24 ނޮވެމްބަރ 2022
މި މަންޒަރުތައް މި ރަށް ފިޔަވައި ރާއްޖޭގެ، މީހުންގެ އުޅޭ އެހެން އެއްވެސް ރަށަކުން ނުފެންނާނެ އެވެ. މިއީ މާފުއްޓެވެ. ރާއްޖޭގެ ރަށަކަށް ބަލާއިރު، އެއް ރަށަކުން އެންމެ ގިނަ ޓެކްސް ދައްކާ ރަށެވެ. މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން އެންމެ ގިނަ ގެސްޓް ހައުސް ހުރި ރަށެވެ. އަދި، ރިސޯޓް ފިޔަވައި އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރާ ރަށް ވެސް މެ އެވެ.
މި މަންޒަރުތައް މި ރަށް ފިޔަވައި ރާއްޖޭގެ، މީހުންގެ އުޅޭ އެހެން އެއްވެސް ރަށަކުން ނުފެންނާނެ އެވެ. މިއީ މާފުއްޓެވެ. ރާއްޖޭގެ ރަށަކަށް ބަލާއިރު، އެއް ރަށަކުން އެންމެ ގިނަ ޓެކްސް ދައްކާ ރަށެވެ. މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން އެންމެ ގިނަ ގެސްޓް ހައުސް ހުރި ރަށެވެ. އަދި، ރިސޯޓް ފިޔަވައި އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރާ ރަށް ވެސް މެ އެވެ.
މިއީ މީގެ 13 އަހަރު ކުރީގެ މާފުއްޓެއް ނޫނެވެ. ރަށް ވަނީ ހަލަބޮލިވެފަ އެވެ. އިރު އެރީއްސުރެ މެންދަމުން އަލިވަންދެން ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ ޓޫރިސްޓުންނެވެ. މަގުތަކުގައި މީގެ 13 އަހަރު ކުރިން ފެނުނު ދިރިއުޅުމުގެ ހަމަ އެއްވެސް މަންޒަރެއް މިހާރަކު ފެންނާކަށް ނެތެވެ. މާފުށީ ރައްޔިތުން ވެސް އެއާ އެކު ބަދަލުވެއްޖެ އެވެ. ހުރިހާ މަސައްކަތެއް ބިނާ ވެފައި އޮތީ ޓޫރިޒަމަށެވެ. ރަށުގެ ރައްޔިތުންގެ ތެރެއިން އެންމެންހެން ވެސް އުޅެނީ ޓޫރިޒަމްގެ ތެރޭގަ އެވެ. ނުވަތަ އެއާ ގުޅިފައިވާ ކޮންމެވެސް ކަމެއްގެ ތެރޭގަ އެވެ.
ރަށުގެ ހުރިހާ ކަމެއް ބަދަލުވިޔަސް، މި ރަށުގައި ބަދަލު ނުވާ ކަމެއް އެބައޮތެވެ. އެއީ ތަރައްގީ އެވެ. ރަށުގެ އުމްރާނީ ކުރިއެރުމެވެ. ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 200 މިލިއަން ރުފިޔާ ޓެކްސް އަށް ދެއްކިޔަސް، ރައްޔިތުންގެ ދިރިއުޅުމަށާއި ރަށުގެ ތަރައްގީ އަށް އޭގެ މާ ބޮޑު އެނގުމެއް ނުވެ އެވެ. ބޮޑެތި ލަގްޒަރީ ޓޫރިސްޓް ހޮޓާތައް ބަރިބަރި އަށް ޖަހަމުން ދާއިރު އެ ޓޫރިޒަމްގެ ހަގީގީ ފައިދާ ރައްޔިތުންނަށް ކުރޭތޯ، މިއީ އެ ރަށު ރައްޔިތުން ވެސް ހިތާހިތާ ސުވާލު އުފައްދާ ކަމެކެވެ.
