Roadha Mihaaru
މާފުށީ ކައުންސިލްގެ ހިސާބުތަކުން 13 މިލިއަނުގެ ފަރަގު

މާފުށީ ކައުންސިލްގެ ހިސާބުތައް ދިމައެއް ނުވޭ، 13 މިލިއަން ރުފިޔާގެ ފަރަގެއް!

26 އޯގަސްޓް 2024

ކ. މާފުށީ ކައުންސިލުން މާލީ ހިސާބުތައް ރަނގަޅަށް ނުބަލަހައްޓާތީ، އެ ކައުންސިލްގެ އާމްދަނީ އާއި ހަރަދުތަކުގައި އެތައް މިލިއަން ރުފިޔާއެއްގެ ބޮޑު ފަރަގެއް ހުރިކަން އޮޑިޓް ރިޕޯޓަކުން ހާމަވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކ. މާފުށީ ކައުންސިލުން މާލީ ހިސާބުތައް ރަނގަޅަށް ނުބަލަހައްޓާތީ، އެ ކައުންސިލްގެ އާމްދަނީ އާއި ހަރަދުތަކުގައި އެތައް މިލިއަން ރުފިޔާއެއްގެ ބޮޑު ފަރަގެއް ހުރިކަން އޮޑިޓް ރިޕޯޓަކުން ހާމަވެއްޖެ އެވެ.

އޮޑިޓް އޮފީހުން މިދިޔަ އާދިއްތަ ދުވަހު އާންމުކުރި މާފުށީ ކައުންސިލްގެ 2021 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓާއި 2020 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ވަނީ އެ އިދާރާގައި ހުރި ވަރަށް ގިނަ ސީރިއަސް މައްސަލަތަކެއް ފެންމަތިވެފަ އެވެ.

އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ އެ ކައުންސިލަށް ފައިސާ ލިބުނު ގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާންތަކުގެ ރެކޯޑުތައް ނުވަތަ މާލީ ހިސާބުތައް ރަނގަޅަށް ބަލަހައްޓާފައި ނުވުމެވެ. އަދި އެކަން ކޮށްފައި ވަނީ ދައުލަތުގެ އިދާރާތަކުން މާލިއްޔަތު ބެލެހެއްޓުމުގައި އަމަލުކުރަން ޖެހޭ އުސޫލުތަކާ ހިލާފަށެވެ. ކައުންސިލަށް ލިބުނު ފައިސާގެ ގޮތުގައި މާލީ ބަޔާނުގައި ހިމަނާފައިވާ އަދަދާއި ކައުންސިލްގެ ރެކޯޑުތަކުން ދައްކާ އަދަދުތައް ދިމައެއް ނުވެ އެވެ.

އެ ރިޕޯޓުގައި ބުނި ގޮތުގައި، 2021 ވަނަ އަހަރު މާފުށީ ކައުންސިލަށް ލިބުނު ޖުމްލަ ފައިސާގެ ގޮތުގައި މާލީ ބަޔާނުގައި ހިމަނާފައި ވަނީ 14.2 މިލިއަން ރުފިޔާ އެވެ. ނަމަވެސް، ކައުންސިލުން އެކްސެލްގައި ތައްޔާރުކޮށްފައިވާ ދުވަހު ފޮތުގައި އެ އަހަރު ތެރޭގައި ލިބުނު ކަމަށް ރެކޯޑްކޮށްފައި ވަނީ ޖުމްލަ 1.1 މިލިއަން ރުފިޔާ އެވެ. އެއީ 13 މިލިއަން ރުފިޔާގެ ބޮޑު ފަރަގެކެވެ.

"އެހެންކަމުން، އަހަރު ތެރޭގައި ލިބުނު ފައިސާގެ ގޮތުގައި މާލީ ބަޔާނާއި ކައުންސިލްގެ ރެކޯޑުތަކުން ދައްކާ އަދަދާ ދެމެދު 13,095,583 ރުފިޔާގެ ފަރަގަހުރުން. މީގެ އިތުރުން ކައުންސިލުގެ އިދާރާއިން 2021 ވަނަ އަހަރު ފައިސާ ބަލައިގަތުމާއި ރެކޯޑްކުރުމުގައި ވިޔަ މޮޑިއުލް ބޭނުންކޮށްފައިނުވުން،" އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

އެ އަހަރު ކައުންސިލުން ކޮށްފައިވާ ޖުމްލަ ހަރަދުގެ ގޮތުގައި 7.2 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، އެ އަހަރު ކޮށްފައިވާ ހަރަދުގެ ގޮތުގައި ވިޔަ މޮޑިއުލްގައި ރެކޯޑްކޮށްފައި ވަނީ ޖުމްލަ 6.6 މިލިއަން ރުފިޔާ އެވެ. އެހެންވެ، 600،000 އެއްހާ ރުފިޔާގެ ފަރަގު ވަނީ ފާހަގަވެފަ އެވެ.

