Roadha Mihaaru
ދަރަނިތަކުގެ ހެޔޮ ނަތީޖާ ފެންނަން ފަށައިފި: އަމީރު

ސަރުކާރުން ނެގި ދަރަނިތަކުގެ ނަތީޖާ ފެންނަން ފަށައިފި: އަމީރު

06 މާޗް 2023

މި ސަރުކާރުން ނަގާފައިވާ ދަރަނިތަކުގެ ނަތީޖާ މިހާރު ފެންނަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މި ސަރުކާރުން ނަގާފައިވާ ދަރަނިތަކުގެ ނަތީޖާ މިހާރު ފެންނަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ދަރަންޏާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ، ކޮވިޑް-19 އަކީ ނާންނަ އެއްޗެއް ކަމަށް ދައްކަން ބައެއް މީހުން މަސައްކަތް ކުރި ނަމަވެސް އޭގެ ގެއްލުން ދައުލަތަށް ވަރަށް ބޮޑަށް ކުރި ކަމަށެވެ.

އެ ދުވަސްވަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ދިޔަ ކަމަށް އަމީރު ވިދާޅުވި އެވެ. ނަމަވެސް އޭރު ދަރަނި ނަގައިގެން އިގްތިސާދީ ގޮތުން ކުރި މަސައްކަތްތަކުގެ ރަނގަޅު ނަތީޖާ މިހާރު ފެންނަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު ޕްރޮޖެކްޓްތައް ހިންގައި، އަޅުގަނޑުމެންގެ ގައުމުގެ އިގްތިސާދު ރައްކާތެރިކޮށް ސަލާމަތް ކުރެވިފައި މި ވަނީ މި ހަތަރު އަހަރުގެ ތެރޭގައި ނަގާފައިވާ ހިލޭ އެހީ އާއި ލޯނުގެ ސަބަބުން،" އަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ ބަނގުރޫޓުވި ކަމަށް އިއުލާން ކޮށް ދަރަނި ރީސްޓްރަކްޗާ ކުރަން ޖެހޭ ހާލަތަކަށް އަދި ނުދެ އެވެ.

މިހާރު ވެސް ބަޖެޓް ޕްލޭނާ އެއްގޮތަށް މި އަހަރުގެ ކަންކަން ތަންފިޒު ކުރެވޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށާއި އިގްތިސާދަށް އެންމެ ރަނގަޅު ފައިދާވާ ގޮތަށް އަދި މާކެޓް ގަބޫލު ކުރާނެ ގޮތަށް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތްތައް ވެސް ހިންގަމުން އަންނަ ކަމަށް އަމީރު ވިދާޅުވި އެވެ.

"އިތުރު އެހެން ގޮތަކަށް [ދަރަނި] ރީސްޓްރަކްޗާ ކުރުމުގެ ވިސްނުމެއް އަޅުގަނޑުމެންގެ ނެތް،" އަމީރު ވިދާޅުވި އެވެ.

ދައުލަތުގެ މި އަހަރުގެ ބަޖެޓުން ގާތްގަނޑަކަށް 8 ޕަސެންޓް ހޭދަކުރާނީ ދަރަނި އަދާ ކުރުމަށެވެ. އެއީ 5.5 ބިލިއަން ރުފިޔާ އެވެ. މި އަހަރާއި ކުރިއަށް އޮތް ހަތަރު އަހަރު ދަރަނި އަދާކުރަން ދައުލަތުން 30 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ. ދައުލަތުގެ ދަރަނިން އެންމެ ބޮޑު އަދަދެއް ދައްކަން ޖެހޭ އެއް އަަހަރަކީ 2026 ވަނަ އަހަރެވެ. އެ އަހަރު ދަރަނި އަދާކުރަން ނުވަ ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު ނިމޭ އިރު ރާއްޖޭގެ ޖުމްލަ ދަރަނި 114 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. އެއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 100 ޕަސެންޓަށް ވުރެ މަތީ އަދަދެކެވެ.