01 ނޮވެމްބަރ 2022
ގަވާއިދާ ޚިލާފަށް ވެހިކަލް ރަޖިސްޓްރީކޮށްދިނުން ފަދަ ކޮރަޕްޝަންގެ ބޮޑެތި ކުށްތަކާއި މިނިސްޓްރީގެ ސިޔާސީ މީހުންގެ އަބުރު ކަތިލުމުގެ ތުހުމަތުތަކަކާ އެކު ޓްރާންސްޕޯޓުގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ މަގާމުން ވަކިކޮށްދޭން މިނިސްޓަރު އައިޝަތު ނަހުލާ އެދިވަޑައިގެންފި އެވެ.
ގަވާއިދާ ޚިލާފަށް ވެހިކަލް ރަޖިސްޓްރީކޮށްދިނުން ފަދަ ކޮރަޕްޝަންގެ ބޮޑެތި ކުށްތަކާއި މިނިސްޓްރީގެ ސިޔާސީ މީހުންގެ އަބުރު ކަތިލުމުގެ ތުހުމަތުތަކަކާ އެކު ޓްރާންސްޕޯޓުގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ މަގާމުން ވަކިކޮށްދޭން މިނިސްޓަރު އައިޝަތު ނަހުލާ އެދިވަޑައިގެންފި އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ސްލޮޓެއްގައި މަގާމަށް އައްޔަންކޮށްފައިވާ ޝިމާޒް ވަކިކޮށްދޭން ހުށަހެޅީ، އެނގިފައިވާ ގޮތުގައި، މިދިޔަ ހަފުތާގެ ތެރޭގަ އެވެ. މީގެކުރިން ވެސް އޭނާއަށް ބޮޑެތި ތުހުމަތުތަކެއްކޮށް، މައްސަލަ އޭސީސީން ވެސް ބެލި އެވެ.
އޭގެތެރޭގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏާ ހަވާލުކުރި މައްސަލަ ހިމެނެ އެވެ. އޭސީސީން ދައުވާކުރަން ފޮނުވި ނަމަވެސް ޕީޖިން ވަނީ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ޝިމާޒް މަގާމުން މިހާތަނަށް ވަކިކޮށްފައި ނުވާ ކަމަށެވެ. އޭނާގެ މައްސަލަ މިނިސްޓަރު ހުށަހަޅުއްވާފައި އޮތް ކަން ޔަގީންކޮށެއް ނުދެއްވަ އެވެ.
އެކަމަކު ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ ޝިމާޒުގެ އަމަލުތަކާ ހެދި އިތުރަށް މަގާމުގައި ބަހައްޓަން ނުފެންނަ ކަމަށް މިނިސްޓަރު ނަހުލާ ނިންމަވާފައިވާ ކަަމަށެވެ. އެކަން ރައީސް އޮފީހަށް ވެސް އަންގާފައިވާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ނަހުލާ: އޭނާ ވިދާޅުވާ ގޮތުގައި ހިޔާނާތް ހިންގުމުގައި ޝިމާޒްގެ ދައުރު އެބައޮތް. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ޝިމާޒުގެ މައްސަލަ ކުރިން ފެންމަތިވުމުން، އެމްއާރުއެމްއިން ވެސް އޭނާގެ މައްސަލަ ބެލި އެވެ. އެކަމަކު ޕާޓީން އޭނާއާ މެދު ފިޔަވަޅެއް ނާޅަން ނިންމީ ޕީޖީން ދައުވާނުކޮށް މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލުމުންނެވެ.
ޝިމާޒް 2019ގައި އައްޔަންކޮށް، އޭނާއާ ހަވާލުކޮށްފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ލޭންޑް ޓްރާންސްޕޯޓުގެ ހުރިހާ ހިދުމަތެއް ބެލެހެއްޓުމެވެ.
މިނިސްޓަރު ނަހުލާގެ ކަންބޮޑުވުމަކީ، އެ މިނިސްޓްރީގެ ބައެއް މުވައްޒަފުން ބުނި ގޮތުގައި ސަރުކާރުން ގެންގުޅޭ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ސިޔާސަތާ ފުށުއަރާ އަމަލުތައް ޝިމާޒް ހިންގެވުމެވެ. މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން މީގެ ކުރިން މި ތުހުމަތު ކުރުމުން މިނިސްޓަރު ނަހުލާ ނުކުންނެވީ ޝިމާޒުގެ ދިފާއުގަ އެވެ.