"މިހާރު"ގެ ޓީމެއް މިދިޔަ ހަފުތާގައި އެ ރަށަށް ކުރި ދަތުރުގައި އެ ރަށުގެ ވަރަށް ގިނަ މީހުންނާ ކުރި އެއް ސުވާލަކީ؛ މިވަރުގެ ޓޫރިޒަމެއް އޮތް އިރު، ވާ ފައިދާއަކީ ކޮބައިހެއްޔޭ އެވެ؟
ގިނަ މީހުންގެ ޖަވާބަކީ މި އެވެ: "ވީ ހަމައެއް ކަމެއް ވެސް ނެތެވެ. އަހަރެމެން ދައުލަތަށް ދައްކާ ފައިސާ އަށް ވާނުވާއެއް ނޭނގެ އެވެ."
މާފުށީގައި ފެން ހެދިފައިވާ މަގަކުން ޓޫރިސްޓުން މިދިޔަ ހުކުރު ދުވަހު ހިނގާފައި ދަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭގެ ހަގީގީ މަންޒަރަކީ މި އެވެ؛ ބަނދަރު އޮތީ ފުރި ބާރުވެފަ އެވެ. ޕީކް ގަޑިތަކުގައި ބައެއް އުޅަނދުފަހަރަށް ބަނދަރުން ޖާގަ ނުލިބިގެން، އެހެން އުޅަނދެއް ފަޅުން ނުކުންނަންދެން މަޑުކޮށްގެން އޮންނަން ޖެހޭ ހާލަތްތައް ގިނަ އެވެ.
އިންޖީނުގެއެއް ނެތެވެ. ރަށުގައި ބޭނުންކުރާ ކަރަންޓް އިތުރުވާތީ ގެންދިޔަ ޖަނަރޭޓަރުތައް ކޮންޓެއިނަރެއްގައި ބަހައްޓައިގެން ހިންގާތާ ލައްކަ ދުވަސް ވެއްޖެ އެވެ.
މަގުތައް އޮތީ ވަރަށް ހާލުގަ އެވެ. މަގު ހެދުމުގެ ވާހަކަތައް ދެކެވޭތާ ލައްކަ ދުވަސްވެއްޖެ އެވެ. ވާރޭކޮޅެއް ވެހިލާ އިރަށް މަގުތައް އޮންނަނީ ޗަކަވެފަ އެވެ.
އެހާ ގިނަ އަދަދެއްގެ ޓޫރިސްޓުން އެ ރަށަށް ދާއިރު، ރަށަށް ފައިބާއިރު ހިޔާވެލާނެ އެކަށީގެންވާ ތަންކޮޅެއް ވެސް ނެތެވެ. ވާރޭ ވެހޭ ދުވަހެއްގައި ފޮށިތަންމަތި ހިފައިގެން ތިބެން ޖެހެނީ ވެސް ފެންގަނޑުގެ ތެރޭގަ އެވެ. އަދި ބައެއް ޓޫރިސްޓުން ގެސްޓް ހައުސް އަށް ވެސް ވާރޭ ތެރޭގައި ދާ ތަން ފެނެ އެވެ.
ކުނީގެ މައްސަލަ އޮތީ އިންތިހާ އަށް ބޮޑުވެފަ އެވެ. ކުނި މެނޭޖް ކުރާނެ ގޮތެއް ނެތެވެ. މި ރަށުގެ ކުނިގޮނޑުގެ މައްސަލަ އަކީ ޓޫރިސްޓުން ވެސް މީގެ ކުރިން ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރި ކަމެކެވެ.
ބިން ފުރިއްޖެ އެވެ. ޓޫރިޒަމްގެ އެކި ބޭނުންތަކަށް މި ރަށުގެ ބިމުން ބޮޑު ބައެއް ކުއްޔަށް ދީފައިވާތީ ގޯތި ދޭނެ ހަމަ އެންމެ ތަންކޮޅެއް ވެސް ނެތެވެ. އަލަށް ބިމެއް ހިއްކިޔަސް އެ ބިން ބޭނުންކުރާކަށް ނުފެށެވެ. ބިން ހިއްކަން ސަރުކާރުން ނިންމީ ވެސް، އެތައް ދުވަހަކަށް ފަހު، އަދި އެތައް އާދޭހަކަށް ފަހު އެވެ.
