Roadha Mihaaru
ޑަބްލިއުޓީއެމްގައި ރާއްޖޭގެ ބޮޑު ވަފުދެއް

160 އަށް ވުރެ ގިނަ މަންދޫބުންނާ އެކު ޑަބްލިއުޓީއެމްގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަނީ

06 ނޮވެމްބަރ 2018

ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ 160 އަށް ވުރެ ގިނަ މަންދޫބުންނާ އެކު، ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ލަންޑަން ފެއާގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަން އިއްޔެ ފަށައިފި އެވެ.

ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ 160 އަށް ވުރެ ގިނަ މަންދޫބުންނާ އެކު، ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ލަންޑަން ފެއާގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަން އިއްޔެ ފަށައިފި އެވެ.

ދުނިޔޭގައި ބާއްވާ ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑު އެއް އިވެންޓް އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގެ އެކްސެލް އެގްޒިބިޝަން ސެންޓަރުގައި ކުރިއަށް ދާއިރު، ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ 65 ކުންފުންޏެއް ތަމްސީލުކުރާ 169 މަންދޫބުން ހިމެނޭ ބޮޑު ވަފުދެއް ވަނީ ބައިވެރިވެފަ އެވެ. މީގެ ތެރޭގައި، ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކާއި ޓްރެވަލް އެޖެންސީތަކާއި ޖަމިއްޔާތައް އަދި އެއާލައިން އޮޕަރޭޓަރުން ހިމެނެ އެވެ.

"މިއީ މި ސިނާއަތުގެ ގިނަ ބަޔަކަށް، ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް. ރާއްޖޭގެ ޓޫރިޒަމާ ބެހޭ މައުލޫމާތު ގިނަ އަދަދެއްގެ ބަޔަކާ ހިއްސާކުރެވިގެން ދާނެ،" ފެއާގައި ބައިވެރިވެވަޑައިގަންނަވާ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވި އެވެ.

ޑަބްލިއުޓީއެމްގައި ރާއްޖޭގެ ވަފްދުގެ ބައެއް ފަރާތްތަކުން ބައްދަލުވުމެއް ކުރިއަށް ގެންދަނީ.

ޑަބްލިއުޓީއެމްގައި ރާއްޖޭގެ ވަފްދުގެ ބައެއް ފަރާތްތަކުން ބައްދަލުވުމެއް ކުރިއަށް ގެންދަނީ.

ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ފެއާގައި ބޮޑަށް އޮންނާނީ ވިޔަފާރީގެ މުއާމަލާތްތައް ކުރުމެވެ. އެ ގޮތުން، ބޭރުގެ ޓްރެވަލް އެޖެންޓުންނާއި ޓްރެވަލް މީޑިއާ އާއި އެ ނޫން ވެސް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ދިވެހި ވަފުދުގައި ހިމެނޭ ފަރާތްތަކުން ބައްދަލުކޮށް، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ކުރުމާ ގުޅޭ ގޮތުން ގިނަ މަޝްވަރާތަކެއް އަންނަނީ ކުރަމުންނެވެ.

ޑަބްލިއުޓީއެމްގައި ރާއްޖޭގެ ވަފްދުގެ ބައެއް އިސް ބޭފުޅުން ބައްދަލުވުމެއް ކުރިއަށް ގެންދަވަނީ.

ޑަބްލިއުޓީއެމްގައި ރާއްޖޭގެ ވަފްދުގެ ބައެއް އިސް ބޭފުޅުން ބައްދަލުވުމެއް ކުރިއަށް ގެންދަވަނީ.

ވިޔަފާރީގެ ބައްދަލުވުންތަކާ އެއްކޮށް، ރާއްޖޭގެ ރީތިކަން ބޭރުގެ ފަރާތްތަކަށް ދައްކާލުން ވެސް ކުރިއަށް ދެ އެވެ.

އެ ހަރަކާތްތަކުގެ މައި މަރުކަޒަކީ، 345 އަކަމީޓަރު ބޮޑު، ރާއްޖޭގެ ސްޓޭންޑެވެ. އޭޝިއާ ޕެސިފިކް އަދި އިންޑިއާ ކަނޑުގެ މަންޒިލްތަކަށް ހާއްސަ ހޯލުގައި، ދެ ބުރި އަށް ވާ ގޮތަށް ހަދާފައިވާ ސްޓޭންޑުން، ރާއްޖޭގެ ގުދުރަތީ ރީތިކަން ފެންނަ ފޮޓޯ އާއި ވީޑިއޯ ހުރިއިރު، ސްޓޭންޑުގެ ޖާގަ ވެސް ވަނީ މިދިޔަ އަހަރަށް ވުރެ 69 އަކަމީޓަރު ބޮޑުކޮށްފަ އެވެ. މީގެ ސަބަބުން، ކުރިއަށް ވުރެ ގިނަ މީޓިން ޓޭބަލްތައް ބަހައްޓާނެ ޖާގަ ވަނީ ލިބިފަ އެވެ.

