ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިސްލާހީ ހަރަކާތަށް އުފެއްދެވި ޕާޓީ، އެމްއާރުއެމްގެ އިސް ބޭފުޅުންތަކެއް އެ ޕާޓީން ވަކިވާންް ނިންމައިފި އެވެ.
04 މެއި 2023
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިސްލާހީ ހަރަކާތަށް އުފެއްދެވި ޕާޓީ، އެމްއާރުއެމްގެ އިސް ބޭފުޅުންތަކެއް އެ ޕާޓީން ވަކިވާންް ނިންމައިފި އެވެ.
އޭގެ ތެރޭގައި، ޕާޓީ އުފެއްދެވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅާ، މުހައްމަދު ނަދީމް ހިމެނިވަޑައިގަންނަވާ އިރު، އެއީ މި ސަރުކާރުގެ ކެބިނެޓް މިނިސްޓަރު ޔުމްނާ މައުމޫންގެ ފިރިކަލުންނެވެ.
އެނގިފައިވާ ގޮތުގައި، އެމްއާރުއެމްގެ ސްލޮޓްގައި ކެބިނެޓުގައި ތިއްބެވި ޔުމްނާ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންގެ ވެސް ހިތްހަމަނުޖެހުންތަކެއް އެމްއާރުއެމް މިހާރު ހިންގާ ގޮތާ މެދު އެބަހުއްޓެވެ.
އެކަމަކު، މިއަދު ޕާޓީން ވަކިވެވަޑައިގަންނަވާ ލިސްޓުގައި އެ ދެ ބޭފުޅުން ހިމެނިވަޑައެއް ނުގަންނަވަ އެވެ. މިކަމުގައި ޔުމްނާ އާއި މިނިސްޓަރު އިބްރާހިމް ހަސަން އަދި ކޮމެންޓެއް ނުކުރައްވަ އެވެ.
މައުމޫންއާ އެކު ނަދީމް: އޭނާ ވެސް ހިމެނިވަޑައިގަންނަވަނީ ޕާޓީން ވަކިވެވަޑައިގަންނަވާ ލިސްޓުގައި.
"މިހާރު" އަށް ކަށަވަރު ވެފައިވާ ގޮތުގައި އެމްއާރުއެމުން ވަކިވެވަޑައިގަތުމަށް ޕާޓީ އަށް މިއަދު ސިޓީ ފޮނުވާ ލިސްޓުގައި 11 ބޭފުޅަކު ހިމެނިވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި، އެމްއާރުއެމްގެ ސްލޮޓްގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނަށް ތިއްބެވި ތިން ބޭފުޅަކާއި އެގްޒެކްޓިވް ޑިރެކްޓަރުންނާއި އެ ނޫން ވެސް ސިޔާސީ މަގާމްތަކުގައި ތިއްބެވި ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.
އެ ބޭފުޅުންގެ ހިތްހަމަނުޖެހުމަކީ، މައުމޫންގެ އުސޫލުތަކާ އެއްގޮތަށް ޕާޓީ ހިންގުމުގައި ދަތިތަކެއް ކުރިމަތިވެފައި ވުމެވެ.
އެމްއާރުއެމް ހިންގާ ގޮތާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅިގެން އެ ޕާޓީގެ އެކްސްކޯ ބައްދަލުވުމެއް ރޭ ވަނީ ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި، އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ، ޗާގޮސްގެ މައްސަލައިގައި ވަކި ގޮތަށް ޕާޓީން ނިންމާފައި ވަނިކޮށް، މުޅި އެކްސްކޯގެ ތާއީދު ނެތި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ސިޔާސީ ޕާޓީތަކާ އެކު އިއްޔެ ބޭއްވެވި ޕްރެސް ކޮންފަރެންސްގައި އެމްއާރުއެމް ތަމްސީލްކުރުމެވެ.
އެމްއާރުއެމްގެ ފަރާތުން، ބައިވެރިވެވަޑައިގަތީ ނައިބު ރައީސް އައިމިނަތު ނާދިރާ އެވެ. އޭނާ ވަޑައިގަތީ މައުމޫނަށް އެނގިވަޑައިގެން ކަމަށް ވެ އެވެ.
މި ސަރުކާރު ކޯލިޝަންގައި އެމްއާރުއެމް އޮވެ، ޕީޕީއެމާއި އެމްއެންޕީ އާއި އެ ނޫން ވެސް އިދިކޮޅު ފަރާތްތައް ހިމެނޭ ޕްރެސް ކޮންފަރެންސްގައި އެމްއާރުއެމް ތަމްސީލް ކުރުމުން އެކްސްކޯގެ ބައެއް މެމްބަރުން ވަނީ އެކަމާ ފާޑުވިދާޅުވެފަ އެވެ.
