Roadha Mihaaru
ހަލަބަށް ބޮން އެޅުމުގައި މައްސަލައެއް ނެތް: ބައްޝާރު

ހަލަބަށް ބޮން އެޅުމުގައި މައްސަލައެއް ނެތް: ބައްޝާރު

10 ޖެނުއަރީ 2017

ސީރިއާ ސަރުކާރު ސިފައިން އެ ގައުމުގެ ހަލަބުގެ އިރުމަތީ ސަރަހައްދު ހިފުމަށް ދިން ހަމަލާތަކުގައި ކުށެއް ނެތް އެތައް ބަޔަކު މަރުވެފައި ވިޔަސް އެ ހަމަލާތަކުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ރައީސް ބައްޝާރުލް އަސަދު ވިދާޅުވެއްޖެ އެވެ.

"މިއީ ބައެއް ފަހަރު އަދާކުރަންޖެހޭ އަގު. އެކަމަކު ނަތީޖާ އަކީ ރައްޔިތުން ޓެރަރިސްޓުންގެ ކިބައިން ސަލާމަތްވުން،" ފްރާންސްގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބައްޝާރު ވިދާޅުވި އެވެ.

ހަނގުރާމަވެރިންގެ އަތުން ހަލަބު އަތުލަން ދިން ހަމަލާތަކުގެ ފަހު މަރުހަލާގައި އެތައް ބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ދީފައި ވާއިރު މިއީ ހަނގުރާމައިގެ ޖަރީމާގެ ގޮތުގައި ބެލެވިދާނެ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ.

ބައްޝާރާ ދެކޮޅަށް މީގެ ފަސް އަހަރު ކުރިން ފެށި ހަނގުރާމާގައި ހަލަބުން އެކަނި ވެސް އާންމުންގެ 21،500 މީހަކު މަރުވެފައިވާ ކަމަށް އަންދާޒާކުރެވިފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެ އެވެ. ބައްޝާރު ވިދާޅުވީ "ކޮންމެ ހަނގުރާމަ އަކީ ވެސް ގޯސް ހަނގުރާމައެއް" ކަމަށެވެ.

"އާންމުން ހަނގުރާމަވެރިންގެ އަޅުވެތިކަމުގައި ބޯ ކަނޑައި މަރަން ދޫކޮށްލުންތަ ރަނގަޅުވާނީ؟،" ބައްޝާރު ސުވާލު ކުރައްވާފައިވެ އެވެ.

ސީރިއާގެ ހަލަބު ސިޓީގައި މިދިޔަ މަހު ސީރިއާ ސިފައިން ހަރަކާތްތެރިވަނީ.-- ފޮޓޯ: އޭއެފްޕީ

ސީރިއާގެ ހަލަބު ސިޓީގައި މިދިޔަ މަހު ސީރިއާ ސިފައިން ހަރަކާތްތެރިވަނީ.-- ފޮޓޯ: އޭއެފްޕީ

ފްރާންސް މީޑިއާ އަށް ބައްޝާރު ދެއްވި އިންޓަވިއުއާ ހަވާލާދީ ސިރިއާގެ ގައުމީ މީޑިއާ އިން ބުނީ ހަލަބު ސުންނާފަތި ވުމާއި އާންމުންގެ އެތައް ބަޔަކު މަރުވެގެން ދިއުމަކީ ސީރިއާގެ އެއްވެސް މީހަކަށް ހިތަށް ފަސޭހަ ކަމެއް ނޫން ކަމަށެވެ.

ސީރިއާ ސަރުކާރާ ގުޅިގެން 2015 ވަނަ އަހަރުން ފެށިގެން ހަމަލާތަކުގައި ބައިވެރިވަމުން އަންނަ ރަޝިޔާގެ އިތުރުން ތުރުކީން ވެސް މިހާރު ވަނީ ވަރުގަދަ ހަމަލާތަކަށް ފަހު ސުލްހައިގެ ވާހަކަތައް ކޮޅެއްގައި ޖެއްސޭތޯ މަސައްކަތް ފަށައިފަ އެވެ. އަދި ހަމަލާތައް މިވަގުތަށް ވަނީ މެދުކަނޑާލައިފަ އެވެ. އެކަމަކު ދެ ފަރާތުން ވެސް ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވަމުން އަންނަ ކަމަށް އެއްބަޔަކު އަނެއް ބަޔަކަށް ދަނީ ތުހުމަތުކުރަމުންނެވެ.

ހަނގުރާމަވެރިންނަށް ހަލަބު ގެއްލިގެން ދިއުމަކީ ސީރިއާގެ ދާޚިލީ ހަނގުރާމާގައި ބައްޝާރާ ދެކޮޅު ފަރާތްތަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ނާކާމިޔާބީގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.