Roadha Mihaaru

ތަޒްމީލްގެ މަސައްކަތާއެކު، އެމްޓީޑީސީ ހިންދެމިލަނީ!

02 ނޮވެމްބަރ 2022

މީގެ ހަތަރުވަރަކަށް އަހަރު ކުރިން އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ އޭނާ ހަވާލުވެވަޑައިގެންނެވިއިރު، އެއީ އެތައް ބައެއްގެ ފާޑުކިޔުމާއި މަލާމާތް ރައްދުވަމުން ދިޔަ އެއް ކުންފުންޏެވެ. ހިއްސާދާރުންނަށް ފައިދާއެއް ނުބަހާތާ އެތައް އަހަރެއް ވެއްޖެ އެވެ. ކުންފުންޏަށް ވަމުން ދިޔައީ ގެއްލުމެވެ. އެތައް ހާސް ހިއްސާދާރުން ތިއްބަސް ކުންފުނިން އެދެވޭ ނަތީޖާއެއް ނެރެއެެއް ނުދެވުނެވެ. އެކަމަކު، ކުންފުނި ހިންގުމާ ތަޒްމީލް އަބްދުއްސަމަދު ހަވާލުވެވަޑައިގަތުމާއެކު އެމްޓީޑީސީގެ ސްޕީޑް ޖެހީ މެކުހަށެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

މީގެ ހަތަރުވަރަކަށް އަހަރު ކުރިން އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ އޭނާ ހަވާލުވެވަޑައިގެންނެވިއިރު، އެއީ އެތައް ބައެއްގެ ފާޑުކިޔުމާއި މަލާމާތް ރައްދުވަމުން ދިޔަ އެއް ކުންފުންޏެވެ. ހިއްސާދާރުންނަށް ފައިދާއެއް ނުބަހާތާ އެތައް އަހަރެއް ވެއްޖެ އެވެ. ކުންފުންޏަށް ވަމުން ދިޔައީ ގެއްލުމެވެ. އެތައް ހާސް ހިއްސާދާރުން ތިއްބަސް ކުންފުނިން އެދެވޭ ނަތީޖާއެއް ނެރެއެެއް ނުދެވުނެވެ. އެކަމަކު، ކުންފުނި ހިންގުމާ ތަޒްމީލް އަބްދުއްސަމަދު ހަވާލުވެވަޑައިގަތުމާއެކު އެމްޓީޑީސީގެ ސްޕީޑް ޖެހީ މެކުހަށެވެ.

"އެމްޓީޑީސީއާ އަޅުގަނޑުމެން ހަވާލުވި އިރު އޮތް ހިސާބުން މުޅިން އެހެން ހިސާބަކަށް ގެންދިއުމަށްޓަކައި ގިނަ މަސައްކަތްތަކެއް އެބަކުރެވޭ. އަޅުގަނޑުމެން ހަވާލުވިއިރު ހިއްސާގެ ފައިދާ ނުބަހާތާ 11 އަހަރު ވެއްޖެ. ކުންފުނި ހިންގަން ޖެހިފައި އޮތީ ދަރަނީގައި،" ތަޒްމީލް ވިދާޅުވި އެވެ.

"މިއަދު ފަހުރުވެރިކަމާއެކު ދަންނަވަން ޖެހެނީ އެމްޓީޑީސީ ހިންގަނީ ފައިދާގައޭ. އަދި އެމްޓީޑީސީ އަށް ފައިސާ ލިބޭނެ އިތުރު އިންތިޒާމުތަކެއް ހަމަޖައްސައިފިން. ފައިސާގެ ގޮތުން ކުންފުނި ހިންދެމިލެވޭތޯ ކުރި މަސައްކަތުގެ ނަތީޖާ އޮޑިޓް ރިޕޯޓްތަކުން ފެންނާނެ،" އެމްޑީ ވިދާޅުވި އެވެ.