މި ރަށުގެ މޫދުގެ އެންމެ ރީތި ސަރަހައްދު އޮތީ ޓޫރިސްޓުންނަށް ދީފަ އެވެ. އަމިއްލަ ރަށުގައި، މޫދަށް އެރިލާނެ ހިތް ފަސޭހަ ތަންކޮޅެއް ނެތެވެ.
ނަރުދަމާގެ މައްސަލަ އޮތީ "ގޮވަން ކައިރިވެފައިވާ ބޮމަކަށް" ވެފަ އެވެ. ރަށުގެ އާބާދީއާ ނުބައްދަލު އަދަދަކަށް [ރައްޔިތުންނާއި ޓޫރިސްޓުން އަދި ޖަލު ހިމެނޭގޮތަށް] އުޅޭތީ ނަރުދަމާގެ މައްސަލަ މިހާރު ވެސް ކުރިމަތިވެފަ އެވެ. ދޭތެރެ ދޭތެރެއިން މަގުތަކަށް ނަޖިސް ބޭރުވެ އެވެ. ބައެއް މީހުން މިސާލު ޖަހަމުން ބުނި ގޮތުގައި، "ފާހާނާ ފްލަޝް ކުރަން ޖެހެނީ ވެސް އެކި ގޭގެއަށް ވަގުތު ބަހައިގެން"ނެވެ. މި ރަށުގެ ނަރުދަމާ އަކީ މީގެ ތިރީހަކަށް އަހަރު ކުރިން އަޅާފައިވާ، ސެޕްޓިކް ޓޭންކް ނަރުދަމާ އެކެވެ.
މާފުށީ މަގަކުން އެ ރަށު މީހަކު ސައިކަލްގައި ދަނީ: ރަށުގެ ތަރައްގީއާ ދޭތެރޭ ރައްޔިތުންގެ ޝަކުވާ ވަރަށް ބޮޑު -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި ރަށުގެ މީހުން ބުނާ ގޮތުގައި، އެއްވެސް ކަމެއް ނުކޮށް ހުރި ކުދިކުދި ރަށްރަށަށް ވުރެ މާފުށި ތަރައްގީ ވާލެއް މާ ލަހެވެ. އެއީ، ރަށު ރައްޔިތުން ބުނާ ގޮތުން ސަރުކާރުތަކުގެ ވަރަށް ބޮޑު އިހުމާލެކެވެ.
"މީހުން ހީކޮށްފާނެ، މި ރަށަށް ޑޮލަރު ލިބޭތީ، އަހަރެމެންނަށް ވެސް ވަރަށް ފަސޭހައިން ޑޮލަރު ލިބެއޭ. ނޫން... އަހަރެމެން ވެސް ޑޮލަރު ހަމަ ގަންނަން ޖެހެނީ ބްލެކް މާކެޓް ރޭޓުން ހަމަ އެއްއަގެއްގައި،" މި ރަށުގެ މީހަކު ބުންޏެވެ.
ރައްޔިތުންގެ އަސާސީ ހިދުމަތްތަކަށް އިހުމާލުވެފައިވާ ކަމަށް ރައްޔިތުން ބުނަމުން ދިޔަޔަސް، ކައުންސިލްގެ ރައީސް ހަސަން ސޮލާހު އެ ވާހަކަ މުޅިން ގަބޫލެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވަނީ، މި ސަރުކާރު އައި ފަހުން މާފުށީގެ ތަރައްގީ އަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ.
"އެކަމަކު އަޅުގަނޑު ވެސް ގަބޫލުކުރަން މާފުށި އޮންނަން ޖެހޭނީ މި ފެންވަރުގައި ނޫން ކަމަށް،" އޭނާ ވިދާޅުވި އެވެ.