އެ ރިޕޯޓުގައި ބުނި ގޮތުގައި، ޑިސެމްބަރު 31، 2021 ގެ ނިޔަލަށް މާފުށީ ކައުންސިލުގައި ހުރި ފައިސާ އާއި ފައިސާގެ ގޮތުގައި ބެލެވޭ ތަކެތީގެ އަދަދަކީ ޖުމްލަ 10.6 މިލިއަން ރުފިޔާ އެވެ. ނަމަވެސް، ކައުންސިލުގެ އެ އަހަރު ތިޖޫރީ ރިޕޯޓާއި އެކައުންޓުގެ ބާކީ، މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ބަލަހައްޓާފައި ނުވުމުގެ ސަބަބުން، އަހަރު ނިމުނުއިރު ހުރި ފައިސާގެ ގޮތުގައި މާލީ ބަޔާނުގައި ހިމަނާފައިވާ އަދަދުތަކުގެ ސައްހަކަން ކަށަވަރު ނުކުރެވުނެވެ. މާލީ ބަޔާނަށް ވާގިދޭ ނޯޓުގައި، އަހަރު ނިމުނުއިރު ހުރި ޖުމްލަގެ ގޮތުގައި ހިމަނާފައި ވަނީ 9.9 މިލިއަން ރުފިޔާ އެވެ. އެހެންވެ، އެ އަދަދު ވެސް ދިމައެއް ނުވެ އެވެ.

އެ ފަރަގު އަންނަ ސަބަބު ކައުންސިލުން އޮޑިޓަރުންނަށް ކިޔައިދެވިފައި ނުވާތީ، އެ ފަރަގާ ގުޅިގެން މާލީ ބަޔާންތަކަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭކަން ނުވަތަ ނޫންކަން ވެސް ކަށަވަރު ނުކުރެވުނު ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

މާފުށީ ކައުންސިލުން 2021 ވަނަ އަހަރަށް ފާސްކުރި ބަޖެޓު އެކި ފަންޑުތަކަށް ބެހިގެންދާ ގޮތުގެ ތަފުސީލު ހިމެނޭ ލިޔެކިޔުންތައް އޮޑިޓަށް ފޯރުކޮށްދީފައިނުވުމުގެ ސަބަބުން، މާލީ ބަޔާނުގައި، ފާސްކުރި ބަޖެޓާއި ފައިނަލް ބަޖެޓުގެ ގޮތުގައި ހިމަނާފައިވާ 12.5 މިލިއަން ރުފިޔާގެ ސައްހަކަން ވެސް ކަށަވަރެއް ނުކުރެވުނެވެ.

އައިޑީކާޑުގެ ފައިސާ ނެގުމުގައި އޮޅުވާލުން

• އައިޑީކާޑާ ގުޅޭ އާމްދަނީގެ ފައިސާ ގަވާއިދާ އެއްގޮތަށް ބަލަހައްޓާފައި ނުވުމާއި އެ މައްސަލާގައި އޮޑިޓަރުންނަށް ސައްހަ ނޫން މައުލޫމާތު ދީފައިވުން. އައިޑީކާޑަށް ލިބުނު ފައިސާ ބަހައްޓާފައި ހުރީ ވެސް އެފަދަ ތަކެތި ބަހައްޓަން ޖެހޭ ކަހަލަ ރައްކާތެރި ތަނެއްގައެއް ނޫން. އޮޑިޓަރުންނަށް އެ ފައިސާ ފެނުނީ ކައުންސިލް މުވައްޒަފެއްގެ މޭޒުގެ ވަތްގަނޑުންނާއި ކައުންސިލުގެ އެހެން އިމާރާތެއްގައި ހުރި ފައިލިން ކެބިނެޓަކުން. އެ ފައިސާ އެއްވެސް އިރަކު ކައުންސިލް އިދާރާގެ ތިޖޫރީގައި ރައްކާކޮށްފައެއް ނުވޭ.

• އައިޑީކާޑުގެ ފައިސާގެ ގޮތުގައި ކައުންސިލަށް 2019 ވަނަ އަހަރުން ފެށިގެން ނޮވެމްބަރު 15، 2022 ގެ ނިޔަލަށް 120،600ރ. ލިބެން ޖެހޭ. ނަމަވެސް، އެ މުއްދަތުގައި ޑީއެންއާރުއަށް ލިބިފައި ވަނީ އެންމެ 3،500ރ.

• އޮޑިޓަރުން ކުރި މަސައްކަތުން ވަނީ މާފުށީ ކައުންސިލުން ޑީއެންއާރުއަށް އަދިވެސް ނުދައްކާ ހުރި 117،100ރ. ތެރެއިން 69،700ރ. ހޯދައިފައި. އެކަމަކު އެ އަދަދުން ބާކީވާ 45،750ރ. ނުފެނުނު. އެ ފައިސާއަށް ވީގޮތެއް ކައުންސިލަށް ބުނެ ނުދެވުނު.

• އައިޑީކާޑު ބަލައިގަތުމާއި އެއަށްވާ ފައިސާ ބަލައިގަތުމުގެ ރެކޯޑުތައް ވެސް ރަނގަޅަށް ބަލަހައްޓާފައެއް ނުވޭ.