މި އަހަރުގެ ޖޫން މަހު ބޭއްވި އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ އެމްޑީ ތަޒްމީލް (ކ) އެ ކުންފުނީގެ ޑީއެމްޑީ ނިޔާޒާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މި އަހަރުގެ ޖޫން މަހު ބޭއްވި އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ އެމްޑީ ތަޒްމީލް (ކ) އެ ކުންފުނީގެ ޑީއެމްޑީ ނިޔާޒާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެއާއެކު އޭނާ ފާހަގަކުރައްވާ އެއް ކަމަކީ ދައުލަތުން ބޭނުންވީމާ ޓީބިލަށް އިންވެސްޓް ކުރެވޭވަރުގެ ގާބިލްކަން ވެސް އެމްޓީޑީސީގައި އޮތުމެވެ.

"މިއަދު އަޅުގަނޑުމެން މި ތިބީ އެއްފަހަރު އެކަން ވެސް ކޮށްގެން. އެހެންވީމާ ދައުލަތަށް އެހީތެރިކަން ބޭނުންވާ ފަހަރުތަކުގައި މި ކުންފުނިން ވެސް ކަންކަން ކޮށްދެވޭ ހާލަތުގައި އޮތުމަކީ އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތުގެ ނަތީޖާ،" ތަޒްމީލް ވިދާޅުވި އެވެ.

"ދައުލަތުން ވެސް އެ ކަންކަން ކޮށްދިންކަން ފާހަގަކުރަން."

ތަޒްމީލް ވިދާޅުވީ، އެމްޓީޑީސީއާ އޭނާ ހަވާލުވިއިރު، އޮތް ބޮޑު ދަރަނި ކުޑަކުރުމަށްޓަކައި "ޓަކި" ނުޖައްސަވާ ދައުލަތުގެ ކަމާ ގުޅޭ އެއްވެސް މުއައްސަސާއެއް ނެތް ކަމަށެވެ.

ތަޒްމީލް، މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ތަޒްމީލް، މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

"ވަރަށް އުނދަގޫ ވަގުތުތައް ވެސް އައި. ވަރަށް މާޔޫސްވާ ވަގުތުތައް ވެސް އައި. އެހެން ނަމަވެސް އަޅުގަނޑު ގިވްއަޕް ނުކޮށް ކުރި މަސައްކަތުގެ ނަތީޖާއަކީ އަޅުގަނޑު މަގާމާ ހަވާލުވި އަހަރު ނޫން، ދެން ޖެހިގެން އައި އަހަރު އެމްޓީޑީސީގެ ހިއްސާގެ ފައިދާ އަޅުގަނޑުމެން ބެހިން. މިއަދާ ހަމައަށް އައި އިރު ތިން އަހަރުގައި ހިއްސާގެ ފައިދާ އަޅުގަނޑުމެން ޑިކްލެއާ ކޮށްފިން،" ތަޒްމީލް ވިދާޅުވި އެވެ.

އެކަމަކު އާންމުން އަދި ހިއްސާދާރުންގެ ވެސް ސުވާލަކީ އެ ކުންފުނީގެ ހިއްސާގެ ފައިދާއަކަށް އެންމެ 50 ލާރި ބެހުމަކީ ފައިދާ ހެއްޔެވެ؟

"އަޅުގަނޑުގެ ޖަވާބަކީ 11 އަހަރު ދުވަސް ވަންދެން ކުންފުނި ހިންގީ ދަރަނީގައޭ. އޭގެ ފަހުން ނިމިދިޔަ ތިން އަހަރު ހިއްސާގެ ފައިދާ ބެހިއިރު މިއަދާ ހިސާބަށް ގާތްގަނޑަކަށް 40 މިލިއަން ޕްލަސް ހަމައެކަނި ހިއްސާގެ ފައިދާގެ ގޮތުގައި އަޅުގަނޑުމެން ޑިކްލެއާ ކޮށްފީމޭ. ދައުލަތް ވެސް ހިމެނޭ ގޮތަށް އެއީ،" އޭނާ ވިދާޅުވި އެވެ.