"ގެސްޓް ހައުސްތައް ކުރިއަރައިގެން ދިޔަ ސްޕީޑް ވަރަށް ބާރު. އެކަމަކު އެހެން ޔުޓިލިޓީ ހިދުމަތްތައް މިހިރީ ހުއްޓިފައި. ދެ އިންޖީނު ވެސް ކޮންޓެއިނަރަށް ލައިގެން އެބަ ހިންގަން. މި ރަށުން ހަމައެކަނި ފެންނަން ހުރީ ގެސްޓް ހައުސްތަކެއް ފެންނަން އެކަނި،" އޭނާ ވިދާޅުވި އެވެ.
ސޮލާހު "މިހާރު" އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި އަހަރުގެ ނިމިގެން ދިޔަ ކުއާޓަރަށް ބަލާއިރު، ބައެއް ގެސްޓް ހައުސްތަކުން 90،000 ޑޮލަރު ޓެކްސް އަށް ދައްކާފައިވާ ކަމަށް ސޮލާހު ވިދާޅުވި އެވެ. އޭގެ މާނައަކީ، އޭނާ ވިދާޅުވި ގޮތުގައި ރަށުގެ ޓޫރިޒަމަށް ވެސް އަދި ރައްޔިތުންނަށް މިހާރަށް ވުރެ ބޮޑަށް ސަރުކާރުން އަޅާލަން ޖެހޭ ކަމެވެ.
އަޅުގަނޑު ދަންނަވާނީ ދުނިޔޭގައި ވެސް އެންމެ އަވަހަށް ކުރިއަށް ދިޔަ ތަނަކަށް ހިމެނޭނެއޭ މާފުށި. އެކަމަކު އެވަރަށް ސަރުކާރުތަކަށް އެކަމަށް އަޅާނުލެވިފައި ހުރީ -- ކައުންސިލްގެ ރައީސް
"އަޅުގަނޑު ދަންނަވާނީ ދުނިޔޭގައި ވެސް އެންމެ އަވަހަށް ކުރިއަށް ދިޔަ ތަނަކަށް ހިމެނޭނެއޭ މާފުށި. އެކަމަކު އެވަރަށް ސަރުކާރުތަކަށް އެކަމަށް އަޅާނުލެވިފައި ހުރީ،" އޭނާ ވިދާޅުވި އެވެ.
އެ ޝަކުވާތައް ރައްޔިތުން ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރަށުގެ ބައެއް މީހުން ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކޮށް ޕްރެޝާކޮށް، އަދި ސޯޝަލް މީޑިއާގައި ވެސް އެ ޕްރެޝާ ކުރަމުންދާ ކަމަށް ސޮލާހު ވިދާޅުވި އެވެ.
"މިހާވަރުގެ ބޮޑު ޓެކްސްއެއް ދައްކާ ނަމަ، އަޅުގަނޑު ގަބޫލުކުރަން އެހެން ރަށްރަށަށް ވުރެ މާފުއްޓަށް ދެވެން ޖެހޭ އިސްކަން ވެސް ބޮޑުވާން ޖެހޭނެ ކަމަށް."
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ރަށުގައި މިހާރު އޮންނަން ވާނެ އެންމެ ފެންވަރު ރަނގަޅު ސިއްހީ ނިޒާމެއް ގާއިމް ކުރެވިފައި. އަހަރެއްގެ ތެރޭގައި ދެތިން ޓޫރިސްޓުން އެބަ ވޯޓާ ސްޕޯޓްސްގެ ތެރޭގައި ވެސް މަރުވޭ. ޖެހިޖެހިގެން ބޮޑެތި ހައިރައިޒް ބިލްޑިންގުތައް މިހިރީ. މިތާކު ނެތް އަލިފާން ފޯވެއްޖިއްޔާ އެ ނިއްވާނެ ވަސީލަތެއް."
