Roadha Mihaaru
ބްރިޖު ނިންމާނެކަމުގެ 100 ޕަސެންޓް ޔަގީންކަން

މުއްދަތަށް ބްރިޖު ނިންމާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން، 1،000 މީހުންގެ ބޮޑު ޓީމެއް!

01 ޖޫން 2022

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިލުމުގެ މަސައްކަތުގައި ގޮންޖެހުންތައް ހުއްޓަސް ކަނޑައަޅާފައިވާ ތާރީހަށް އެ މަޝްރޫއު ނިންމާނެ ކަމުގެ ޔަގީންކަން އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޑެޓުން ދީފި އެވެ.

އިފްރާޒް އަލީ ބޮމްބޭ އިން އިފްރާޒް އަލީ

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިލުމުގެ މަސައްކަތުގައި ގޮންޖެހުންތައް ހުއްޓަސް ކަނޑައަޅާފައިވާ ތާރީހަށް އެ މަޝްރޫއު ނިންމާނެ ކަމުގެ ޔަގީންކަން އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޑެޓުން ދީފި އެވެ.

އެ ކުންފުނި، 1959 ވަނަ އަހަރު އުފެދިގެން މިހާ ހިސާބަށް އައިރު، ބިޔަ ބްރިޖުތައް ހިމެނޭ ގޮތަށް، ކޮންސްޓްރަކްޝަންގެ އެކި ދާއިރާތަކުން ކޮށްފައިވާ ތަޖުރިބާތަށް ވަރަށް ބޮޑެވެ. އެ ދިގު ތާރީހުން، ކާމިޔާބު ގިނަ މަސައްކަތްތަކެއް ވެސް ފެންނަން އެބަހުއްޓެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ދިން ދަތުރުގައި ބައިވެރިވާ ދިވެހި ނޫސްވެރިން އިއްޔެ އެ ކުންފުނީގެ މައި އިމާރާތަށް ޒިޔާރަތް ކުރުމުން، މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ތިލަމާލެ ބްރިޖާ ގުޅޭ އެންމެފަހުގެ މައުލޫމާތުތައް ހިއްސާކުރި އެވެ.

ދިވެހި ނޫސްވެރިންނާ އެކު، ތިލަމާލެ ބްރިޖު ހެދުމުގެ މަޝްރޫއު ހިންގާ ކުންފުނި އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޑެޓް އިން ބޭއްވި ބައްދަލުވުން -- ފޮޓޯ: މިހާރު

ދިވެހި ނޫސްވެރިންނާ އެކު، ތިލަމާލެ ބްރިޖު ހެދުމުގެ މަޝްރޫއު ހިންގާ ކުންފުނި އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޑެޓް އިން ބޭއްވި ބައްދަލުވުން -- ފޮޓޯ: މިހާރު

ނޫސްވެރިންގެ އެންމެ ބޮޑު ސުވާލަކަށްވީ ކަނޑައެޅިފައިވާ މުއްދަތަށް ތިލަމާލެ ބްރިޖުގެ މަސައްކަތް ނިންމައިލެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތްތޯ އެވެ. ދިވެހި ނޫސްވެރިން އެ ސުވާލު އުފެއްދީ، މީގެ ކުރިން އިންޑިއާގެ ކުންފުނިތަކުން ރާއްޖޭގައި ހިންގި ބައެއް މަޝްރޫއުތައް، މެދުތެރެއިން ހުއްޓި، ދިގުލައިގެން ގޮސްފައި ވާތީ، އާންމުންގެ ކަންބޮޑުވުން އެކަމުގައި ވަަރަށް ބޮޑަށް އޮތުމުންނެވެ.

ނަމަވެސް އެފްކޮންސް އިންފްރާސްޓްރަކްޗަރު ކުންފުނީގެ ފަރާތުން ތިލަމާލެ ބްރިޖުގެ ކަންކަން އިސްވެ ބައްލަވާ ޑިރެކްޓަރު އޮފް އޮޕަރޭޝަން އާރްވީއާރް ކިޝޯރު ދެއްވީ ވަރަށް އުއްމީދީ ޖަވާބެކެވެ.

"އެފްކޮން އަކީ، މި ކުންފުނިން ހަވާލުވާ ޕްރޮޖެކްޓުތައް ބަރާބަރަށް، ސީދާ ދުވަހަށް ނުވަތަ އޭގެ ކުރިން ވެސް ނިންމުމަށް މަޝްހޫރު އަދި އެކަމުގެ ރިކޯޑް ވެސް އޮތް ކުންފުންޏެއް،" އޭނާ ވިދާޅުވި އެވެ.

"ތިލަމާލެ ބްރިޖު ވެސް ދީފައިވާ މުއްދަތަށް ނިންމާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ދެން."