ތަޒްމީލް ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ހިއްސާ ބަހާ ދައުލަތުގެ ކުންފުނިތަކަށް ބަލާއިރު ވަރަށް މަތީ މިންގަނޑެކެވެ. އެމްޓީޑީސީގައި މިހާރު 25،000 ހިއްސާދާރުން ތިބިއިރު ސަރުކާރުގެ ކުންފުނިތަކުގެ ހިއްސާދާރުންގެ އަދަދު އާންމުކޮށް އުޅެނީ 10،000 ނުވަތަ 12،000 ގަ އެވެ.

މި އަހަރުގެ ޖޫން މަހު ބޭއްވި އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ބައެއް ހިއްސާދާރުން: ކުންފުނީގެ މިހާރުގެ އަމާޒަކީ އެ ތަނުގެ އެންމެ ދުޅަހެޔޮ ދުވަސްވަރު އޮތް ހާލަތުގައި ބެހި އަދަދަށް ހިއްސާގެ ފައިދާ ބެހޭނެ އިންތިޒާމުތައް ހަމަޖެއްސުން ކަމަށް އެމްޑީ ވިދާޅުވި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މި އަހަރުގެ ޖޫން މަހު ބޭއްވި އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ބައެއް ހިއްސާދާރުން: ކުންފުނީގެ މިހާރުގެ އަމާޒަކީ އެ ތަނުގެ އެންމެ ދުޅަހެޔޮ ދުވަސްވަރު އޮތް ހާލަތުގައި ބެހި އަދަދަށް ހިއްސާގެ ފައިދާ ބެހޭނެ އިންތިޒާމުތައް ހަމަޖެއްސުން ކަމަށް އެމްޑީ ވިދާޅުވި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"އެހެން ބަލައިފިއްޔާ އަޅުގަނޑުމެން ޑިކްލެއާ ކުރަންޖެހޭ އެއްޗެއްގެ ނިސްބަތް ވެސް ބޮޑުވާނެ. އަޅުގަނޑުގެ އުންމީދަކީ ކުރިން ވެސް އެމްޓީޑީސީން ހިއްސާގެ ފައިދާ ބެހި ގޮތަށް 2ރ. 3ރ. 4ރ. ބެހޭނެ އިންތިޒާމުތައް ހަމަޖެއްސުން. ފައިނޭންޝަލީ ކުންފުނި އެ ހިސާބަށް ގެންދިއުން. އެ މަސައްކަތަށްޓަކައި އަޅުގަނޑުމެން މިއަދު އިތުރު އިންވެސްޓްމަންޓަކަށްޓަކައި މި ނުކުންނަނީ،" އޭނާ ވިދާޅުވި އެވެ.

އެމްޑީ ފާހަގަކުރެއްވި ގޮތުގައި މިހާރު އެމްޓީޑީސީގެ ހިއްސާގެ މޫނުމަތީގެ އަގަކީ 10ރ. ކަމަށް ވިޔަސް މިހާރު ޓްރޭޑްކުރާ އަގަކީ 12ރ. އެވެ.

"މާނައަކީ 2ރ. ގެ ރުފިޔާގެ ކުރިއެރުމެއް އެ އައީ. އެއީ ނިމިދިޔަ ތިން އަހަރު ކުރެވިފައިވާ މަސައްކަތުގެ ނަތީޖާ. އިއްޔެ [މިދިޔަ ހަފުތާގެ ބުދަ ދުވަސް] އަޅުގަނޑު ބެލިއިރު ވެސް އެމްޓީޑީސީގެ ޝެއާ ގަނެފައި އެބަހުރި 12ރ. އަށް ވެސް. އެހެންވީމާ އެމްޓީޑީސީ އަށް މި އަންނަ ކުރިއެރުން އެބަ ފެނެއޭ ޝެއާ މާކެޓްގެ ތެރެއިން ވެސް،" ތަޒްމީލް ވިދާޅުވި އެވެ.