އެކަމަކު އޭނާ ވިދާޅުވި ގޮތުގައި، މި ސަރުކާރު އައިފަހުން މާފުއްޓަށް ވަނީ ތަރައްގީގެ ކޮންމެވެސް ވަރެއްގެ އުންމީދެއް ލިބެން ފަށައިފަ އެވެ. އަދި ރަށުގައި ހުރި އެކަހަލަ ކޮންމެ މައްސަލައަކަށް ވަކިވަކިން ފޯކަސްކޮށް އެކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަންސަވީސް ހެކްޓަރުގެ ބިމެއް ވެސް ހިއްކައިދީފި. އެތަން ހިއްކަމުން ދަނިކޮށް އަޅުގަނޑުމެން އެދުނީ ޕިކްނިކް އައިލެންޑެއް ހަދަން. އެތަން ވެސް ހަމަޖައްސައިދީފި. ދެން އޮތީ މަގުތަކުގެ މައްސަލަ. ސަރުކާރަށް ދަންނަވާފައިވާނެ މި ރަށުގެ މަގުތައް ހަދަން ވެސް،" އޭނާ ވިދާޅުވި އެވެ.
"މި ސަރުކާރު އައިއިރު އެތެރެހަށީގެ ޑޮކްޓަރެއްހާ ހިސާބު ވެސް ނެތް. ސިއްހީ މަރުކަޒުގައި މިހާރު އެކަން ހަމަޖެހިއްޖެ. އެކްސްރޭ ނެގޭނެ ގޮތް ވެސް ހަމަޖައްސައިދީފި. ވަރަށް ފަހުން އަޅުގަނޑުމެން އެދުނީ އަންހެނުންގެ ޑޮކްޓަރެއް ވެސް ހޯދައިދޭން. އެކަން ވެސް ހަމަޖައްސައިދީފި. ސްކޫލުން އެދުނީ ސިންގަލް ސެޝަން އަށް ބަދަލުކުރަން. އެކަން ވެސް އެބަ ކުރިއަށް ދޭ. މާފުށީ ޒުވާނުން އެދުނީ ބޮޑު ދަނޑުގައި ޓާފް އަޅަން. ޓާފް އަޅަމުން ދިޔައިރު އެދުނު ލައިޓް ޖަހަން. އެކަން ވެސް މިހާރު އެ ކުރަނީ."
މާފުށީ ދެ މީހަކު ޑިންގީއެއްގައި: ރަށުގެ ތަރައްގީއާ ދޭތެރޭ ރައްޔިތުން ހިތްހަމައެއް ނުޖެހޭ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާ ވިދާޅުވީ މިވަރުގެ ބޮޑު އިންޑަސްޓްރީއެއް އޮތް ރަށެއްގައި ގާއިމް ކުރަން ޖެހޭ އެހެން ވަސީލަތްތައް ވެސް އެބަހުރި ކަމަށެވެ.
އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން އިމަޖެންސީ ހިދުމަތް ދޭނެ ތަނެއް. އިމަޖެންސީ ވަރަށް ގިނަ ކަންކަން އެބަ ހިނގާ މި ރަށުގައި. ފަޔާ އެންޑް ރެސްކިއު އެއްވެސް ނެތް. އެކަމަށް އެމްއެންޑީއެފަށް ބިމެއް ހަމަޖައްސާފައި އޮންނަތާ ވެސް ވަރަށް ގިނަ ދުވަސްވެއްޖެ-- ކައުންސިލްގެ ރައީސް
"އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން އިމަޖެންސީ ހިދުމަތް ދޭނެ ތަނެއް. އިމަޖެންސީ ވަރަށް ގިނަ ކަންކަން އެބަ ހިނގާ މި ރަށުގައި. އެކަމަކު އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަންނަ އަހަރު އިމަޖެންސީ ރޫމަކާ އެކު ހެލްތު ސެންޓަރެއް އެބަ ހަދާ. ފަޔާ އެންޑް ރެސްކިއު އެއްވެސް ނެތް. އެކަމަށް އެމްއެންޑީއެފަށް ބިމެއް ހަމަޖައްސާފައި އޮންނަތާ ވެސް ވަރަށް ގިނަ ދުވަސްވެއްޖެ،" ސޮލާހު ވިދާޅުވި އެވެ.
