Roadha Mihaaru
ތައިވާނާއި ރަޝިޔާ އަށް ހަތިޔާރު ދިނުން ވެސް ހަމަހަމަ

އެމެރިކާ ތައިވާނަށް، ޗައިނާ ރަޝިޔާ އަށް ހަތިޔާރު ދިނުން ހަމަހަމަ

07 މާޗް 2023

ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން މިހާރު ކުރަމުން ދާ ހަނގުރާމައިގައި، ޗައިނާ އިން ރަޝިޔާ އަށް ފަހަރެއްގައި ހަތިޔާރު ދިނަސް، އެއީ އެމެރިކާ އިން ތައިވާނަށް ހަތިޔާރު ދިނުމާ އެއްފަދަ ކަމެއް ކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ޗިން ގާންގް އިއްޔެ ވިދާޅުވެއްޖެ އެވެ.

ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން މިހާރު ކުރަމުން ދާ ހަނގުރާމައިގައި، ޗައިނާ އިން ރަޝިޔާ އަށް ފަހަރެއްގައި ހަތިޔާރު ދިނަސް، އެއީ އެމެރިކާ އިން ތައިވާނަށް ހަތިޔާރު ދިނުމާ އެއްފަދަ ކަމެއް ކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ޗިން ގާންގް އިއްޔެ ވިދާޅުވެއްޖެ އެވެ.

"އެމެރިކާ އިން ތައިވާނަށް ހަތިޔާރު ވިއްކަމުން ދާ އިރު، ރަޝިޔާ އަށް ހަތިޔާރު ނުވިއްކުމަށް އެމެރިކާ އިން ޗައިނާގައި އެދެމުން ދަނީ ކީއްވެގެން،" ވެރިރަށް ބެއިޖިންގައި އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.

"ތައިވާންގެ (މިނިވަންކަމުގެ) މައްސަލައަކީ ޗައިނާ ރައްޔިތުންގެ އަމިއްލަ ކަމެއް. އެހެން އެކަން އޮތް އިރު ތައިވާން މައްސަލައިގެ ތެރެއަށް އެމެރިކާގެ އިސް ވެރިން ވަދެގަތުމަކީ ވަރަށް މުޑުދާރު އަމަލެއް. ތައިވާންގެ ކަންކަމުގެ ތެރެއަށް ވަދެގަތުމުގެ ހައްގު އެހެން އެއްވެސް ގައުމަކަށް ނޯންނާނެ."

ޗައިނާއާ މުޅިން ވަކިން އޮންނަ ތައިވާންގައި، 1949 ވަނަ އަހަރުން ފެށިގެން އޮންނަނީ ޗައިނާއާ އެއްވެސް ގުޅުމެއް ނެތް އަމިއްލަ ވެރިކަމެއް ކަމުގައި ވިޔަސް، ޗައިނާ އިން ދެކޭ ގޮތުގައި ތައިވާނަކީ ޗައިނާގެ ބައެކެވެ. އަދި ތައިވާނުގައި ދިރިއުޅެނީ ވެސް ޗައިނާގެ ރައްޔިތުން ކަމަށް ޗައިނާ އިން ދެކެ އެވެ.

ވަކި ވެރިކަމެއް ކުރަމުން އަޔަސް، ތައިވާނުން މިނިވަންކަން އިއުލާން ކޮށްފި ނަމަ، ހަތިޔާރުގެ ބޭނުންކޮށްގެން ވިޔަސް، ޗައިނާގެ ފުރިހަމަ ބާރުގެ ދަށަށް ތައިވާން ގެންދާނެ ކަމަށް ޗައިނާ އިން އަންނަނީ ބުނަމުންނެވެ. ޚާރިޖީ ވަޒީރު އިއްޔެ ދެއްކެވި ވާހަކައިގައި ވެސް، ތައިވާނުން މިނިވަންކަން އިއުލާން ކޮށްފި ހާލަތެއްގައި، އެކަން ހުއްޓުވުމަށް ޗައިނާ އިން ބާރުގެ ބޭނުން ނުކުރާނެ ކަމަކަށް ވިދާޅެއް ނުވެ އެވެ.

"ސުލްހަވެރި ގޮތުގައި ތައިވާން ޗައިނާއާ އަލުން ގުޅުވައިލުމަށް، ވަރަށް އިޚްލާސްތެރިކަމާއެކު ވީ އެންމެ ފުޅާ ދާއިރާއެއްގައި އަދިވެސް މަސައްކަތް ކުރަމުން ގެންދާނަން. ނަމަވެސް ޗައިނާ ބިމުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ހުރިހާ ވަސީލަތްތަކެއް ބޭނުންކުރުމުގެ އިޚްތިޔާރު ޗައިނާއަށް ލިބިގެންވޭ."

