Roadha Mihaaru
ޒުވާނުންގެ އެވޯޑު މި އަހަރު 8 މީހަކަށް

ޒުވާނުންގެ އެވޯޑު މި އަހަރު 8 މީހަކަށް

26 ނޮވެމްބަރ 2017

މުޖުތަމައަށް ފައިދާ ހުރި މަސައްކަތްތަކެއް ކުރަމުން އަންނަ ޒުވާނުންނަށް ހިތްވަރު ދިނުމުގެ ގޮތުން ދެމުން އަންނަ ޒުވާނުންގެ އެވޯޑު، އަށް މީހަކަށް ރައީސް އަބްދުﷲ ޔާމީން މިރޭ ދެއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މުޖުތަމައަށް ފައިދާ ހުރި މަސައްކަތްތަކެއް ކުރަމުން އަންނަ ޒުވާނުންނަށް ހިތްވަރު ދިނުމުގެ ގޮތުން ދެމުން އަންނަ ޒުވާނުންގެ އެވޯޑު، އަށް މީހަކަށް ރައީސް އަބްދުﷲ ޔާމީން މިރޭ ދެއްވައިފި އެވެ.

ޒުވާނުންގެ އެވޯޑު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އެކި ދާއިރާތަކުން އިނާމު ލިބުނު ޒުވާނުންނަށް އެވޯޑާއި ސެޓްފިކެޓާއެކު 25،000ރ.ގެ ފައިސާގެ އިނާމެއް ދިންއިރު، ކުއްލި ހާލަތެއްގައި ނުވަތަ އާދަޔާ ޚިލާފު މަސައްކަތެއް ކުރިކަން ފާހަގަކޮށް ޝަހީދު ޖަމާލު އުމަރުގެ ނަމުގައި ޒުވާނަކަށް ހަނދާނީ ފިލައެއް ދިނެވެ.

އެވޯޑު ލިބުނު މީހުން:

- ވިޔަފާރި އާއި އިގްތިސާދުގެ ދާއިރާ: އަހުމަދު ގާލިބު

- އާޓްސް އެންޑް ކަލްޗާ: ހުސެއިން ޝިހާމު

- މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުން: އަލީ ނަސީމް

- ކުޅިވަރަށް ހިދުމަތް ކުރުން: އަހުމަދު ޝިހާމު

- ދަރުމަވެރިކަން: އަހުމަދު ނަޝީދު

- ވޮކޭޝަނަލް ޓްރެއިނިން: މުހައްމަދު ޒައުޝަން

- ދުޅަހެޔޮ އާއިލާ: އަހުމަދު ޝާފިއު

- ޝަހީދު ޖަވާދު އުމަރު: އަހުމަދު ޝާފިއު

ވިޔަފާރި އާއި އިގްތިސާދުގެ ދާއިރާއިން އެވޯޑު ހޯދި ގާލިބު ވިޔަފާރީގެ ދާއިރާއަށް ނިކުތީ 2010 ގަ އެވެ. ވިކްޓަރީ ސްޕޯޓްސް ކުލަބުގެ މެނޭޖަރުކަން ކުރާ ގާލިބު ވިޔަފާރީގެ ދާއިރާގައި އުޅޭތާ ހަތް އަހަރުވެއްޖެ އެވެ. ވަށަފަރަށް އުފަން ޒުވާން ވިޔަފާރިވެރިޔާގެ މިހާރު ރަށުގައި ފިހާރަ އާއި ކެފޭއެއް ހިންގަ އެވެ. އަދި ވިޔަފާރި އިތުރަށް ފުޅާކޮށް މާލޭގައި އޭނާ ގެންދަނީ ހޯލް ސޭލް ފިހާރައެއް ހިންގަމުންނެވެ.

ރައީސް ޔާމީން، މިރޭ ޒުވާނަކަށް އެވޯޑު ދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން، މިރޭ ޒުވާނަކަށް އެވޯޑު ދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އާޓްސް އެންޑް ކަލްޗާ ދާއިރާއިން އެވޯޑު ހޯދި ހުސެއިނަކީ 2002 ވަނަ އަހަރުން ފެށިގެން ވޭތުވެދިޔަ 16 އަހަރުގެ ތެރޭގައި ފޮޓޯގްރަފީ ދާއިރާއިން ގިނަ ހިދުމަތްތަކެއް ކުރި ޒުވާނެކެވެ. ފޮޓޯގްރަފީގެ އިތުރުން އޭނާއަކީ މާކެޓިން، އެޑްވަޓައިޒިން، އިވެންޓްސް ފަދަ ދާއިރާތަކުގައި ހަރަކާތްތެރިވާ ޒުވާނެކެވެ. ކްލިކްސް މީޑިއާގެ ނަމުގައި ފާމްއެއް ހަދައި، އޭނާ ވަނީ ކާމިޔާބު މަސައްކަތްތަކެއް މިހާތަނަށް ހާސިލްކޮށްފަ އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކޮށްގެން އެވޯޑު ހޯދި އަލީ ނަސީމު އެންމެ ފުރަތަމަ މަސްތުވާއެއްޗެއް ބޭނުން ކުރަން ފެށީ ނުވަ އަހަރުގަ އެވެ. އޭނާއަކީ މިހާރު އެކަމުން ސަލާމަތްވެ، ޖާނީގެ ނަމުގައި އުފެއްދި ޖަމިއްޔާގައި ބައިވެރިވެ، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ މީހެކެވެ. މަސްތުވާތަކެތި ބޭނުންކުރާ ކުދިންނަށް ކައުންސިލިން ދީ، ރީހެބަށް ފޮނުވުމުގެ މަސައްކަތުގައި ބޮޑު ދައުރެއް އެ ޒުވާނާ ދަނީ އަދާކުރަމުންނެވެ.