"އެކަމެއް [ދެ ވަޒީރުންނަށް ތުހުމަތު އެޅުވުމުން] ވެސް ނުހުއްޓުވުނު. އެމްއާރުއެމްގެ އެކްސްކޯ އިން ނިންމާފައި އޮތީ ޗާގޮސް މައްސަލާގައި ސަރުކާރުގެ ސްޓޭންޑާ ދެކޮޅުކަން ހާމަކޮށް ބަޔާނެއް ނެރެން. އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ބައިވެރިވާކަށް ނިންމާފައެއް ނެތް،" އެއް ބޭފުޅަކު ވިދާޅުވި އެވެ.
ޗާގޮސްގެ މައްސަލައިގައި ހުކުމް ކުރި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭއްވެވި ޕްރެސް ކޮންފަރެންސްގައި އެމްއާރުއެމް ތަމްސީލް ކުރައްވާ ޔުމްނާ އާއި ޑރ. އިބްރާހިމް ހަސަން ބައިވެރިވެވަޑައިގަތެވެ. އެކަމުގައި އެ ދެ ވަޒީރުންނަށް ޕާޓީގެ ބައެއް މެމްބަރުން ނުރުހުން އަމާޒުކުރި އެވެ.
ޗާގޮސްގެ މައްސަލައިގައި އެމްއާރުއެމްގެ ސްޓޭންޑް ހާމަކުރަން ނިންމީ އޭގެ ފަހުންނެވެ.
އެމްއާރުއެމްގެ އިސް ބޭފުޅުންތަކެއް އެ ޕާޓީގެ ޖަލްސާއެއްގައި: ޕާޓީ ހިންގާ ގޮތާ މެދު ހިތްހަމަނުޖެހިގެން 11 މެމްބަރަކު މިއަދު އިސްތިއުފާ ދޭން ވަނީ ނިންމާފައި. -- ފޮޓޯ | މިހާރު
އެމްއާރުއެމުން އިސް ބޭފުޅުންތަކެއް ވަކިވެވަޑައިގަންނަވަނީ މައުމޫނާ މެދު އެއްވެސް ހިތްހަމަނުޖެހުމެއް އޮވެގެން ނޫނެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި، ޕާޓީގެ މުޝީރުގެ ގޮތުގައި ހުންނެވި އެ މަނިކުފާނަށް އެނގިވަޑައިނުގަންނަވާ ގޮތަށް ޕާޓީގެ ތެރޭގައި ބައެއް ނިންމުންތައް ހިނގަ އެވެ.
"ރައީސް މައުމޫނަށް އަސްލު އޮޅޭ ގޮތަށް ބަޔަކު ވާހަކަ ދައްކާފައި ހުރި ކަން އެކްސްކޯގެ ބައެއް މެމްބަރުންނަށް ފާހަގަވި ބައްދަލުވުމުން،" އެއްބޭފުޅަކު ވިދާޅުވި އެވެ.
އެމްއާރުއެމުން ބައެއް މެމްބަރުން މި ވަކިވަނީ ދެ ވަނަ ދައުރަކަށް ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއާ އެކު މަޝްވަރާކުރަން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ. މި ސަރުކާރު ކޯލިޝަންގައި ދެމިއޮންނާނީތޯ ނުވަތަ އެހެން ޕާޓީއަކާ އެކު އިންތިހާބަށް ނުކުންނާތީ އެމްއާރުއެމުން ނުނިންމަ އެވެ.
ފިޝަރީޒްގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ސަސްޕެންޑުކޮށްފި
ތުހުމަތުތައް ބަލައިދިނުމަށް އެދި އަފްޒަލް އޭސީސީއަށް
ހަތަރު މިނިސްޓަރަކަށް މައުމޫންގެ ޚާއްސަ ނަސޭހަތެއް
އެމްއާރުއެމްގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލައިފި
"އީސީގެ އަމަލުތަކުން އިންތިހާބު އިންސާފުވެރި ނުވާނެ"
ވާދަވެރި ކެންޑިޑޭޓުގެ ކެމްޕޭން ވެސް ސަރުކާރު ތެރެއިން؟
މައުމޫންގެ ފަނޑުވި ސިޔާސީ ހަޔާތުން އެތައް އިބުރަތެއް
ޖޭޕީގެ ދައުވަތަށް އެމްއާރުއެމުން އަދި ގޮތެއް ނުނިންމާ
އިންތިހާބާ ގުޅޭގޮތުން މައުމޫނާއި ގާސިމް ބައްދަލުކުރަނީ
ކެމްޕެއިނަށް އެމްއާރުއެމްގެ ޝައުގުވެރިކަމެއް ނެތް