Roadha Mihaaru
އެމެރިކާގެ ބޮން އަޅާ ބޯޓުތައް އޮސްޓްރޭލިޔާ އަށް

އެމެރިކާގެ ބޮން އަޅާ ބޯޓުތައް އޮސްޓްރޭލިޔާ އަށް

31 އޮކްޓޯބަރ 2022

ނިއުކްލިއާ ބޮމާއި އާދައިގެ ބޮން ބޭނުންކުރުމުގެ ގާބިލުކަން ލިބިފައިވާ، ބީ-52 މަރުކާގެ ބޮން އަޅާ ބޯޓުތައް، އޮސްޓްރޭލިޔާ އަށް ފޮނުވުމަށް އެމެރިކާ އިން ނިންމައިފި އެވެ.

ނިއުކްލިއާ ބޮމާއި އާދައިގެ ބޮން ބޭނުންކުރުމުގެ ގާބިލުކަން ލިބިފައިވާ، ބީ-52 މަރުކާގެ ބޮން އަޅާ ބޯޓުތައް، އޮސްޓްރޭލިޔާ އަށް ފޮނުވުމަށް އެމެރިކާ އިން ނިންމައިފި އެވެ.

އެމެރިކާ ސަރުކާރުގެ ލިޔުންތަކަކާ ހަވާލާދީ އޮސްޓްރޭލިއަން ބްރޯޑްކާސްޓިން އިން ބުނި ގޮތުގައި އޮސްޓްރޭލިޔާގެ އުތުރުގައި އޮންނަ، ޓިންޑާލް އެއާބޭސް ކިޔާ ވައިގެ މަރުކަޒަށް ފޮނުވުމަށް އެމެރިކާ ސަރުކާރުން ނިންމީ، ބޯ-52 މަރުކާގެ ހަ ބޯޓެވެ. އެ ބޯޓުތައް އެ މަރުކަޒަށް ފޮނުވަނީ ކޮން ބޭނުމެއްގައި ކަމަށް އެމެރިކާ އިން ނުބުނި ނަމަވެސް، އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރެއްގެ އަޖުމަ ބަލައިފި ނަމަ، ވަރުގަދަ ރައްދެއް ދޭނެ ކަމަށް އެމެރިކާ އިން ވަނީ އިންޒާރުކޮށްފަ އެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، އެމެރިކާގެ ބޮން އަޅާ ބޯޓުތައް އޮސްޓްރޭލިޔާ އަށް މި ފޮނުވަނީ، އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރެއްގެ އަޖުމަ ބަލައިފި ނަމަ، އެ ގައުމަށް އަސްކަރީ ހަމަލާއެއް ދިނުމަށް ތައްޔާރުވުމުގެ ގޮތުން ކަމަށް ބެލެވެ އެވެ. އަދި މިއީ، ތައިވާނާ ދެކޮޅަށް ޗައިނާ އިން ބާރުގެ ބޭނުންކޮށްފާނެ ކަމަށް ބެލެވޭތީ، އެފަދަ ކަމެއް ނުކުރުމަށް ޗައިނާ އަށް އިންޒާރު ކުރުމުގެ ގޮތުން އެމެރިކާ އިން އެޅި ފިޔަވަޅެއް ކަމަށް ވެސް ބައެއް މީޑިއާތަކުން ބުނެ އެވެ.

ބީ-52 މަރުކާގެ ބޮން އަޅާ ބޯޓުތަކަކީ، ވަރަށް އުހުން ދުރު ރާސްތާ އަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓުތަކަކަށް ވާތީ، ޗައިނާ އަށް ހަމަލާ ދިނުމުގައި މިފަދަ ބޯޓުތަކުގެ ބޭނުންތެރިކަން ބޮޑުވާނެ އެވެ. ތައިވާން މައްސަލަ އާއި އުތުރު ކޮރެއާގެ މައްސަލަ، އިތުރަށް ގޯސްވަމުން ދާއިރު، އެ ސަރަހައްދާ ކައިރިން އޮސްޓްރޭލިޔާގައި އެމެރިކާގެ ވައިގެ ސިފައިންގެ މަރުކަޒެއް އޮތުމަކީ ސްޓްރެޓީޖިކް ގޮތުން އެމެރިކާ އަށް ލިބޭ ވަރަށް ބޮޑު ފައިދާއެކެވެ.