ކ. މާފުށީގެ މަގެއް: އެ ރަށު ކައުންސިލްގެ ހިސާބުތައް ދިމާނުވާކަން އޮޑިޓް ރިޕޯޓަކުން ވަނީ ހާމަވެފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކ. މާފުށީގެ މަގެއް: އެ ރަށު ކައުންސިލްގެ ހިސާބުތައް ދިމާނުވާކަން އޮޑިޓް ރިޕޯޓަކުން ވަނީ ހާމަވެފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އޮޑިޓުން ފާހަގަވި އެހެން ބައެއް މައްސަލަތައް

• ކައުންސިލަށް ލިބޭ ގިނަ އަދަދެއްގެ ފައިސާ ބޭންކް އެކައުންޓަށް ޖަމާނުކޮށް، ތިޖޫރީގައި ބަހައްޓައިގެން ހަރަދުކުރުން. އެ އަހަރު މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނުވޭ.

• ކުއްޔަށް ދޫކުރާ ތަންތަނުގެ ރަޖިސްޓަރީ ފުރިހަމައަށް ބަލަހައްޓާފައި ނުވުމާއި އެއްބަސްވުމެއް ނެތި ދައުލަތުގެ މުދާ ކުއްޔަށް ދޫކޮށްފައިވުން.

• ބިމު ކުލީގެ ގޮތުގައި ލިބެން ޖެހޭ ފައިސާގެ ރެކޯޑް ބަލަހައްޓާފައި ނުވުމާއި އެ ފައިސާ ހޯދަން މަސައްކަތްކޮށްފައި ނުވުން.

• މާފުށީ ސިއްހީ މަރުކަޒު މަރާމާތުކުރުމުގެ މަސައްކަތުގެ ބިޑިންގެ މަރުހަލާގައި ގޯސްތައް ހަދާފައިވުން.

• ކުޑަކުދިންގެ ޕާކެއް ހެދުމުގެ މަސައްކަތް ވަކިވަކި މަސައްކަތްތަކެއްގެ ގޮތުގައި އެކި ފަރާތްތަކާ ހަވާލުކޮށް ދައުލަތުގެ ޕްރޮކިއުމަންޓް އުސޫލާ ހިލާފުވެފައިވުން.

• ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ބައެއް މަސައްކަތްތަކަށް އެޑްވާންސްކޮށް ފައިސާ ދީފައިވުން.

• ގަވާއިދާ ހިލާފަށް ބައެއް މަސައްކަތްތަކުގެ މުއްދަތު އިތުރުކޮށްދީފައިވުން.

• ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި 2020 ވަނަ އަހަރު ކައުންސިލްގެ ބިޑް ކޮމިޓީ އުފެއްދުން.

• މުދަލާއި ހިދުމަތް ހޯދުމުގައި ގަވާއިދާ އެއްގޮތަށް އަމަލުކޮށްފައި ނުވުން.

• ސިވިލް ސާވިސް ކޮމިޝަނުން ހުއްދަ ދީފައިވާ އިދާރީ އޮނިގަނޑުގެ ބޭރުން އަދި އެ ކޮމިޝަންގެ އެއްވެސް ދައުރެއް ނުވަތަ ހުއްދައެއް ނެތި، ކައުންސިލުގެ މުވައްޒަފުންނަށް މުސާރަ ދީ ހަރަދުތައް ކޮށްފައިވުން. އެގޮތަށް 2020 ވަނަ އަހަރު ހަތް މުވައްޒަފެއް އަދި 2021 ވަނަ އަހަރު 10 މުވައްޒަފެއް ކައުންސިލަށް ނަގާފައިވޭ.

• ފައިސާ ނުދައްކާ ހުރި ބިލުތަކުގެ ހިސާބުތައް ގަވާއިދުން ބަލަހައްޓާފައި ނުވާތީ، ކައުންސިލަށް ނުލިބި ހުރި ފައިސާގެ ޖުމްލަ އެނގެން ނެތް.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރިކުރާ މާފުށީގެ ކައުންސިލާ ގުޅޭ އަދިވެސް ވަރަށް ގިނަ މައްސަލަތައް މި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މާފުށީ ކައުންސިލުން 2021 ވަނަ އަހަރު ތައްޔާރުކޮށްފައިވާ މާލީ ބަޔާނުގައި، އެ އިދާރާއަށް ލިބުނު ފައިސާ އާއި އެ ފައިސާއިން ކުރެވުނު ހޭދަ އާއި އަހަރު ނިމުނުއިރު ބާކީ ހުރި ފައިސާ އާއި އެ އަހަރަށް ފާސްކުރެވުނު ބަޖެޓާ އަދި އެ ބަޖެޓުން ކުރި ހޭދަ ތެދުވެރިކަމާ އެކު، ހަގީގަތާ އެއްގޮތަށް ހިމަނާފައި ނުވާ ކަމަށް އޮޑިޓް އޮފީހުގެ ރިޕޯޓުގައި ބުންޏެވެ.