Roadha Mihaaru
ޕްރޮޖެކްޓްތަކުން އިގްތިސާދު ތިން ގުނަ ވާނެ: އަމީރު

ޕްރޮޖެކްޓްތަކުން އިގްތިސާދު ތިން ގުނަ ވާނެ: އަމީރު

09 ނޮވެމްބަރ 2022

ރާއްޖޭގެ ހަ ބިލިއަން ޑޮލަރުގެ އިގްތިސާދު ތިން ގުނައަށް އިތުރު ކުރުމަށް ބޮޑެތި ގިނަ ޕްރޮޖެކްޓްތަކެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ ހަ ބިލިއަން ޑޮލަރުގެ އިގްތިސާދު ތިން ގުނައަށް އިތުރު ކުރުމަށް ބޮޑެތި ގިނަ ޕްރޮޖެކްޓްތަކެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ބަހުސްގައި މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރު ތަރައްގީގެ މުހިއްމު ޕްރޮޖެކްޓްތަކެއް ހިމަނާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ތިލަމާލެ ބްރިޖާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމާއި ވިޔަފާރި ބަނދަރު ބަދަލުކުރުމާއި ރާއްޖޭގެ ހުރިހާ ރަށެއްގެ ނަރުދަމާގެ މަޝްރޫއު ހިމެނެ އެވެ.

މިނިސްޓަރު ވިދާޅުވީ، ޕީއެސްއައިޕީ މަޝްރޫއުތަކުގެ ގޮތުގައި 8.4 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާ އިރު އޭގެ ތެރެއިން 4.2 ބިލިއަން ރުފިޔާ އަކީ ފަންޑު ހަމަޖެހިފައިވާ ޕްރޮޖެކްޓްތައް ކަމަށެވެ.

އޭނާ ވިދާޅުވީ، ވޭތުވެދިޔަ ހަތަރު އަހަރަކީ ރާއްޖޭގެ އިގްތިސާދަށް ބޮޑެތި އުނދަގޫތައް ކުރިމަތިވި ނަމަވެސް ގިނަ ޕްރޮޖެކްޓްތަކެއް ރާއްޖޭގެ ރަށްރަށުގައި ހިންގާފައިވާ އަހަރުތަކެއް ކަމަށެވެ. ތައުލީމީ ދާއިރާއިންނާއި ސިއްހީ ދާއިރާ އާއި ކުޅިވަރުގެ ދާއިރާ އާއި ގުޅޭ ގިނަ ޕްރޮޖެކްޓްތަކެއް ހިންގިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ، މާލީ ހާލަތު އަންނަ އަހަރުގައި ފިސްކަލް ސަސްޓެއިނަބިލިޓީއާ ހަމައަށް ގެންދެވޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ، ކޮވިޑާއި ޔޫކްރެއިން-ރަޝިޔާ ހަނގުރާމައާ ހެދި ކުރިމަތިވި އިގްތިސާދީ އުނދަގޫތަކުން އަރައިގަތުމަށް ދަރަނި ނެގި ވަރު އިތުރުވި އިރު ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރާނީ ދަރަނީގެ ހާލަތު ރަނގަޅު ކުރުމަށް ކަމަށެވެ.

މިނިސްޓަރު މިހެން ވިދާޅުވި އިރު މި އަހަރު ނިމޭ އިރު ދައުލަތުގެ ދަރަނި 106 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި އަންނަ އަހަރު ދަރަނި 113 ބިލިއަން ރުފިޔާ އަށް އިތުރުވާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ. މިއީ ރާއްޖޭގެ އުފެއްދުންތެރި ކަމުގެ ނިސްބަތުން 108 ޕަސެންޓެވެ.

ވޭތުވެދިޔަ ތިން އަހަރު ރާއްޖޭގެ ދަރަނި ވަނީ އާދަޔާ ހިލާފަށް އިތުރުވެފަ އެވެ. ދަރަނި އެހާ ބޮޑަށް އިތުރުވީ، ކޮވިޑާ ގުޅިގެން އާމްދަނީ ދަށްވެ، ހަރަދުތައް ހަމަޖެއްސުމަށް ގިނަ އަދަދެއްގެ ލޯނު ނެގުމުންނެވެ.

"2023 ވަނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑެތި އަމާޒުތަކަކީ އެންމެ ފުރަތަމަ ކަމަކަށް ނޭޝަނަލް އެކްޓިިވިޓީ ޕްލޭނާއި ނެޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭނާ އެއްގޮތަށް ކަންކަން ނިންމުން. މީގެ އިތުރުން އަސާސީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުން. ރާއްޖޭގެ ޕްރޮޑަކްޓިވް ކެޕޭސިޓީ އިތުރުކޮށްދޭ ފަދަ ބޮޑެތި މަޝްރޫއުތައް ނިންމުން،" އޭނާ ވިދާޅުވި އެވެ.

އެކަން ކުރާނީ ރައްޔިތުންނަށް ހިދުމަތްތަކަށް ބަލަނު ނުގެނެސް ކަމަށް އަމީރު ވިދާޅުވި އެވެ. އަމީރު ވިދާޅުވީ، ވޭތުވެދިޔަ ހަތަރު އަހަރަކީ ރާއްޖޭގެ އިގްތިސާދަށް ތާރީހުގައި ވެސް ނާންނަ ވަރުގެ ބޮޑެތި އިގްތިސާދީ ގޮންޖެހުންތައް ކުރިމަތިވި އަހަރުތަކެއް ނަމަވެސް، ރަށްރަށުގައި ހުއްޓުމެއްނެތި ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގުމަކީ ލިބުނު ކާމިޔާބީއެއް ކަމަށެވެ.

އަމީރު ވިދާޅުވީ، އާމްދަނީ ހަރަދު ހަމަޖައްސައި، ބަޖެޓުގެ ޑެފިސިޓް ކުޑަ ކުރުމަށްޓަކައި މުހިއްމު ފިޔަވަޅުތަކެއް އަންނަ އަހަރު އަޅާނެ ކަމަށެވެ. އެގޮތުން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކޮށްގެންނާއި އާސަންދަ އާއި އެހެން ބައެއް ސަބްސިޑީތައް ކުޑަކޮށްގެން އެކަން ކުރެވޭނެ ކަމަށެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ ގޮޮތުގައި 42.6 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ދެންމެ ހުށަހަޅައިފި އެވެ.