އިންޑިއާގެ މުމްބާއީގައި ހުންނަ، ތިލަމާލެ ބްރިޖު ހެދުމުގެ މަޝްރޫއު ހިންގާ ކުންފުނި އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޑެޓްގެ މައި އޮފީސް އިމާރާތް -- ފޮޓޯ: މިހާރު

އިންޑިއާގެ މުމްބާއީގައި ހުންނަ، ތިލަމާލެ ބްރިޖު ހެދުމުގެ މަޝްރޫއު ހިންގާ ކުންފުނި އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޑެޓްގެ މައި އޮފީސް އިމާރާތް -- ފޮޓޯ: މިހާރު

ބްރިޖު ކޮންސްޓްރަކްޝަން މަސައްކަތް ކުރުމުގެ ދާއިރާއިން ދުނިޔޭގެ 21 ވަނައިގައި އޮތް އެ ކުންފުނިން 150 އަށް ވުރެ ގިނަ ބްރިޖު އެޅުމުގެ މަސައްކަތް ކޮށްފައިވެ އެވެ. އެއްގަމާއި ކޯރާއި އަދި ކަނޑު ހުރަސްކޮށް ވެސް ބްރިޖުތައް އަޅާފައިވެ އެވެ. ދުނިޔޭގެ 50 އަށް ވުރެ ގިނަ ގައުމުތަކުގައި އެ ކުންފުނީގެ ޕްރޮޖެކްޓުތައް ހިންގާފައިވާއިރު، ރާއްޖޭގައި ހަދާ ބްރިޖުގެ އަމަލީ މަސައްކަތް ފަށަން ވަގުތު ވަނީ ކުޑަތަންވެފަ އެވެ.

އެފްކޮން އިން ދިން އެންމެފަހުގެ އަޕްޑޭޓް

- ކަނޑުގަދަވުމުގެ ސަބަބުން ދަތިތަކާ ކުރިމަތިލާން ޖެހުނަސް، މިހާރު ކުރިއަށްދާ ޖިއޯޓެކްނިކަލް ސާވޭގެ 50 ޕަސެންޓް ނިމިފައިވާއިރު، އަންނަ އޮކްޓޯބަރު މަހުގައި އެ ސާވޭ އެއްކޮށް ނިންމައިލާނެ.

- ޖިއޯޓެކްނިކަލް ސާވޭ އާއި އޭގެ ކުރިން ހެދި ސާވޭތަކަށް ބަލައި، ޑިޒައިންގެ މަސައްކަތް ވަނީ ފަށާފައި.

- ބްރިޖު އެޅުމަށް ބޭނުންވާ ވަގުތީ ބްރިޖުގެ މަސައްކަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފެށޭނެ.

- 88 އިންޖިނިއަރުން ސައިޓަށް ގޮސްފައިވާއިރު، މި އަހަރު ނިމޭއިރު 164 އިންޖިނިއަރުން ތިބޭނެ.

- ބްރިޖުގެ މަސައްކަތް ކުރާ ޓީމުގައި އިންޑިއާގެ އިތުރުން ތުރުކީ، ޖަރުމަނު އަދި އޮސްޓްރޭލިއާގެ އިންޖިނިއަރުންނާއި އެކްސްޕާޓުންނާއި އަދި ކޮންސަލްޓަންޓުން ވެސް ތިބޭނެ.

- ބްރިޖުގެ މަސައްކަތްތަށް މިހާރު ވެސް ސައިޓުގައި 500 މީހުން އެބަތިބި. މި އަހަރު ނިމޭއިރު އެ އަދަދު 1،227 އަށް އަރާނެ.

ބްރިޖުގެ މަސައްކަތް މިހާރު ވެސް މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ ބޮޑު ސަރަހައްދެއް ބޭނުންކުރަމުން އަންނައިރު، އެ ތަނަށް މަސައްކަތް ކުރަން ދާ މީހުން ތިިބެން ގުޅިފަޅުގައި ވަގުތީ އެކަމޮޑޭޝަން ބްލޮކެއް ވެސް ހަދައިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ތިލަމާލެ ބްރިޖުގެ ސާވޭ އަށް ވިލިމާލެ އާއި މާލެއާ ދެމެދު ޕްލެޓްފޯމް އަޅައިގެން މަސައްކަތްކުރަނީ: އެ ސާވޭ އަންނަ އޮކްޓޯބަރު މަހު އެއްކޮށް ނިމޭނެ -- ފޮޓޯ: ނިޝާން އަލީ | މިހާރު

ތިލަމާލެ ބްރިޖުގެ ސާވޭ އަށް ވިލިމާލެ އާއި މާލެއާ ދެމެދު ޕްލެޓްފޯމް އަޅައިގެން މަސައްކަތްކުރަނީ: އެ ސާވޭ އަންނަ އޮކްޓޯބަރު މަހު އެއްކޮށް ނިމޭނެ -- ފޮޓޯ: ނިޝާން އަލީ | މިހާރު

މަސައްކަތް ނިންމާ ތާރީހުތައް

- މާލެ އިން ވިލިމާލެ އަށް ގުޅާލުން އަންނަ އަހަރުގެ ޖުލައި 23 އަށް ނިމޭނެ.