ދެން އޮތީ ކުނީގެ މައްސަލަ އެވެ. ސޮލާހު ވިދާޅުވީ ކުނީގެ މައްސަލަ ވެސް މިހާރު އޮތީ ހައްލުވުމުގެ މަގުމަތީގައި ކަމަށެވެ.
"ކުނީގެ މައްސަލަ އަކީ މުޅި މި ރަށް އެކަންޏެއް ނޫން, މުޅި ރާއްޖެ އަށް ވެސް ކުރިމަތިވެފައި އޮތް ބޮޑު ޑިޒާސްޓާއެއް. މި ރަށުގައި ވެސް ނެތް އެ ނިޒާމް ގާއިމްކުރެވިފައި. އެކަމަކު އެކަން މިހާރު އޮތީ ސްޓެލްކޯ އާ ކޮންމެވެސް އުސޫލެއްގެ ދަށުން ޑިސެމްބަރުގައި ހަވާލު ކުރާ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
"ދެން އޮތީ ބަނދަރު އަޕްގެރޭޑް ކުރުން. ރައްޔިތުން އޭގެ ކޮންސެޕްޓްގެ އެޕްރޫވަލް ކޮށްފައި ކަމާ ބެހޭ ފަރާތަށް އޮތީ ހުށަހަޅައިފައި. އެ މަސައްކަތް މި އަހަރު ފެށޭތޯ ވަރަށް މަސައްކަތް ކުރާ ކަމަށް އެނގިފައި އޮތީ."
މާފުށި މާފުއްޓަކަށް ވީ ރައްޔިތުން ވަރަށް ބޮޑު ގުރުބާނީއެއް ވެގެންނެވެ. އޭގެ ބަދަލު އެ ރައްޔިތުންނަށް ލިބެން ޖެހޭނެ ކަމަށް ރައްޔިތުން ގަބޫލުކުރެ އެވެ. އަދި، ދައުލަތަށް އެހާ ބޮޑު ޓެކްސްއެއް ދައްކައި، ފައިސާ ވައްދަން ވަރުގަދަ އިންޖީނެއް ހިންގަމުން ގެންދާއިރު ސަރުކާރުން އެ ޓެކްސް ފައިސާކޮޅު "ޖީބަށްލައިގެން" ތިބުމަކީ މި ރަށުގެ ރައްޔިތުން ރުހޭނެ ކަމެއް ނޫނެވެ.
ހައްޖު ކޯޕަރޭޝަނުން މާފުށީގައި ސިޓީ ހޮޓަލެއް އަޅަނީ
ހަނީމޫނަށް މަރުގެ ނިމުމެއް، ދެއްކީ ހުސް އިހުމާލު!
މާފުށީ ކައުންސިލްގެ ހިސާބުތަކުން 13 މިލިއަނުގެ ފަރަގު
މާފުށިން އިތުރު 84 ގޯތި ދޫކުރަނީ
ރަށުންބޭރު މީހުންނަށް މާފުށިން ގޯތީގެ ފުރުސަތު ހަނި
މާފުށިން 2،000 އަކަފޫޓުގެ 308 ގޯތި ދޫކުރަނީ
ސަމާހުގެ ރާޅުތަކަށް ހެޔޮވަރުކޮށްލި އާ ދުނިޔެ!
އާންމުންގެ ހިޔާލު: މާފުއްޓަށް މިހެންވީ ކީއްވެ؟
މާފުއްޓަކީ ސަތޭކައިގެ ބްރޭންޑެއް؛ އުޖާލާ ޓޫރިޒަމެއް!
މިލިއަން ޑޮލަރުގެ ޓޫރިޒަމާއެކު ދިރިއުޅުން ފުނޑިއްޖެ!