Roadha Mihaaru
ސީރިޔާގެ އައިއެސް ލީޑަރު މަރާލައިފިން: ތުރުކީ

ސީރިޔާގެ އައިއެސް ލީޑަރު މަރާލައިފިން: ތުރުކީ

01 މެއި 2023

ސީރިޔާގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ލީޑަރު، އަބުލް ހަސަން އަލް ހުސައިނީ އަލް ގުރަޝީ މަރާލެވިއްޖެ ކަމަށް، ތުރުކީ ވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އިއްޔެ ވިދާޅުވެއްޖެ އެވެ.

ސީރިޔާގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ލީޑަރު، އަބުލް ހަސަން އަލް ހުސައިނީ އަލް ގުރަޝީ މަރާލެވިއްޖެ ކަމަށް، ތުރުކީ ވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އިއްޔެ ވިދާޅުވެއްޖެ އެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި، އައިއެސް ލީޑަރު މަރައިލީ، ތުރުކީ ވިލާތުގެ ސިއްރު ސިފައިންގެ ފައުޖަކުންނެވެ. އެ ފައުޖުގެ ސިފައިން ސީރިޔާއަށް ގޮސް، އަލް ގުރަޝީ މަރައިލުމުގެ އަސްކަރީ ހަރަކާތް މިދިޔަ ހޮނިހިރު ދުވަހު ފެށީ، އޭނާގެ ހަރަކާތްތަކަށް އެތައް ދުވަހެއް ވަންދެން ފާރަލުމަށް ފަހު، އޭނާގެ އަމަލުތައް ހުންނަ ގޮތް ރަނގަޅަށް ދެނެގަތުމަށް ފަހު އެވެ.

އެއަށް ފަހު މިދިޔަ އާދީއްތަ ދުވަހު ސިއްރު ސިފައިންގެ ފައުޖުގެ މީހުން، އަލް ގުރަޝީ ހުރި ތަން ވަށާލައި އެ ތަނަށް ހަމަލާ ދީ އޭނާ މަރައިލީ ކަމަށް އުރުދުޣާން ވިދާޅުވި އެވެ. އަދި ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް ތުރުކީ ވިލާތުން ފަށާފައިވާ ހަނގުރާމަ ނުހުއްޓި ކުރިއަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސީރިޔާގެ އާންމުންނާއި ސީރިޔާގެ ސަލާމަތީ ބާރުތަކުން ބުނި ގޮތުގައި، އަލް ގުރަޝީ މަރައިލީ އެ ގައުމުގެ އުތުރުގައި އޮންނަ ޖިންދަރީސް ކިޔާ އަވަށުގަ އެވެ. މިއީ ތުރުކީ ވިލާތަށް ތާއީދުކުރާ، ސީރިޔާގެ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދެކެވެ. އެ އަވަށަކީ މިދިޔަ ފެބްރުއަރީ 6 ވަނަ ދުވަހު ތުރުކީ ވިލާތާއި ސީރިޔާ އަށް އައި ބާރު ގަދަ ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ސަރަހައްދެވެ.

އަލް ގުރަޝީ މަރާލާފައިވާ ކަމަށް ތުރުކީ ވިލާތުން ބުނި ނަމަވެސް، އެކަމާ ބެހޭ ގޮތުން އައިއެސް ޖަމާއަތުން މިހާތަނށް ވަކި އެއްޗެއް ނުބުނެ އެވެ. އަދި ސީރިޔާ ސަރުކާރާ އިދިކޮޅު ހަނގުރާމަވެރިން ވެސް މި ހާދިސާއާ ބެހޭ ގޮތުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.

ސީރިޔާގެ އުތުރުގައި ތިބި ބޭރުގެ ބައެއް ނޫސްވެރިން ބުނި ގޮތުގައި ތުރުކީގެ ޖާސޫސީ ސިފައިންގެ ބަޔަކާއި އެ ސަރަހައްދުގައި ހަރަކާތްތެރިވާ އަސްކަރީ ފުލުހުންގެ ފައުޖަކުން، ޖިންދަރީސް އަވަށުގެ ވަކި ސަރަހައްދެއް، މިދިޔަ ހޮނިހިރު ދުވަހު ހިސޯރުކުރި އެވެ. އެއަށް ފަހު އެ ސަރަހައްދުގައި ހުރި ވަކި އިމާރާތެއް ހިސޯރުކޮށް، އެ އިމާރާތް ހުރި ސަރަހައްދަށް ޑްރޯން ފޮނުވައިގެން އެ ސަރަހައްދުގެ ހަރަކާތްތައް ބަލަމުން ދިޔަ އެވެ.

އެ އިމާރާތުގެ ހަރަކާތްތައް ބެލުމަށް ފަހު، އެ އިމާރާތުގެ ތެރޭގައި އަލް ގުރަޝީ އުޅޭކަން ކަށަވަރު ވުމުން، އޭނާ ހަތިޔާރު ބަހައްޓައި އަމާން ދިނުމަށް އެންގި އެވެ. ނަމަވެސް އެކަމަށް ދެކޮޅު ހަދައި، އެ ގޭގެ ތެރެއިން، ބޭރުގައި ތިބި ސިފައިންނަށް ހަމަލާ ދޭން ފެށި އެވެ.

ދެ ފަރާތުގެ މެދުގައި ގަޑިއެއްހާއިރު ވަންދެން ހަމަލާ ބަދަލުކުރި ކަމަށް، ބޭރުގެ ނޫސްވެރިން ބުނެ އެވެ. އެއަށް ފަހު އެ ގޭގެ ތެރެއިން އިވުނީ ބާރު ގަދަ ގޮވުމެއް އަޑު ކަމަށާއި، އެ އަޑާ އެކު އެ ގޭގެ ތެރެއިން އިތުރު ހަމަލާއެއްގެ އަޑު ނުއިވެ އެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ، އެ ގޭގެ ތެރޭގައި ތިބި މީހުންގެ އަތުން ހަތިޔާރު ހުސްވުމާއެކު، ގުރަޝީ އާއި އޭނާގެ ކައިރީގައި ތިބި މީހުން އަމިއްލަ ހަށިގަނޑުގައި ގޮވާ ތަކެތި ބަނދެ، ގޮއްވާލައިގެން އަމިއްލަ އަށް މަރުވީ ކަމަށެވެ.

އެ ގެއަކީ ޖިންދަރީސް އަވަށުގައި އޮންނަ ޒައިތޫނި ދަނޑެއްގެ ތެރޭގައި ވަކިން ހަދާފައި ހުރި ތިން ބުރި އިމާރާތެކެވެ. ކައިރީގައި އިތުރު އެހެން އިމާރާތެއް ނެތް އިރު، ވަށައިގެން އޮތް ސަރަހައްދު ފުރިފައި އޮތީ ޒައިތޫނި ގަސްތަކުންނެވެ.

ސީރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ ގޮފީގެ ލީޑަރު ކަމަށް އަލް ގުރަޝީ ހަމަޖެއްސީ، ސީރިޔާ ސިފައިންގެ ހަމަލާތަކެއްގައި، އެ ގޮފީގެ ލީޑަރުގެ މަގާމުގައި ހުރި އަބޫ ހަސަން އަލް ހާޝިމީ، ނޮވެމްބަރު 2022 ގައި މަރުވުމާ ގުޅިގެންނެވެ.