އެމްޓީޑީސީއަކީ ދައުލަތުގެ އެހެން ކުންފުނިތަކެކޭ ވެސް އެއްގޮތަށް ދާއިމީ ގޮތެއްގައި ރެވެނިއު ވަންނާނެ އެހެން ދިމާތައް ހޯދަން އެ ކުންފުނިން މިހާރު ވަނީ އެކި ކަންކަމާ ދިމާ އަށް މިސްރާބު ޖަހައިފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ އެމްޓީޑީސީގެ އޮފީސް އިމާރާތެއް ހެދުމެވެ. ދާއިމީކޮށް އާމްދަނީ ލިބޭނެ ވަސީލަތަކަށް އެ އޮފީސް ހެދުމެވެ.

އަޅުގަނޑުގެ ޖަވާބަކީ 11 އަހަރު ދުވަސް ވަންދެން ކުންފުނި ހިންގީ ދަރަނީގައޭ. އޭގެ ފަހުން ނިމިދިޔަ ތިން އަހަރު ހިއްސާގެ ފައިދާ ބެހިއިރު މިއަދާ ހިސާބަށް ގާތްގަނޑަކަށް 40 މިލިއަން ޕްލަސް ހަމައެކަނި ހިއްސާގެ ފައިދާގެ ގޮތުގައި އަޅުގަނޑުމެން ޑިކްލެއާ ކޮށްފީމޭ،"---ތަޒްމީލް

އެހެންވެ، އެމްޓީޑީސީން މިހާރު ވަނީ ހުޅުމާލެ އިން ބިމެއް ގަނެފަ އެވެ. އެ ބިމުގައި ހަތް ބުރީގެ އޮފީސް އިމާރާތެއް ހަދައި އަންނަ އަހަރު އެ އިމާރާތުން އޮފީސްތަކަށް ކުއްޔަށް ދޫކުރަން ފަށާނެ އެވެ.

އެމްޓީޑީސީ މިހާތަނަށް ހިންގަމުން އަންނަނީ މަޓީގެ އިމާރާތުގައި ކަމަށް ވާއިރު ތަޒްމީލް ބޭނުންވަނީ މުވައްޒަފުންގެ އުފަލަށްޓަކައި ވެސް ރަނގަޅު އޮފީސް މާހައުލެކެވެ. އިތުރު ރެވެނިއު ހޯދަން އަމާޒު ހިފާފައި ވަނީ މުވައްޒަފުންނަށް އެ ފަދަ މާހައުލެއް ގާއިމުކޮށްދިނުމާއެކު އެވެ.

"ހުޅުމާލޭގެ އެންމެ ޕްރައިމް އެއް ލޮކޭޝަންގައި އެމްޓީޑީސީގެ އޮފީސް އިމާރާތް އެޅުމަށްޓަކައި މިހާރު އަޅުގަނޑުމެން ވާނީ ފުލްޕޭމަންޓް ދައްކައި، ބިން ގަނެފައި. އެމްޓީޑީސީގެ ނަމުގައި މިހާރު ބިން އޮންނާނެ. އަޅުގަނޑު އުންމީދު ކުރަނީ އިރާދަކުރެއްވިއްޔާ އަންނަ އަހަރު ނިމުމުގެ ކުރިން އެމްޓީޑީސީގެ އޮފީސް އިމާރާތް ވެސް ވުޖޫދަށް ގެނެވޭނެ ކަމަށް،" އެމްޑީ ވިދާޅުވި އެވެ.

