Roadha Mihaaru
"ނަޝީދުގެ ދަތުރުފުޅަށް ރާއްޖޭން ހަރަދެއް ނުކުރޭ"

ނަޝީދުގެ ދަތުރުފުޅަށް ރާއްޖޭން ހަރަދެއް ނުކުރޭ: މަޖިލިސް

05 ނޮވެމްބަރ 2022

ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ ކޮންފަރަންސް، ކޮޕް 27 ގައި ސްރީ ލަންކާގެ ވަފުދާއެކު ވަޑައިގަތް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދަތުރުފުޅަށް ދިވެހި ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުކުރައްވާ ކަމަށް މަޖިލީހުން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ ކޮންފަރަންސް، ކޮޕް 27 ގައި ސްރީ ލަންކާގެ ވަފުދާއެކު ވަޑައިގަތް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދަތުރުފުޅަށް ދިވެހި ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުކުރައްވާ ކަމަށް މަޖިލީހުން މިއަދު ބުނެފި އެވެ.

ކޮޕް ސަމިޓަށް ލަންކާގެ ވަފުދުގެ މެމްބަރެއް ގޮތުގައި އެ ގައުމު ތަމްސީލް ކުރެއްވުމަށް ނަޝީދު ވަނީ މިސްރުގެ ޝަރުމުއް ޝައިޚް އަށް އިއްޔެ ފުރައިވަޑައިގެންފަ އެވެ.

އެކަމަށް ފާޑު ވިދާޅުވަމުން އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު މިއަދު ކުރެއްވި ޓުވީޓެއްގައި ރައްޔިތުންގެ ފައިސާ އިން މުސާރަ ނަގައިގެން އެހެން ގައުމެއް ތަމްސީލު ކުރައްވަން އެމަނިކުފާނު ވަޑައިގަންނަވާއިރު އެއީ އަމިއްލަ ގައުމަށް ވަފާތެރިވުންތޯ ސުވާލު އުފައްދަވައިފަ އެވެ.

އެކަމާ ގުޅިގެން ނަޝީދު އެ ދަތުރުފުޅަށް ކުރައްވާ ހަރަދު ސާފު ކުރުމަށް މަޖިލިސް އިދާރާގައި ސުވާލު ކުރުމުން މަޖިލީހުގެ މީޑިއާ ޑައިރެކްޓާ ހަސަން ޒިޔާއު ވިދާޅުވީ އެ ދަތުރުގެ ހަރަދުތައް ހަމަޖެއްސެވީ ކްލައިމެޓް ވަނަރަބަލް ފޯރަމް (ސީވީއެފް) އިން ކަމަށެވެ.

"ދިވެހި ދައުލަތުގެ ބަޖެޓުން އެ ދަތުރަށް އެއްވެސް ހަރަދެއް ނުކުރޭ،" ޒިޔާއު ވިދާޅުވި އެވެ.

ނަޝީދު ލަންކާގެ ވަފުދާއެކު ވަޑައިގަންނަވާ އިރު އެމަނިކުފާނަކީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހާގެ އިންޓަނޭޝަނަލް ކްލައިމެޓް އެޑްވައިޒަރެވެ.

އަންނަ ބުދަ ދުވަހާ ހަމައަށް ނަޝީދު އެ ދަތުރުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ކޮޕް ސަމިޓަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދު ކުރުމާއި އެޑަޕްޓޭޝަން މަސައްކަތްތައް ފުޅާ ކުރުމާއި އަދި ތިމާވެށީގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި ބޭނުންވާ މާލީ ކަންކަން ފަހިކުރުމަށް މަސައްކަތް ކުރުމާއި އެކަމަށް ބާރު އަޅައި މަޝްވަރާ ކުރުމަށް ގައުމުތަކުގެ ލީޑަރުންނާއި އެކި ޖަމިއްޔާތަކާއި ވިޔަފާރިވެރިންނާއެކު ބާއްވާ ސަމިޓެކެވެ.