފާރިތަކަށް 414 ލޯން އެޕްރޫވްކޮށް 374 ވިޔަފާރީއަކަށް މިހާރު ވާނީ ލޯން ދޫކޮށްފައި،" ރައީސް ވިދާޅުވި އެވެ.

މި އަހަރުގެ ޒުވާނުންގެ އެވޯޑް 10 މީހަކަށް ސަރުކާރުން ދިނެވެ. ޒުވާނުންގެ އެވޯޑަކީ އެކި ދާއިރާތަކުން ޒުވާނުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް، ހިތްވަރުދިނުމުގެ ކޮންމެ އަހަރަކު ވެސް ސަރުކާރުން ދެމުން އަންނަ އެވޯޑެކެވެ.