އެ އިމާރާތުގެ ކޮސެޕްޓް ޑިޒައިން މިހާރު ވަނީ އެޗްޑީސީ އަށް ހުށަހަޅައިފަ އެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކްގެ ކުރިމަތިން އެމްޓީޑީސީ އަށް ވިއްކާފައިވާ އެ ބިމުގައި އޮފީސް އިމާރާތް އަޅަނީ ތަޒްމީލް ވިދާޅުވިގޮތުގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. އެއީ އެންމެ ޒަމާނީ، މުވައްޒަފުންނަށް ހިތްފަސޭހަ މާއުލަކަށް ވާނެ ކަމަށް އެމްޓީޑީސީން ބުނެ އެވެ.

އެ އިމާރާތުން އެމްޓީޑީސީގެ ބޭނުމަކަށް އެއްބުރި ނުވަތަ ދެ ބުރި ނެގުމަށް ފަހު ބާކީ ފަސް ބުރި ދޫކުރަނީ އެހެން އޮފީސްތައް ހިންގުމަށެވެ. އެއީ ކޮމާޝަން އުސޫލުންނެވެ.

"އޭގެ ސަބަބުން ވެސް ކުންފުނީގެ ރެވެނިއު އިތުރު ވެގެން ދާނެ. އިމާރާތުގައި ކެފޭއަކާއި ލޮބީއަކާއި އަދި އެންމެ ފަހުގެ ވަސީލަތްތައް ހުންނާނެ. ބޭނުންކުރާނީ އެންމެ ފަހުގެ ޓެކްނޮލޮޖީ،" ތަޒްމީލް ވިދާޅުވި އެވެ.

އެމްޓީޑީސީން އުންމީދުކުރާ ގޮތުގައި އަންނަ ޑިސެމްބަރު މަސް ނުވަތަ އަންނަ އަހަރުގެ ޖެނުއަރީ މަހުގައި އިމާރާތުގެ އަމަލީ މަސައްކަތް ފެށޭނެ އެވެ.

"މިއަދު އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ އޮފީސް އިމާރާތް ވެސް އަމިއްލަ ފައިނޭންސްގައި އެޅޭ ވަރުގެ ކުންފުންޏެއް. އެ ހިސާބަށް މި ދެވުނީ އެ ދުވަހު އެ ހާލުގައި އޮވެފައި މިއަދު ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން. އެއީ ކޮންމެވެސް ބަޔަކު ކުރި މަސައްކަތްކަން ޔަގީން. އެއީ އިއްތާފަކުން ވީ ކަމެއް ނޫން،" އެމްޑީ ވިދާޅުވި އެވެ.

އެމްޓީޑީސީގެ އެމްޑީ ތަޒްމީލް، މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުގެ ތެރެއިން، އެ ކުންފުނީގެ ޗީފް ފައިނޭންސް އޮފިސަރު އިބްރާހިމް ލަތީފާ މަޝްވަރާ ކުރައްވަނީ: ކުންފުނި މިހާރު ހިންގަނީ ފައިދާގައި ކަމަށް ވިދާޅުވި.---ފޮޓޯ: ނިޝާން އަލީ| މިހާރު

އެމްޓީޑީސީގެ އެމްޑީ ތަޒްމީލް، މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުގެ ތެރެއިން، އެ ކުންފުނީގެ ޗީފް ފައިނޭންސް އޮފިސަރު އިބްރާހިމް ލަތީފާ މަޝްވަރާ ކުރައްވަނީ: ކުންފުނި މިހާރު ހިންގަނީ ފައިދާގައި ކަމަށް ވިދާޅުވި.---ފޮޓޯ: ނިޝާން އަލީ| މިހާރު

ތަޒްމީލްގެ މިހާރުގެ އެންމެ ބޮޑު އުންމީދު ނިމެނީ އަދި އަމިއްލަ އޮފީސް އިމާރާތަކާ ހިސާބަކުން ނޫނެވެ. އޮފީސް އިމާރާތާއެކު، އެމްޓީޑީސީން ޓޫރިޒަމް ދާއިރާގައި އަމިއްލަ އަށް ކުރާ މަސައްކަތުން ކުންފުންޏަށް ދާއިމީކޮށް ފައިސާ ވަންނާނެ މަގެއް ހޯދުމަކީ މި ފަސް އަހަރުގެ ތެރޭގައި ހާސިލު ކުރައްވަން ބޭނުންވާ ކަމެއް ކަމަށް ވިދާޅުވި އެވެ. މާނައަކީ އެ ކުންފުނިން އަމިއްލަ އަށް އޮޕަރޭޓްކުރާ ރިސޯޓެއް ހޯދުމެވެ.