- މާލެ އާއި ވިލިމާލެއާ ދެމެދުގައި އާންމު ދަތުރުތައް ކުރަން އަންނަ އަހަރު އޮގަސްޓް 15 ގައި ފެށޭނެ.

- ގުޅިފަޅާއި ތިލަފުށި އަންނަ އަހަރު ޑިސެމްބަރުގައި ގުޅާލާ ނިމޭނެ.

- މުޅި ޕްރޮޖެކްޓް ނިންމާލެވޭނީ ނޮވެމްބަރު 2024 ގައި.

އެ ސަރަހައްދުގެ ތިމާވެށި ހިމާޔަތްކުރުން

އެ މަޝްރޫއު ފަށާއިރު، އެ ސަރަހައްދުގެ ތިމާވެށި ރައްކާތެރިކުރުމަށް ކަމާ ބެހޭ އިދާރާތަކުން އިރުޝާދުގެ މަތިން ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުނިން ބުންޏެވެ. އެއީ؛

- ބްރިޖު އަޅާ ސަރަހައްދަށް އަރާ މުރަކަ ފަދަ ދިރުންތައް އެހެން ދިމާލަކަށް ބަދަލުކުރުން.

- މޫދާއި ކަނޑަށް ތެޔޮ އެޅުނަ ނުދިނުމަށް ހާއްސަ ވަސީލަތެއް ބެހެއްޓުން.

- ބްރިޖު އަޅާ ސަރަހައްދަށް އަރާ ގަސްތައް އެހެން ދިމާލަކަށް ބަދަލުކުރުން.

- ވެމްކޯ މެދުވެރިކޮށް ކުނީގެ ކަންކަން ބެލެހެއްޓުން.

- ބިން ހިއްކުމުގެ ސަބަބުން ކަނޑުގެ އެހެން ސަރަހައްދުތަކަށް ކިސަޑު ފެތުރުނަ ނުދިނުމަށް ހާއްސަ ވަސީލަތެއް ބެހެއްޓުން.

ގާތްގަނޑަކަށް ހަ ކިލޯމީޓަރުގެ ސަރަހައްދެއް ގުޅާލާއިރު، އެއީ ފަސޭހަ ކަމެއް ނޫނެވެ. އެ ކުންފުނިން ބުނީ ކޮވިޑާ އެކު މަސައްކަތް ފެށުމަށް ދިމާވި ދަތިތަކާއި އަދި މިހާރު ދުނިޔޭގެ ވިޔަފާރީގެ ބާޒާރަށް ކުރިމަތިވާ ލޮޅުންތަކާ އެކު އެ ފަދަ ބިޔަ މަޝްރޫއެއް ކުރިއަށް ގެންދިއުމުގައި ދަތިތައް ކުރިމަތިވާ ކަމަށެވެ. އެ އުނދަގޫތަކާ ވެސް ދީފައިވާ މުއްދަތަށް މަޝްރޫއު ނިންމުމަކީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒު ކަަމަށް ވެސް ބުންޏެވެ.

މި މަޝްރޫއު ގުޅިފައި އޮތީ މި ސަރުކާރުގެ ވަރަށް ބޮޑު ހުވަފެނަކާ އެވެ. އަދި މި ބްރިޖަކީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވެސް ވަރަށް ބޮޑު ރޯލެއް ކުޅޭ މަޝްރޫއުއެއް ކަމަށް ބެލެވޭއިރު، އެ މަސައްކަތް އަވަހަށް ނިންމަން އިންޑިއާގެ ކުންފުންޏަށް ދިވެހި ސަރުކާރުގެ ފަރާތުން ވެސް ފިއްތުންތައް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ.

އިންޑިއާގެ އެގްޒިމް ބޭންކްގެ ލޯނަކާއި އެ ގައުމުން ދޭ އެހީއެއް އެއްކޮށްލައިގެން ހަރަދުކުރާ ގޮތަށް ހިންގަން ނިންމާފައިވާ ތިލަމާލެ ބްރިޖްގެ މަސައްކަތް އެފްކޮންސްއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ މިދިޔަ އަހަރު އޮގަސްޓް މަހުގެ 26 ގަ އެވެ.

އެ މަޝްރޫއުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދު ގުޅާލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް ހަދާނެ އެވެ. އެއީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.

ތިލަމާލެ ބްރިޖަކީ މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއި ގުޅިފަޅު ތަަރައްގީކުރުން ވެސް ހިމެނޭ ބޮޑު ޕްރޮޖެކްޓެއްގެ އެއް ބައެވެ.