އެކަމަކު މި ފަހުން ރައީސް އޮފީހަށް ފޮނުވި ސިޓީގައި ނަހުލާ ވަނީ، ޝިމާޒްއާ ގުޅޭ ހިޔާނާތުގެ ސީރިއަސް މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅަނދުތައް ރަޖިސްޓްރީކޮށްދީގެން ނާޖާއިޒު ފައިދާ ހޯދުމުގައި ޝިމާޒްގެ ބައިވެރިވުން އޮތް ކަމަށް ވެސް މިނިސްޓަރު ތުހުމަތު ކުރައްވަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޝިމާޒްއާ ހަވާލުކޮށްފައިވާ މަސައްކަތްތަކުގައި، މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތެއްގައި ބޭނުންކޮށް ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތަށް ބާރުދޭ ހެކި ވެސް ލިބިފައިވެ އެވެ. އޭގެތެރޭގައި، އުމުރު ހަމަވެފައިވާ އުޅަނދުތައް ގަވާއިދާ ޚިލާފަށް ރަޖިސްޓްރީކޮށް ދޫކުރި ރަޖިސްޓްރީތަކުގައި ޝިމާޒްގެ ސޮޔާ އެއްވައްތަރުގެ ސޮއިތަކެއް ހިމެނޭ ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ.
ނަހުލާ ވިދާޅުވީ ވެހިކަލް ރަޖިސްޓްރޭޝަންގައި ވެސް އޮޅުވާލުންތައް ހިންގަނީ ވަރަށް ބޮޑަށް ތަރުތީބުވެގެން ޝިމާޒްއާ ގުޅިގެން ކަމަށް ބެލެވޭ ކަމަށެވެ.
މީގެ އިތުރުން މަސައްކަތަށް ފަރުވާކުޑަކުރުމާއި މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ އަބުރުކަތިލުމުގެ އަމަލުތަކެއް ވެސް އޭނާ ހިންގަމުންދާ ކަމަށް މިނިސްޓަރު ނަހުލާ ތުހުމަތުކުރައްވަ އެވެ.
އެކަމަކު އެ ތުހުމަތުތައް ޝިމާޒް ދޮގުކުރައްވަ އެވެ. އޭނާ ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ އެއްވެސް ކަމެއް މިނިސްޓަރަށް އެނގިވަޑައިގެން ނޫން ގޮތަކަށް ކުރައްވާފައި ނުވާނެ ކަމަށެވެ. ހަވާލުކުރި ޒިންމާގައި އަމަލުކޮށްފައި އޮންނާނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ކަމަށް ވެސް ޝިމާޒް ވިދާޅުވި އެވެ.
"ތުހުމަތުތަކުން ބަރީއަވަން، މިނިސްޓަރަށް ނޭނގި އެއްވެސް ކަމެއް ކުރެވޭ ގޮތަކަށް ނޫން މިނިސްޓްރީގެ ކަންކަން އިންތިޒާމުވެފައި އޮންނަނީ. ޒާތީ މައްސަލައެއްގައި އަޅުގަނޑަށް ތުހުމަތުތަކެއް ކުރަނީ،" ޝިމާޒް ވިދާޅުވި އެވެ.
ރާއްޖޭގައި ދުއްވާ އެއްގަމު ހުރިހާ އުޅަނދެއްގެ ނަމްބަރުޕްލޭޓް ވަސާޖިއޯއަށް ހަވާލުކުރި މައްސަލައިގައި އޭސީސީން ޝިމާޒް ހިމެނޭހެން ހަ މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވި އެވެ.
