Roadha Mihaaru
ވިލިމާލޭގެ ފަރަށް ގެއްލުން ލިބުނުތާ ތިން މަސް ވަނީ

ވިލިމާލޭގެ ފަރަށް ގެއްލުން ލިބުނުތާ ތިން މަސް ވަނީ، ފިޔަވަޅެއް ނޭޅުނު!

07 ނޮވެމްބަރ 2022

މާލެ-ވިލިމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، އެ މައްސަލާގައި އެއްވެސް ފިޔަވަޅެއް ނޭޅި ތިން މަސް ދުވަސް ވާން ކައިރިވެފައިވާއިރު ސަރުކާރުގެ ކަމާ ބެހޭ އިދާރާތައް "ގެއްލިއްޖެ" އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ-ވިލިމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، އެ މައްސަލާގައި އެއްވެސް ފިޔަވަޅެއް ނޭޅި ތިން މަސް ދުވަސް ވާން ކައިރިވެފައިވާއިރު ސަރުކާރުގެ ކަމާ ބެހޭ އިދާރާތައް "ގެއްލިއްޖެ" އެވެ.

ބްރިޖުގެ ޖިއޯ ޓެކްނިކަލް ސާވޭ އަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރީ މިދިޔަ އޮގަސްޓު މަހު 16 އިގަ އެވެ. އެކަމަކު، އިންޑިއާގެ އެފްކޮންސް ކުންފުންޏަށް އެ ޕްލެޓްފޯމް ފުން ކުރެވުނީ އޭގެ 12 ދުވަސް ފަހުންނެވެ. އޭގެ ސަބަބުން ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބި 10 ވަރަކަށް ފޫޓު ފުން ބޮޑެތި ވަޅުގަނޑުތަކެއް ވަނީ ހެދިފަ އެވެ.

ޕްލެޓްފޯމް އުރުމާ ގުޅިގެން ވިލިމާލެ ފަރަށް ލިބިފައި ހުރި ގެއްލުން.

ޕްލެޓްފޯމް އުރުމާ ގުޅިގެން ވިލިމާލެ ފަރަށް ލިބިފައި ހުރި ގެއްލުން.

އެ ހާދިސާއާ ގުޅިގެން އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހެދި ރިޕޯޓުގައިވާ ބައެއް ކަންކަން އެފްކޮންސް ކުންފުނިން ގަބޫލެއް ނުކުރި އެވެ. ބަދަލުގައި އެ ކުންފުނިން އެދުނީ އެ މީހުން އަމިއްލަ އަށް ސާވޭކުރަން ބޭނުންވާ ކަމަށެވެ. އެހެންވެ، އެ ފުރުސަތު ވަނީ ދީފަ އެވެ.

އެ ސާވޭއާ ގުޅޭގޮތުން އެފްކޮންސްގެ ބަހެއް ހޯދަން މިދިޔަ ހަފުތާއިން ފެށިގެން "މިހާރު" އިން މަސައްކަތް ކުރިޔަސް، އެއްވެސް މައުލޫމާތެއް ނުލިބުނެ އެވެ. ސާވޭ ނިމުނު ކަމެއް އަދި ނުނިމޭ ކަމެއް ވެސް ނުބުންޏެވެ.

އީޕީއޭއިން އަދިވެސް ބުނަނީ އެ މައްސަލާގައި ފިޔަވަޅެއް އެޅޭނީ އެފްކޮންސް އިން ހަދާ ސާވޭ ނިމުމުން ކަމަށެވެ. އެކަމަކު އެ ސާވޭކުރަން އެފްކޮންސް އަށް ދިން ހަފުތާއެއްގެ މުއްދަތު ވެސް ހަމަވެ، މިހާރު އޮތީ މުއްދަތެއް ނެތް ގޮތަށް އެކަން ކުރަން ދޫކޮށްލައިފަ އެވެ.

ތިލަމާލެ ބްރިޖު ހަދަން ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރުމަތީގައި: އެ ފަރަށް ބޮޑު ގެއްލުމެއް ލިބިފައިވޭ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ތިލަމާލެ ބްރިޖު ހަދަން ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރުމަތީގައި: އެ ފަރަށް ބޮޑު ގެއްލުމެއް ލިބިފައިވޭ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ވިލިމާލެ ފަރަށް ލިބުނު ގެއްލުން ބަލަން އީޕީއޭ އިން ސާވޭ ފެށީ އެ ޕްލެޓްފޯމް ފުން ކުރުމަށް ފަހު، އެ ތަނަށް އެޅިފައި ހުރި ދަގަނޑު ހޮޅިތައް އެފްކޮންސް އިން ނަގައި ނިމުމުން މިދިޔަ މަހުގެ ހައެއްގަ އެވެ. އޭގެ ދެ ހަފުތާ ފަހުން އީޕީއޭގެ ސާވޭ ނިންމައި، މިދިޔަ މަހުގެ 14 އިގައި އެ އެޖެންސީގެ ރިޕޯޓަށް ޖަވާބުދާރީވުމަށް އެފްކޮންސް އަށް ފުރުސަތު ދިނެވެ.

ނަމަވެސް އެފްކޮންސް އިން އެ ރިޕޯޓް ގަބޫލުނުކުރާ ކަމަށް ބުނެ، މިހާތަނަށް އެ ރިޕޯޓް އީޕީއޭއިން އާންމުކޮށްފައެއް ނުވެ އެވެ.

އެފްކޮންސް އިން އީޕީއޭގެ ސާވޭއާ ދެކޮޅު ހަދާފައި ވަނީ އެ ސާވޭގައި، ވިލިމާލެ ފަރަށް ގެއްލުން ލިބިފައި ހުރި ސަރަހައްދު ބަލާފައި ހުރީ މާ ބޮޑު ކަމަށް ބުނެ އެވެ. އީޕީއޭ އިން ސާވޭ ހެދިއިރު، އެ ސާވޭގައި ބައިވެރިވުމުގެ ފުރުސަތު ވެސް އެ ކުންފުންޏަށް ދިނެވެ. އެކަމަކު، އެ ކުންފުނިން އެ ސާވޭގައި ބައިވެރިވެރިއެއް ނުވެ އެވެ. އެ މީހުން ބޭނުންވީ އަމިއްލަ އަށް ސާވޭ ކުރާށެވެ.

އެފްކޮންސް ކުންފުނި ރާއްޖޭގައި ހިންގާ އެހެން ބައެއް މަޝްރޫއުތަކާ ގުޅިގެން ވެސް މިފަހުން ވަރަށް ގިނަ މައްސަލަތައް ފެންމަތިވެފައިވެ އެވެ. އެކަމަކު އެ ކުންފުންޏާއި ސަރުކާރުން ވެސް އެ ކަން ކަމަށް މިހާތަނަށް ޖަވާބުދާރީވެފައެއް ނުވެ އެވެ.