Roadha Mihaaru
ހަނގުރާމައަށް ދިޔަ ދިވެއްސަކު ތުރުކީން އަތުލައިގެންފި

ހަނގުރާމައަށް ދިޔަ ދިވެއްސަކު ތުރުކީން ހައްޔަރުކޮށް ރާއްޖެ ގެނެސްފި

07 ފެބުރުއަރީ 2017

ހަނގުރާމަކުރަން ސީރިއާއަށް ދާން އުޅުނު ކަމުގެ ތުހުމަތުގައި ތުރުކީން ދިވެއްސަކު އަތުލައިގަނެ ރާއްޖެއާ ހަވާލުކޮށްފި އެވެ.

ހަނގުރާމަކުރަން ސީރިއާއަށް ދާން އުޅުނު ކަމުގެ ތުހުމަތުގައި ތުރުކީން ދިވެއްސަކު އަތުލައިގަނެ ރާއްޖެއާ ހަވާލުކޮށްފި އެވެ.

އެނގިފައިވާ ގޮތުން، މި މީހާ ރާއްޖެ ގެނައުމަށް ފަހު އިއްޔެ ރޭ ފުލުހުން ވަނީ އެ މީހާ މާލޭގައި އުޅުނު ގެޔަށް ވަދެ ފާސް ވެސް ކޮށްފަ އެވެ. މި މީހާ ތުރުކީން ހައްޔަރުކުރީ ކޮން ދުވަހަކު ކަމެއް ނޭނގެ އެވެ.

ހައްޔަރުކުރި މީހާ އާއި ބަލައި ފާސްކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަނާ ބެހޭ ތަފްސީލެއް އަދި ނުލިބެ އެވެ.

ސީރިއާގެ ދާޚިލީ ހަނގުރާމާގައި ދިވެހިންގެ އެތައް ބަޔަކު ބައިވެރިވެފައި ވާއިރު މީގެ ކުރިން ވެސް ވަނީ ބައެއް މީހުން ސީރިއާއަށް ދާން ދަތުރުކުރަނިކޮށް ހައްޔަރުކޮށްފަ އެވެ. އަދި ބައެއް މީހުންނަށް ވަނީ ދައުވާ ވެސް ކޮށްފަ އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ބުނާ ގޮތުން ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަކީ އަދި ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމަކީ ވެސް ކުށެކެވެ. އަދި ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވާން ދިއުމަކީ ވެސް ކުށެކެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ސަރުކާރުން ބުނެފައިވާ ގޮތުގައި ރާއްޖެއިން ބޭރުގެ ހަނގުރާމަތަކަށް ގޮސްފައިވާ ދިވެހިންގެ އަދަދަކީ 49 އެވެ. ނަމަވެސް ސީރިއާ އަށް ހަނގުރާމަ އަށް ދާ މީހުންނާ ގުޅޭ ގޮތުން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެ އަދަދު 100 އަށް ވުރެ ގިނަ އެވެ. އަދި ބައެއް ފަރާތްތަކުން ލަފާކުރާ ގޮތުގައި މި އަދަދު 200 އަށް އަރާނެ އެވެ.

ހަނގުރާމާގައި އުޅެނިކޮށް ބައެއް ދިވެހިން މަރުވެފައިވާ ކަމަށް އެ މީސްމީހުންގެ އާއިލާތަކުން ކަށަވަރުކޮށްދީފައިވެ އެވެ.