"ޓޫރިޒަމް އިންޑަސްޓްރީގައި އެމްޓީޑީސީގެ ޑައިރެކްޓް އިންވޯލްމަންޓް އޮތުން. މާނައަކީ އެމްޓީޑީސީން އޮޕަރޭޓްކުރާ އަމިއްލަ ބެޑްތަކެއް ހުރުން. އެ މަސައްތުގެ މަޝްވަރާތައް ސީނިއާ މެނޭޖުމަންޓުގައި މިހާރު ކުރަމުން މި އަންނަނީ. އަޅުގަނޑުގެ އުންމީދަކީ ދާދި ކުރު މުއްދަތެއްގެ ތެރޭގައި އެމްޓީޑީސީގެ އަމިއްލަ ރިސޯޓެއް، މަދުވެގެން 100 ކޮޓަރީގެ ރިސޯޓެއް އޮތުން،" ތަޒްމީލް ވިދާޅުވި އެވެ.

އެމްޓީޑީސީގެ ވިސްނުން މިހާރު ހުރީ "ކުޑަ ޕްރޮޕަޓީއަކުން" އެ ވިޔަފާރި ފެށުމެވެ.

"ފައިނޭންސާއި ރަށެއް ހޯދުމުގެ ކަންކަމުގެ މަޝްވަރާ ކުރިއަށް ދަނީ. އެ ކަމުގެ މާ ބޮޑު ތަފުސީލަކަށް މި ވަގުތު ދާކަށް ނެތިން. ސަބަބަކީ އެއީ އަދި މަޝްވަރާ ކުރެވެމުންދާ ކަމަކަށް ވާތީ. ފައިނޭންޝަލީ އަދި ބަލަންޖެހޭ ވަރަށް ގިނަ ކަންކަން ވެސް ހުރުމާއެކު،" ތަޒްމީލް ވިދާޅުވި އެވެ.

"އެމްޓީޑީސީގެ މިހާރުގެ ވަރަށް ބޮޑު އަމާޒެއް އަޅުގަނޑުމެންގެ އަމިއްލަ ރިސޯޓަކާއި އަމިއްލަ އޮފީސް އިމާރާތެއް ވުޖޫދެއް ގެންނަން،" އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުގެ އުންމީދަކީ ދާދި ކުރު މުއްދަތެއްގެ ތެރޭގައި އެމްޓީޑީސީގެ އަމިއްލަ ރިސޯޓެއް، މަދުވެގެން 100 ކޮޓަރީގެ ރިސޯޓެއް އޮތުން،"---ތަޒްމީލް

އެމްޓީޑީސީން މިހާތަނަށް ރިސޯޓު ހެދުމަށް ރަށްތައް ދޫކުރީ ލީސް ކޮށްގެން ކަމަށް ވިޔަސް ރިސޯޓް ހިންގުމުގައި ސީދާ ބައިވެރިވުމެއް ނޯވެ އެވެ.

