Roadha Mihaaru
ޒުވާނުންނަށް ޖަލުތަކެއް އަޅާކަށް ބޭނުމެއް ނޫން: ރައީސް

ޒުވާނުންނަށް އިތުރު ޖަލުތަކެއް އަޅާކަށް ބޭނުމެއް ނޫން: ރައީސް ޔާމީން

27 ނޮވެމްބަރ 2017

ޒުވާނުންނަކީ އިގްތިސާދު ކުރިއަށް ގެންދަން މަސައްކަތް ކުރާ ބަޔަކަށް ހަދަން ބޭނުންވާ ކަމަށާއި ޒުވާނުންނަށް އިތުރު ޖަލުތަކެއް އަޅަން ބޭނުން ނުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޒުވާނުންނަކީ އިގްތިސާދު ކުރިއަށް ގެންދަން މަސައްކަތް ކުރާ ބަޔަކަށް ހަދަން ބޭނުންވާ ކަމަށާއި ޒުވާނުންނަށް އިތުރު ޖަލުތަކެއް އަޅަން ބޭނުން ނުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ޒުވާނުންގެ އެވޯޑު ދިިނުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އިގްތިސާދު ރަނގަވެ، ޒުވާނުން ގައުމެއްގައި ގިނަވާ ނަމަ، ވަޒީފާ ނެތް ޒުވާނުން ތިބެގެން ނުވާނެ ކަމަށެވެ. ވަޒީފާ ނެތް ޒުވާނުން ތިބޭ ނަމަ، ގައުމުގެ މަސްލަހަތު ގެއްލި ކުށަށް އަރައިގަތުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި އެވެ. އަދި ނަތީޖާއެއްގެ ގޮތުން ގިނަ ވާނީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޖަލުތަކެވެ.

"އަޅުގަނޑު ބޭނުމެއް ނޫން ޒުވާނުންނަށް ޖަލުތަކެއް އިތުރަށް އަޅާކަށް. އަޅުގަނޑު ބޭނުންވަނީ ޒުވާނުންނަކީ އުފެއްދުންތެރި، ގުޅިގެން އިގްތިސާދު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާނެ ބަޔަކަށް ވުން. އެހެންވެގެން މިހާ ގިނަ ވަޒީފާތަކެއް އުފެދިގެން ދާންވީ،" ރައީސް ވިދާޅުވި އެވެ.

ރައީސް އެހެން ވިދާޅުވިއިރު، އަންނަ އަހަރުގެ ބަޖެޓުގައި ކ. ކާށިދޫގައި 300 މީހުންގެ ޖާގައިގެ ޖަލެއް އަޅަން 26 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމެނި އެވެ. ނަމަވެސް ބަޖެޓު ދިރާސާކުރި ކޮމެޓީން ނިންމީ ޖަލު އެޅުމުގެ ބަދަލުގައި އެ ފައިސާއިން ކ. ހުރާގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށެވެ.

ޒުވާނުންގެ އެވޯޑު ދިނުމަށް ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ .---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ޒުވާނުންގެ އެވޯޑު ދިނުމަށް ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ .---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ރައީސް ވިދާޅުވި ގޮތުގައި އަންނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިން 27.9 ބިލިއަން ރުފިޔާގެ ބަޖެޓުން ހާސިލްވާނެ އެއް ކަމަކީ ވަޒީފާގެ ފުރުސަތު އިތުރުކޮށް ޒުވާނުންނަކީ އުފެއްދުންތެރި، އިގްތިސާދު ކުރިއަށް ގެންދިއުމުގައި ބައިވެރިވެ މަސައްކަތްކުރާ ބަޔަކަށް ހެދުމެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމްކުރަން ހަމަޖެހިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޒުވާނުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގެ އިތުރުން ޒުވާނުންނަށް މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ހޯދުމަށް ލޯނު ދިނުމަށް ނިންމިއިރު، އަންނަ އަހަރަކީ އެންމެ ގިނަ އަދަދަކަށް ޒުވާނުންނަށް ލޯނު ލިބޭ އަހަރަށް ވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅާ ހަތަރު އެއާޕޯޓާ އެކީގައި ޓޫރިޒަމްގެ ދާއިރާއަށް އިތުރު ވަޒީފާތަކެއް އުފެދިގެން ދާނެ އެވެ. އަދި ރާއްޖޭގެ "ފަތިފުށް" ކިއުމަށް ވުރެ، ރާއްޖޭ މަޝްހޫރު ވާންވީ ރީތިކަމާއި ދިވެހިންގެ މެހްމާންދާރީ އާއި ހިދުމަތުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޒުވާނުންގެ އެވޯޑު މި އަހަރު ލިބުނު ހަ ޒުވާނަކު ރޭގެ ޖަލްސާގައި ބައިވެރިވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ޒުވާނުންގެ އެވޯޑު މި އަހަރު ލިބުނު ހަ ޒުވާނަކު ރޭގެ ޖަލްސާގައި ބައިވެރިވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ރައީސް ޔާމީން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް، އެއާޕޯޓަށް އަށް މިލިއަން ޓޫރިސްޓުން އަންނަ ތަން ފެންނާނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނާ ވާދަކުރައްވާ އިދިކޮޅު ބޭފުޅުންނަށް އެ ދުވަސް ފެނިވަޑައިގަންނަވާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖެ މިއޮތީ މެރެތަންއެއްގައި. އަޅުގަނޑުމެންގެ ރޭލަކީ ދުވާ ރޭލެއް. ރޭލަކީ މަޑުކޮށްފައި، ހުއްޓަމުން ދުވާ ރޭލެއް ނޫން. މި މެރަތަން ދުވާއިރު، އެކަކު އަނެކަކު އެބަ ޖެހޭ އުންމީދުގެ ދަންމަރު ގެންގޮސްދޭން. އެ ހުޅުކޮޅު ނިވާނުލާ އެކަން ކުރެވޭނީ ޕެންޝަނަރުންނަކަށް ނޫން. އެކަން ކުރެވޭނީ އަރާމެއް ނެތި ދުވަން ކެރޭވަރުގެ އެތްލީޓުންތަކެއް ނުކުމެގެން. އެކަން ކުރެވޭނީ ޒުވާނުންނަށް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ އިންޑިއާ ކަނޑުގައި ޖަހާފައި ހުރި "ތަނބެއް"ގެ ގޮތުގައި ވާން ބޭނުން ނުވާ ކަމަށާއި މަސައްކަތް ހުއްޓާލާނީ ދާން ބޭނުންވާ ހިސާބަށް ގޮސްފައި ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ރިޔާސީ ދައުރު ނިމުމުގެ ކުރިން ފުޓުބޯޅައިގެ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގެ އެކަޑަމީއެއް ރާއްޖޭގައި ގާއިމްކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ މަސައްކަތް އެފްއޭއެމްއާ ހަވާލުކޮށް، އަންނަ އަހަރު ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.