އެއީ ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏާ ހަވާލުކުރި މައްސަލައިގަ އެވެ. އެކަން ހަވާލުކުރީ ރާއްޖޭގައި ދުއްވާ 120،000 ވެހިކަލްގެ ނަމްބަރު ޕްލޭޓް ބަދަލުކޮށްގެން އެ ކުންފުންޏަށް 68 މިލިއަނަށް ވުރެން ގިނަ ރުފިޔާ އަދި އޭގެ ފަހުން ވެސް އެ ކުންފުންޏަށް އެ މަސައްކަތުން ފައިދާވާ ގޮތަށެވެ.
މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓް ހަދަން ވަސާޖިއޯއާ ހަވާލުކުރިއިރު ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޗެއާއަކަށް އިންނެވީ ޝިމާޒެވެ. އެ ބީލަމުގެ ކަންކަން މިނިސްޓްރީގައި ކުރިއަށް ދިޔައިރު، ވަސާޖިއޯގެ އިސް ބޭފުޅަކާ ޝިމާޒް ބައްދަލު ކުރެއްވި ކަމަށް އޭނާ އަށް އެ މިނިސްޓްރީގެ ބޭފުޅުން ކުރާ ތުހުމަތު ވަނީ ދޮގުކުރައްވައިފަ އެވެ.
ޝިމާޒް ވިދާޅުވެފައިވާ ގޮތުގައި ވަސާޖިއޯގެ ކުންފުނީގެ އިސް ބޭފުޅަކާ އޭނާއާ ގާތް ގުޅުމެއް ނޯވެ އެވެ. އަދި ބިޑް ކުރުމުގެ މަރުހަލާގައި ބައްދަލު ވެސް ކުރައްވާފައި ނޯންނާނެ ކަމަށާއި ތުހުމަތު އަޅުވަނީ ސިޔާސީ ގޮތުން އަބުރު ކަތިލަން ކަމަށް ވިދާޅުވި އެވެ. ނަމްބަރު ޕްލޭޓް ވަސާޖިއޯއަށް ލިބުމުގައި މިނިސްޓްރީގެ ބަޔަކު ހިތްހަމަނުޖެހިގެން އުޅެނީ އެ މީހުން ބޭނުންވާ ކުންފުންޏަކަށް ހަވާލުނުކުރެވިގެން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
މި މައްސަލައިގައި އޭސީސީން ދައުވާކޮށްދޭން އެދުނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތުގަ އެވެ. ޖުމްލަ އަގު 2.5 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އެ މަޝްރޫއު ހަވާލުކުރަން ޖެހޭނީ ނެޝަނަލް ޓެންޑަ ބޯޑު މެދުވެރިކޮށެވެ. އެކަމަކު އެޓާނީ ޖެނެރަލް އާއި ފިނޭންސްގެ ލަފަޔާ ވެސް ހިލާފަށް ޓްރާންސްޕޯޓުން މި މައްސަލައިގައި ގިނަ ކަންކަން ކޮށްފައިވެ އެވެ.
"ކުރިން ކޮރަޕްޝަންގެ ހާއްޔެއް، މޫތައް ލުހެލެވިއްޖެ"
ފިއްތުންތަކާ ހެދި ޓްރާންސްޕޯޓުގެ ޕީއެސް އިސްތިއުފާ!
ޝިޕިން އެޖެންސީގެ ގަވާއިދު އަލުން އެކުލަވާލައިފި
ސިނަމާލެ ބްރިޖުން ފީ ނެގުމުގެ ވިސްނުމެއް ނެތް: ނަހުލާ
އެއާޕޯޓް ހުޅުވާތާ ހަފުތާއެއް ތެރޭ ޝެޑިއުލް ދަތުރުފަށަނީ
ޓެކްސީ އަގާ ބެހޭ ފޯރަމް: ދެކޮޅުން ބަހުގެ ހަމަލާތަކެއް
"އިމުގެ މައްސަލަ ސިޔާސީ ނުކޮށް، އިސްތިއުނާފް ކުރޭ"
ރަޖިސްޓްރީ ބާތިލްކުރުން ހުއްޓުވުމުން ސުޕްރީމް ކޯޓަށް
އެމްއާރުއެމްގެ އިސް ބޭފުޅުންތަކެއް ޕާޓީން ވަކިވަނީ
އޮޓޯ ރިކްޝޯ ރާއްޖޭގައި ދުއްވަން ހުއްދައެއް ނުދޭނެ