"އޭރު އެމްޓީޑީސީގައި އޮތީ ލީސް ކޮމްޕޯނަންޓެއް. ފަހުން އަޅުގަނޑުމެން މި ބަދަލުކުރީ ޖޮއިންޓް ވެންޗާ އަށް. އޭގެ ފަހުން ދެން ވިސްނުން މި ހުރީ އަޅުގަނޑުމެންގެ އަމިއްލަ ރިސޯޓު ހިންގުމަށް. ދެން އަޅުގަނޑުމެންގެ އަމިއްލަ އޮފީސް އިމާރާތެއް ހެދުމަށް. އަޅުގަނޑު ހިތުން މި ހަތަރު ކޮމްޕޯނަންޓް އެއްވެގެން އަންނައިރު، އެމްޓީޑީސީ ކުރިން އޮތް ހާލަތަށް އަޅުގަނޑުމެންނަށް އޮންނާނީ ގެންދެވިފައި،" އެމްޑީ ވިދާޅުވި އެވެ.

އެ ކުންފުނީގެ ޖޮއިންޓް ވެންޗާގެ ފުރަތަމަ އިންވެންސްޓްމަންޓަކަށް ވާނީ ހދ. ނާގޯށީގައި ތަރައްގީކުރާ ރިސޯޓެވެ. ދުބާއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ރޯ ގަލަދާރީ ކުންފުނީގެ 85 ޕަސެންޓާއި އެމްޓީޑީސީގެ 15 ޕަސެންޓާއެކު ތަރައްގީކުރާ އެ ރިސޯޓުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އަންނަ އަހަރު ނިންމައި އެ އަހަރު ނިމުމުގެ ކުރިން ހުޅުވާނެ އެވެ.

ނާގޯއްޓަކީ 76 ހެކްޓަރުގެ ބޮޑު ރަށަކަށް ވާއިރު، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.

ތަޒްމީލް ވިދާޅުވިގޮތުގައި އެއީ ރާއްޖޭގެ ޓޫރިޒަމަށް ބޮޑު އިންގިލާބެއް ގެންނާނެ ރިސޯޓަކަށް ވާނެ އެވެ. ދުނިޔޭގެ މަޝްހޫރު އެތައް ބްރޭންޑެއް އެ ރިސޯޓުން ފެންނާނެ އެވެ.

މުޅި ރިސޯޓަށް 400 މިލިއަން ޑޮލަރަށް ވުރެ ބޮޑު ހޭދައެއް ކުރާއިރު، އެއީ ރާއްޖޭގައި އެންމެ އެނދު ގިނަ އެއް ރިސޯޓަށް ވާނެ ކަމަށް ތަޒްމީލް ވިދާޅުވި އެވެ.

ރިސޯޓެއްގެ ގޮތުގައި ނާގޯށި ތަރައްގީ ކުރުމުގެ އެއްބަސްވުން ވެސް ދުބާއީގެ ކުންފުންޏާއެކު ހަދާފައި ވަނީ އޭނާ ވިދާޅުވިގޮތުގައި، ރިސޯޓު ހިންގުމުގެ ފައިދާގެ ފިކްސްޑް އަދަދެއް ކޮންމެ ކުއާޓާއެއްގައި ވެސް އެމްޓީޑީސީ އަށް ލިބޭ ގޮތަށެވެ.

ނާގޯށީގެ އެއްބަސްވުން ހެދިއިރު އެމްޓީޑީސީން ޔަގީންކުރި ކަމަކީ އެ ރިސޯޓަށް ފައިދާ ވިޔަސް ނުވިޔަސް އެމްޓީޑީސީގެ 15 ޕަސެންޓް ހިއްސާގެ އިތުރުން ވެސް ފިކްސްޑް އަދަދެއް ކޮންމެ ކުއާޓަރެއްގައި އެ ކުންފުންޏަށް ލިބެން ޖެހޭނެ ކަމެވެ.