ޑަބްލިއުޓީއެމް ފެއާގައި ހުރި ރާއްޖޭގެ ސްޓޭންޑް.

ޑަބްލިއުޓީއެމް ފެއާގައި ހުރި ރާއްޖޭގެ ސްޓޭންޑް.

ދިވެހި ސަގާފަތާއި އާދަކާދަތައް ދައްކާލުމަށް، ދިވެހި ވަފުދުގެ ބައެއް މަންދޫބުން ތިބެނީ ފެއާ ހިނގަމުން ދާއިރު، ސަގާފީ ހެދުން ކަމަަށްވާ ފޭލި އަދި ލިބާސް ލައިގެންނެވެ. ދިވެހި ރަހަތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށް، ތެލުލި ބަނބުކޭލާއި ކުޅި ކާޖާ ފަދަ ދިވެހި ބައެއް ތަކެތި ވެސް ސްޓޭންޑުގައި ބަހައްޓާފައި ހުރެ އެވެ.

ޑަބްލިއުޓީއެމްގައި ބައިވެރިވި ދިވެހި ވަފުދުގެ ބައެއް ފަރާތްތަކުން، ރާއްޖޭގެ ސްޓޭންޑް ކައިރީގައި ފޮޓޯއަކަށް ހުއްޓިގެން.

ޑަބްލިއުޓީއެމްގައި ބައިވެރިވި ދިވެހި ވަފުދުގެ ބައެއް ފަރާތްތަކުން، ރާއްޖޭގެ ސްޓޭންޑް ކައިރީގައި ފޮޓޯއަކަށް ހުއްޓިގެން.

ރާއްޖޭގެ ސްޓޭންޑަށް ޒިޔާރާތް ކުރާ ފަރާތްތަކަށް ބައިވެރިވެވޭނެ ބައެއް ހަރަކާތްތައް ވެސް އަންނަނީ ހިންގަމުންނެވެ.

އެ ގޮތުން، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި އެ މާހައުލުގެ ހިތްގައިމުކަން، ވާޗުއަލް ރިއަލިޓީ މެދުވެރިކޮށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، ހިލޭ ޗުއްޓީ ދަތުރެއް ލިބޭ މުބާރާތެއް ވެސް ކުރިއަށް ދެ އެވެ. މި ދަތުރު ހުށަހަޅާފައި ވަނީ، ގެސްޓްހައުސެއް ހިންގާ އަދި މި އަހަރު ފަހުކޮޅު ލ. އަތޮޅުގައި އާ ރިސޯޓެއް ވެސް ހުޅުވަން ތައްޔާރުވަމުން އަންނަ ދިވެހި ކުންފުންޏެއް ކަމަށްވާ މޯ ހޮޓެލްސް އެންޑް ރިސޯޓްސް އިންނެވެ.

ފެއާގައި ބައިވެރިވާ ފަރާތްތަކުގެ ޝައުގުވެރިކަން ރާއްޖެ އަށް ބޮޑުކުރުމަށް، އެކްސެލް ސެންޓަރަށް ވަންނަ މައި ދޮރު ކަމަށްވާ ޕްރިންސް ރީޖެންޓް ސަރަހައްދުގައި ބަހައްޓާފައިވާ ބޮޑެތި ސްކްރީންތަކުން، ރާއްޖޭގެ ހިތްގައިމުކަން ފެންނަ ވީޑިއޯ އަދި ފޮޓޯ އަންނަނީ ދައްކަމުންނެވެ. އަދި "ވިޒިޓް މޯލްޑިވްސް" ލޯގޯ އާއި ޝިއާރު ޖަހާފައިވާ ލެންޔާޑު ވެސް ފެއާގައި ބަހަމުން ގެންދެ އެވެ.

މީގެ 38 އަހަރު ކުރިން ފަށައިގެން އަހަރަކު އެއް ފަހަރު ބާއްވާ ޑަބްލިއުޓީއެމްގައި ރާއްޖޭއިން އެންމެ ފުރަތަމަ ބައިވެރިވީ 1984 ވަނަ އަހަރު އެވެ. އެހެންވެ، މިއީ ރާއްޖޭން މެދުކެނޑުމެއް ނެތި މި ފެއާގައި ބައިވެރިވާ 34 ވަނަ އަހަރެވެ.

އިނގިރޭސިވިލާތަކީ ރާއްޖެ އަށް ދެ ވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ. މި އަހަރުގެ މިހާތަނަށް އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ 7.7 ޕަސެންޓް އިނގިރޭސިން ހިއްސާކުރެ އެވެ. އެ ގޮތުން، މި އަހަރުގެ ޖެނުއަރީން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިނގިރޭސިވިލާތުން 83 ހާހަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފައި ވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3.10 ޕަސެންޓުގެ ކުރިއެރުމެކެވެ.