Roadha Mihaaru
ޓެރަރިޒަމާ ދެކޮޅަށް ޓްރަމްޕް މަސައްކަތް ކުރައްވާނެ

ޓެރަރިޒަމާ ދެކޮޅަށް ޓްރަމްޕް މަސައްކަތް ކުރައްވާނެ ކަމަށް އަސަދު އުއްމީދު ކުރައްވާ

16 ނޮވެމްބަރ 2016

ދިމިޝްގު (ނޮވެމްބަރު 16) - އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕަކީ ވެސް ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ބޭފުޅެއް ކަމަށް އުއްމީދު ކުރައްވާ ކަމަށް ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (ނޮވެމްބަރު 16) - އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕަކީ ވެސް ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ބޭފުޅެއް ކަމަށް އުއްމީދު ކުރައްވާ ކަމަށް ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވެއްޖެ އެވެ.

ޕޯޗުގަލްގެ އާރުޓީޕީ ޓީވީއާ ވާހަކަ ދައްކަވަމުން އަސަދު ވިދާޅުވީ ކެމްޕޭނުގެ ވައުދުތައް އުފައްދަވައިފި ނަމަ ޓްރަމްޕް ވާނީ "ބައިވެރިއަކަށް" ކަމަށާއި އެކަމަކު އެ ވައުދުތަކާ އެއްގޮތަށް އޭނާ މަސައްކަތް ކުރައްވާނެ ކަމާ މެދު ޝައްކު ކަމަށެވެ.

"ޓްރަމްޕް ކަންތައް ކުރައްވަފާނެ ގޮތަކާ ބެހޭ ގޮތުން އެއްޗެއް ބުނާކަށް އަދި ނޭނގެ. އެކަމަކު ޓެރަރިޒަމާ ދެކޮޅަށް އޭނާ ހަނގުރާމަ ކުރާ ކަމަށް ވަންޏާ އެ ދެން ހަމަވާނީ ސީރިއާ، ރަޝިޔާ އަދި އީރާނުގެ ވެސް ބައިެވރިއަކަށް،" އަސަދު ވިދާޅުވި އެވެ.

އަސަދު ވިދާޅުވީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ހަނގުރާމަ ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާތީ އުއްމީދު އާވާ ކަމަށެވެ. ނަމަވެސް ޓްރަމްޕުގެ އެ ވައުދު ފުއްދަވާނެތޯ އަސަދު ވަނީ ސުވާލު އުފައްދަވައިފަ އެވެ.

ތިން ހަފުތާގެ މެދުކެނޑުމަކަށް ފަހު ހަލަބް ސިޓީ އަށް ދޭ ވައިގެ ހަމަލާތައް އަލުން ވަނީ ފަށާފައި. --ފޮޓޯ:ރޮއިޓާސް

ތިން ހަފުތާގެ މެދުކެނޑުމަކަށް ފަހު ހަލަބް ސިޓީ އަށް ދޭ ވައިގެ ހަމަލާތައް އަލުން ވަނީ ފަށާފައި. --ފޮޓޯ:ރޮއިޓާސް

އެމެރިކާގެ މިހާރުގެ ސިޔާސަތަކީ އައިއެސް ފަދަ ޖަމާއަތްތަކާ ދެކޮޅަށް ހަނގުރާމަކޮށް ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅު ފަރާތްތަކަށް މަދަދު ފޯރުކޮށް ދިނުމެވެ. އަސަދު ވިދާޅުވެފައި ވަނީ އޭނާގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަނީ ވެސް ޓެރަރިސްޓުން ކަމަށެވެ. އަދި އެމެރިކާގެ މިހާރުގެ ސިޔާސަތު ކުށްވެރި ކުރައްވަމުން އަސަދު ވިދާޅުވެފައި ވަނީ އެމެރިކާ އިން މިހާރު ހީވަނީ ދުނިޔޭގެ ފުލުހުންނަކީ ވެސް އެ މީހުން ކަމަށާއި ދުނިޔޭގެ ފަނޑިޔާރުންނަކީ ވެސް އެ މީހުން ކަމަށެވެ.

ޓްރަމްޕް ކުރިން ވަނީ ސީރިއާ އާއި ހަނގުރާމަ ކުރުމަކީ ރަޝިޔާއާ ހަނގުރާމަ ކުރުންފަދަ ކަމެއް ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވައިފަ އެވެ. ޓްރަމްޕަކީ ރަޝިޔާއާ ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެކެވެ. އެމެރިކާގެ ބައެއް މީޑިއާތަކުން ވެސް ބުނެފައިވާ ގޮތުގައި އަސަދާ ދެކޮޅަށް ހަނގުރާމަ ކުރާ ފަރާތްތަކަށް އެމެރިކާ އިން ދޭ އެހީ ޓްރަމްޕް ހުއްޓާލުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ސީރިއާގެ ހަލަބް ސިޓީގައި ތިން ހަފުތާ އަށް ހަމަލާތައް ހުއްޓާލާފައި އޮތުމަށް ފަހު ރޭ އަނެއްކާވެސް ވަނީ ބޮމުގެ ހަމަލާތައް ދޭން ފަށައިފަ އެވެ. ވައިގެ ފުރަތަމަ ހަމަލާތަކުގައި ވެސް އާއްމުންގެ ފަސް މީހުން މަރުވެފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފައިވެ އެވެ. ސީރިއާގެ މަދަނީ ހަނގުރާމަ 2011 ވަނަ އަހަރު ފެށި ފަހުން މިހާތަނަށް ވަނީ 300،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.