"މިހާރު އަޅުގަނޑުމެން ލީސް ކޮށްފައި އޮތް ދެ ރިސޯޓުގެ ހެޑް ލީސް އެމައުންޓް ވެސް ދައުލަތަށް މި ދައްކަނީ އެމްޓީޑީސީން. އެކަމަކު ނާގޯށީގައި ހެޑް ލީސް އެމައުންޓް ދައްކާނީ ސީދާ އޮަޕަރޭޓް ކުރާ ކުންފުނިން. އެ ދައްކާފައި އަދި އެމްޓީޑީސީ އަށް [ކޮންމެ ކުއާޓަރެއްގައި] ފިކްސް އެމައުންޓެއް ވަންނާނެ،" ތަޒްމީލް ވިދާޅުވި އެވެ.

މި އަހަރުގެ ޖޫން މަހު ބޭއްވި އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ބޯޑުގެ މެމްބަރުން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މި އަހަރުގެ ޖޫން މަހު ބޭއްވި އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ބޯޑުގެ މެމްބަރުން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ތަޒްމީލާއި އޭނާގެ ލީޑަޝިލުން ގަބޫލުކުރާ ގޮތުގައި އެމްޓީޑީސީ އަށް ފައިދާވާނެ ގޮތަށް އެފަދަ ހުރިހާ ކަމެއް ކުރުމުގެ ނަތީޖާ ކުރިއަށް އޮތް ދުވަސްތަކުގައި ފެންނާނެ އެވެ. ރަށްތަކެއް ލީސް ކޮށްގެން ތިބެ އަދި ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ހިއްސާދާރުން ގިނަ ކުންފުނީގެ ރެކޯޑާއެކު، އެތައް އަހަރެއް ވަންދެން ހިއްސާގެ ފައިދާ ނުބަހައި ތިބި ތިބުމަށް މިދިޔަ ތިން އަހަރު ނިމުމަކަށް ގެނެވުމަކީ ކާމިޔާބެއް ކަމަށް ތަޒްމީލްގެ ލީޑަޝިޕުން ގަބޫލުކުރެ އެވެ.

"އަޅުގަނޑުގެ އުންމީދަކީ އަންނަ އަހަރުގެ ފަހުކޮޅަށް ދާއިރުގައި މި ހުރިހާ ކަމެއްގެ ނަތީޖާ ފެނުން. މި ފަސް އަހަރު މި ކުރެވޭ މަސައްކަތުގެ ނަތީޖާ މެޓީރިއަލައިޒް ކުރެވިފައި ހުންނާނެއޭ އަންނަ އަހަރުގެ އެންޑަށް. ކުރިއަށް އޮތް ފަސް އަހަރަކީ އެ ތަންތަނުން މަނީ ޖެނެރޭޓް ކުރާ ނުވަތަ ރެވެނިއު ނުވަތަ އިންކަމް މި ކުންފުންޏަށް ވަންނަ ފަސް އަހަރަށް އިރާދަކުރެއްވިއްޔާ ވާނެ. އެ އަމާޒަށް އަޅުގަނޑާއި އަޅުގަނޑުގެ ޓީމުން މަސައްކަތް މި ކުރަނީ،" ތަޒްމީލް ވިދާޅުވި އެވެ.

ކުންފުންޏަށް ދާއިމީ ފައިދާއެއް ވަނުމަށް އެމްޓީޑީސީން މިހާރު ކުރާ މަސައްކަތުގެ 90 ޕަސެންޓް އަންނަ އަހަރުގެ ނިޔަލަށް ހާސިލްވުމަކީ ބޮޑު ކާމިޔާބަކަށް ވާނެ އެވެ. އޭގެ މާނައަކީ އޭގެ ފަހުން އެމްޓީޑީސީއަކީ ދައުލަތުގެ އެހެން ބޮޑެތި ކުންފުނިތަކާ އެއްވަރަށް ފައި ހަމަކޮށްލެވޭ ވަރުގަދަ ކުންފުންޏަކަށް ވުމެވެ. ތަޒްމީލާއި އޭނާގެ މެނޭޖުމަންޓުން މިހާރު ކުރާ ކަމަކީ އެއީ އެވެ. ކުރިއަށް އޮތީ ނަތީޖާ އަށް ބެލުމެވެ.