މިހާރު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ބެހޭ ގޮތުން ޗައިނާގެ ޚާރިޖީ ވަޒީރު ޗިން ގާންގް ވިދާޅުވި ގޮތުގައި ޗައިނާއަކީ މައްސަލަ އުފައްދާ ގައުމެއް ނޫނެވެ. އަދި ޗައިނާއަކީ މިހާރު ހިނގަމުންދާ އެއްވެސް މައްސަލައެއްގެ ބައިވެރިއެއް ނޫން ކަމަށާއި، ޔޫކްރޭން ހަނގުރާމައިގައި ދެ ގައުމުން އެއް ގައުމަކަށް ވެސް ޗައިނާ އިން މިހާތަނަށް ހަތިޔާރެއް ނުދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޗައިނާ އިން އަބަދުވެސް ކަންކަމުގައި ގޮތް ނިންމައި އެކަމަކާ މެދު އަމަލު ކުރާނެ ގޮތެއް ކަނޑައަޅަނީ، އެ ކަމެއްގެ ޒާތަށާއި ބާވަތަށް ބެލުމަށް ފަހު ޗައިނާ އަމިއްލަ އަށް. ހަނގުރާމަ އާއި ސުލްހައިގެ ތެރެއިން އަހަރެމެން އިޚްތިޔާރު ކުރީ ސުލްހަ. ދަތިކުރުމާއި ވާހަކަ ދެއްކުމުގެ ތެރެއިން އަހަރެމެން އިޚްތިޔާރު ކުރީ ވާހަކަ ދެއްކުން. ހުޅު ރޯކުރުމާއި ހޫނު މަޑުކުރުމުގެ ތެރެއިން އަހަރެމެން އިޚްތިޔާރު ކުރީ ފަހު ގޮތް."

ގާތްގަނޑަކަށް 24 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ތައިވާނަކީ، ޗައިނާގެ އިރުދެކުނު އައްސޭރިފަށުން ފެށިގެން 130 މޭލު ދުރުގައި ވަކިން އޮންނަ ޖަޒީރާއެކެވެ. ޗައިނާގެ ކޮމިޔުނިސްޓް ސިފައިންނާއި، ވަތަނީ ފިކުރުގެ ހަނގުރާމަވެރިންނާ ދެމެދު، މީގެ 73 އަހަރު ކުރިން ހިނގި ދާހިލީ ހަނގުރާމައަށް ފަހު، އިދާރީ ގޮތުން ތައިވާން ހިންގަމުން އަންނަނީ ޗައިނާއާ މުޅިން ވަކިންނެވެ.

މީގެ 73 އަހަރު ކުރިން، 1949 ވަނަ އަހަރު ނިމުނު ޗައިނާގެ ދާހިލީ ހަނގުރާމައިގައި، ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރު ސިފައިންގެ މައްޗަށް ކުރި ހޯދީ، ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ ހަނގުރާމަވެރިންނެވެ. އެ ނާކާމިޔާބީއާ ގުޅިގެން، ރިޕަބްލިކް އޮފް ޗައިނާގެ މުޅި ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ އެތައް މިލިއަން ބަޔަކު، ޗައިނާގެ މައި ބިން ދޫކޮށް ރެފިއުޖީންގެ ގޮތުގައި ތައިވާން ޖަޒީރާ އަށް ހިޖްރަކޮށް، ތައިވާންގައި ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި އާ ސަރުކާރެއް ގާއިމުކުރި އެވެ.

އެއާ އެކު ޗައިނާގެ މައި ބިމުގައި، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި، ކޮމިޔުނިސްޓް ޕާޓީގެ ފަރާތުން މުސްތަގިއްލު ދައުލަތެއް ގާއިމުކޮށް ވެރިކަން ކުރަން ފެށި އެވެ. ނަމަވެސް އދ.ގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮތީ ރިޕަބްލިކް އޮފް ޗައިނާ (ތައިވާން) އެވެ. އަދި އެއީ ވީޓޯ ކުރުމުގެ ބާރާއެކު ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރެއްގެ ގޮތުގައި އޮތް ގައުމެކެވެ.

ޗައިނާ އަށް މިއައި ބޮޑު ބަދަލާ ގުޅިގެން، 1971 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު، އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓެއްގައި، ރިޕަބްލިކް އޮފް ޗައިނާ (ތައިވާން)، އދ. އިން ވަކިކުރި އެވެ. އޭގެ ބަދަލުގައި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ (މިހާރުގެ ޗައިނާ) އަށް، އދ.ގެ މެމްބަރުކަން ދިނެވެ.