ޒުވާނުންގެ އެވޯޑު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާ. ފޮޓޯ: ރައީސް އޮފީސް

ޒުވާނުންގެ އެވޯޑު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާ. ފޮޓޯ: ރައީސް އޮފީސް

ކުޅިވަރަށް ހިދުމަތް ކުރުމުގެ ދާއިރާއިން އެވޯޑު ހޯދި އަހުމަދު ޝިހާމު ކުޅިވަރުގެ ދާއިރާއަށް ނިކުމެފައިވަނީ 1999 ވަނަ އަހަރު ބެޑްމިންޓަން އޮފިޝަލެއްގެ ގޮތުގަ އެވެ. އެ ރޮނގުން ކުރިއަށް ދިއުމުގެ ވަރުގަދަ އަޒުމުގައި ބައިވެރިވެ، ގިނަ މުބާރާތްތަކާއި ކޯސްތަކުގައި ގިނަ ކާމިޔާބުތަކެއް އޭނާ ހޯދި އެވެ. ބެޑްމިންޓަން އޭޝިއާގައި އެކްރެޑިޓް އަމްޕަޔަރެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ މަދު ދިވެހިންގެ ތެރެއިން ދިވެއްސެކެވެ. ގިނަ މުބާރާތްތަކެއްގައި އޭނާ ވަނީ އަމްޕަޔަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

ދަރުމަވެރިކަމުގެ ދާއިރާއިން އެވޯޑު ހޯދި އަހުމަދު 2000 ވަނަ އަހަރު ސްކައުޓް ހަރަކާތާ ގުޅުނުއިރު، އޭނާ ވަނީ ސްކައުޓް ލީޑަރެއްގެ ގޮތުގައި މާލެ އާއި އަތޮޅުތެރޭގައި ހަރަކާތް އުނގަންނައި ދިނުމަށް މަސައްކަތްކޮށްފަ އެވެ. އަދި ތިމާވެށި ހިމާޔަތް ކުރުމަށް ބޮޑު މަސައްކަތްތަކެއް ކުރަމުން އަންނަ ޒުވާނެކެވެ. އެގޮތުން އާތު އަވާ ފާހަގަ ކުރުމަށް ރާއްޖެ އާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުރާ މަސައްކަތުގައި އޭނާގެ ބައިވެރިވުން ވެސް އޮވެ އެވެ. އަހުމަދު މޯލްޑިވްސް ރެޑްކްރެސެންޓުގެ މެމްބަރެއްގެ އިތުރުން އެތަނުގެ ހަޒާންދާރެވެ.

ވޮކޭޝަނަލް ޓްރެއިނިން ދާއިރާއިން އެވޯޑު ހޯދި ޒައުޝަނަކީ ބިޒްނަސް ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކޮށްފައިވާ ޒުވާނެކެވެ. ޒައުޝަނަކީ ޕްރޮފެޝަަނަލް ޑިވެލޮޕްމަންޓް ދާއިރާއިން އާންމު ހިދުމަތް ދިނުމުގައި ދެމިހުރި ޒުވާނެކެވެ. ސިވިލް ސާވިސް އާއި ބައެއް މުއައްސަސާތަކުގައި މަސައްކަތް ކުރަމުން އަންނަ ގިނަ މުވައްޒަފުންތަކަކަށް އޭނާ ވަނީ ތަމްރީން ދީފަ އެވެ.

ދުޅަހެޔޮ އާއިލާގެ ދާއިރާއިން އެވޯޑު ހޯދި މާރަންދޫ އަށް އުފަން އަހުމަދު ޝާފިއުއަކީ ރާނައި ސިމެންތި ޖެހުން ފަދަ، މަސައްކަތްތައް ކުރަމުން އަންނަ މީހުންނާ ގުޅޭ ޒުވާނެކެވެ. އެ މަސައްކަތްތަކުގެ ސަބަބުން އޭނާއަށް ރަނގަޅު އާމްދަނީއެއް ލިބެމުން ދިޔަ އެވެ. އަދި 2014 ގައި އަމިއްލަ ގޮތުން ކައުންސިލަށް ކުރިމަތިލައި، އިންތިހާބުވެ، ކައުންސިލްގެ ނައިބު ރައީސްކަން ކުރި އެވެ. އަދި އޭނާ މިހާރު ގެންދަނީ އަމިއްލަ ގޭގައި ގެސްޓް ހައުސްއެއް ހަދައި، އަމިއްލަ ފިހާރައެއް ވެސް ހިންގަމުންނެވެ.

ޝަހީދު ޖަވާދު އުމަރު އެވޯޑު ހާސިލް ކުރި އަހުމަދު ޝާފިއުއަކީ ދެމައިންގެ ފުރާނަ ސަލާމަތް ކުރުމުގައި ނަމޫނާ ދެއްކި ހިތްވަރުގަދަ ފުލުހެކެވެ. ދެހާސްތޭރަ ވަނަ އަހަރު ހިނގި އެ ހާދިސާގައި ސަލާމަތްކޮށްދިނީ ފަސް އަހަރުގެ ކުޑަ ކުއްޖަކާއި އެ ކުއްޖާގެ މަންމަ އެވެ.