މާލޭގައި އިއްޔެ މެންދުރު ހިނގި ހާދިސާއެއްގައި އަނިޔާވި މީހަކަށް އެހީވި ޒުވާނަކާއި ކުޑަކުއްޖަކަށް ސޯޝަލް މީޑިއާގައި ތައުރީފު އޮއްސާލައިފި އެވެ.
31 އޮކްޓޯބަރ 2022
މާލޭގައި އިއްޔެ މެންދުރު ހިނގި ހާދިސާއެއްގައި އަނިޔާވި މީހަކަށް އެހީވި ޒުވާނަކާއި ކުޑަކުއްޖަކަށް ސޯޝަލް މީޑިއާގައި ތައުރީފު އޮއްސާލައިފި އެވެ.
އެ ހާދިސާ ހިނގިގޮތް ފޭސްބުކްގައި ހިއްސާކުރި ޝަހުލާ ވަޖީހު ބުނީ އަނިޔާވީ މެދު އުމުރުގެ ފިރިހެނަކަށް ކަމަށެވެ. އޭނާ ބުނި ގޮތުގައި، އަނިޔާވީ ސައިކަލުގައި ކާނިވަލުން ބޮޑުތަކުރުފާނު މަގަށް ނުކުންނަނިކޮށް، އަރިއަޅާލައިގެން ވެއްޓިގެންނެވެ. ޝަހުލާ ބުނީ ބޯ އަނބުރައިގަނެގެން އެ މީހާ ވެއްޓުނުއިރު، ސައިކަލުގެ ފަހަތުގައި އަންހެނަކު ވެސް އިން ކަމަށެވެ.
ފަހަތުގައި އަންހެނަކު ވެސް އިން ސައިކަލް ބިންމައްޗަށް ވެއްޓެން ދިޔައިރު، ވެއްޓުނަ ނުދީ ހިފެހެއްޓޭތޯ މަސައްކަތްކުރިތަން އެ ވަގުތު ސައިކަލަށް ޕެޓްރޯލް އަޅަން ޝެޑުގައި ހުރި ޝަހުލާ އަށް ފެނުނެވެ.
"އޭރު ގަޑިން ގާތްގަނޑަކަށް 1:15 ވެދާނެ. ވަރަށް ވަރަށް އަވި ވެސް ގަދަ. ކިޔުގައި އިނދެގެން އެކި ދިމާލަށް ބަލަމުންދަނިކޮށް ކާނިވަލުން ބޮޑުތަކުރުފާނު މަގަށް ނުކުންނަން އައި ސައިކަލެއް އަރިއަޅާލާތަން ފެނުނު،" ކައިރީގައި ހުރި ދަރިފުޅު ގޮވައިގެން ގެޔަށް ދިޔަ މަގުމަތީ ފެނުނު މަންޒަރު އޭނާ ކިޔައިދިނެވެ.
"އެ މީހުންނަށް އެހީވުމަށްޓަކައި ޕެޓްރޯލް ކިޔު އަށް ސައިކަލު ދޫކޮށްލުމަށް ފަހު ދަރިފުޅު އަތުގައި ހިފައިގެން އެ ދިމާލަށް ދުއްވައިގަތިން."
ހަމަ އެ ވަގުތު، އެ މަގުން ސައިކަލެއްގައި ދިޔަ ޒުވާނަކާއި އަރަބިއްޔާ ސްކޫލްގެ ޔުނީފޯމުގައި ހުރި ދަރިވަރަކާއި އެ ދަރިވަރުގެ ބައްޕަ ވެސް، އަނިޔާވި މީހާ އަށް އެހީވުމަށް ދިޔަ އެވެ.
ވެއްޓިފައި އޮތް މީހާގެ ހާލަތަށް ބަލައި ވަގުތުން ރިކަވަރީ ޕޮޒިޝަނަށް ލައި، އޭނާ އަށް ފަސްޓް އެއިޑް ދިނުމުގެ މަސައްކަތް އެ ޒުވާނާ ފެށި އެވެ. އަރަބިއްޔާގެ ދަރިވަރު އޭނާގެ ފޮތްދަބަސް ކޮނޑުން ނަގައި، ވެއްޓިފައި އޮތް މީހާގެ ބޯ ދަށަށް ލެއްވި އެވެ.
ޝަހުލާ ބުނީ ވެއްޓިފައި އޮތް މީހާގެ އެއްފައި ސައިކަލު ދަށުވެފައި އޮތުމުން އޭނާ އާއި އިތުރު މީހަކު ވެގެން އަވަހަށް ސައިކަލު ނެގި ކަމަށެވެ. އެމްބިއުލާންސަށް ވެސް އެ ވަގުތު ގުޅި ނަމަވެސް އެމްބިއުލާންސް އައުން ލަސްވެދާނެތީ، އެމަގުން ދިޔަ ކާރަކަށް އަނިޔާވި މީހާ ލައިގެން އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ކަމަށް އޭނާ ބުންޏެވެ.
"އެ ޒުވާނާ އަދި ހާއްސަކޮށް އަރަބިއްޔާ ސްކޫލްގެ ދަރިވަރު މި ހާދިސާގައި އަމަލު ކުރިގޮތް ވަރަށް ގާތުން ފެނުނު މީހެއްގެ ހައިސިއްޔަތުން މި ދެކުދިންނާ މެދު ވަރަށް ފަހުރުވެރިވޭ. ގައުމަށް ބޭނުންވަނީ ހަމަ ތިކަހަލަ ކުދިން،" ޝަހުލާ ބުންޏެވެ.
ޝަހުލާ އެ ވާހަކަ ފޭސްބުކްގައި ހިއްސާކުރުމުން ހާހަކަށް ވުރެ ގިނަ މީހުން އެ ޕޯސްޓް ޝެއާކޮށް، ގިނަ ބަޔަކު "އެއީ ހަގީގީ ހީރޯސް" ކަމަށް ބުނެ އެ ޒުވާނާ އާއި ދަރިވަރަށް ތައުރީފުކޮށްފައިވެ އެވެ.
ހިތަދޫ އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
ލޭތަކެއްގެ ތެރޭގައި އޮތް މީހާއާ އެހެން މީހަކާ ގުޅުމެއް ނެތް
ސައިކަލް އެކްސިޑެންޓެއްގައި އަންހެނަކު މަރުވެއްޖެ
ހަމަދު ސްކޫލްގެ ފަންކާއެއް ވެއްޓި ދެ ކުއްޖަކަށް އަނިޔާ
މަރަށް ތެޅުނު އިރު ފޮޓޯ ނަގަން ތިބުމުން ފާޑުކިޔަނީ!
އެކްސިޑެންޓެއްގައި ޒަހަމްވި ޒުވާނަކު އައިސީޔޫގައި
އިމާރާތަކުން ވެއްޓި ޒުވާނަކު މަރުވެއްޖެ
ގަމުގައި އެކްސިޑެންޓެއް، ދެ މީހަކަށް ފަރުވާ ދެނީ
ކުއްޖަކު އެލްކޭޖީއަށް ޕްރޮމޯޓްކުރުމަށް ވަގުތީ އަމުރެއް
ލޯކަލްއިންތިހާބުގައި އެމްޑީޕީން 33ޕަސެންޓު ޒުވާނުންނަށް