ތައިވާން މައްސަލައިގައި ޗައިނާއާ ދެކޮޅަށް ފިޔަވަޅެއް އަޅަން ޖެހިއްޖެ ނަމަ އެކަން ކުރުމަށާއި، އުތުރު ކޮރެއާއާ ދެކޮޅަށް ފިޔަވަޅެއް އަޅަންޖެހިއްޖެ ހިނދެއްގައި އެކަން ކުރުމަށްޓަކައި، އެމެރިކާ އިން މިހާރު ވަނީ ޓިންޑާލް އެއާބޭސްގެ ފެންވަރު މަތިކުރުމުގެ މަސައްކަތްތަކެއް ފަށައިފަ އެވެ. އެ މަރުކަޒުގެ ފެންވަރު މަތިކުރުމަށް ކުރާ މަސައްކަތްތަކަށް އެއް ބިލިއަން ޑޮލަރު ހޭދަވާނެ އެވެ.

އެމެރިކާގެ ބޮއިން ކުންފުނިން ފަރުމާކޮށް އުފައްދާފައިވާ ބީ-52 މަރުކާގެ ބޮން އަޅާ ބޯޓުތަކަކީ، އެމެރިކާގެ އަސްކަރިއްޔާގައި ބޭނުންކުރާ އެންމެ އިތުބާރު ހުރި އަދި އެންމެ ގާބިލުކަން ބޮޑު އަސްކަރީ އެއް އުޅަނދެވެ. ނިއުކްލިއާ ބޮމާއި އާދައިގެ ބޮމުން ވެސް ހަމަލާ ދިނުމުގެ ގާބިލުކަން ލިބިފައިވާ މި ބޯޓަކީ، އެމެރިކާގެ ވައިގެ ސިފައިންގެ މައިބަދަ ކަމުގައި ވެސް އެ ގައުމުގެ އަސްކަރިއްޔާ އިން ދެކެ އެވެ.

ތައިވާނާ ދެކޮޅަށް ޗައިނާއިން ބާރުގެ ބޭނުންކޮށްފާނެ ކަމުގެ ބިރު އިތުރުވަމުން އަންނަ އިރު، އެމެރިކާ އިން ގެންދަނީ ޗައިނާއާ ކައިރީގައި އެމެރިކާގެ ނުފޫޒު އިތުރަށް ވަރުގަދަ ކުރަމުންނެވެ. އެ ގޮތުން، މިދިޔަ އަހަރު އެމެރިކާ އިން ވަނީ، ނިއުކްލިއާ ހަކަތައިން ދުއްވާ ޒާތުގެ ސަބްމެރިން ބަނުމަށް ބޭނުންވާ ޓެކްނޮލޮޖީ، އޮސްޓްރޭލިޔާ އަށް ފޯރުކޮށްދޭ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

"އޯކަސް" ޕެކްޓްގެ ނަން ދީފައިވާ އެ އެއްބަސްވުމުގައި އެމެރިކާ އާއި އިނގިރޭސި ވިލާތުން އޮސްޓްރޭލިޔާއާ އެކުގައި ސޮއިކުރުމުން، ޗައިނާ އިން ވަނީ އެކާ ދެކޮޅު ހަދައިފަ އެވެ. އެމެރިކާގެ އެ އަމަލަކީ ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަވެރިކަން ގެއްލި، ހަތިޔާރުގެ ވާދަވެރިކަން އުފެދުމަށް މެދުވެރިކުރުވާނެ ކަމެއް ކަމަށް ވެސް ޗައިނާ އިން ބުނެ އެވެ.