Roadha Mihaaru
ފަތިސް 05:05
އިރުއަރާ 06:19
މެންދުރު 12:23
އަސްރު 15:42
މަގްރިބް 18:19
ޢިޝާ 19:34
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ބާރު ގަދަ ބިންހެލުމެއްގައި ނޭޕާލުން 6 މީހަކު މަރު

ބާރު ގަދަ ބިންހެލުމެއްގައި ނޭޕާލުން 6 މީހަކު މަރުވެއްޖެ

09 ނޮވެމްބަރ 2022

ރޭ ދަންވަރު ނޭޕާލަށް އައި ބާރު ގަދަ ބިންހެލުމެއްގައި މަދުވެގެން 6 މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.

ރޭ ދަންވަރު ނޭޕާލަށް އައި ބާރު ގަދަ ބިންހެލުމެއްގައި މަދުވެގެން 6 މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.

ނޭޕާލް ސަރުކާރުން ބުނި ގޮތުގައި ފުރަތަމަ ބިންހެލުން އައީ ރޭ ދަންވަރު ނޭޕާލް ގަޑިން 2:12 ހާއިރެވެ. ރިކްޓާ މިންގަނޑުން 6.3ގެ ބާރުމިނުގައި އައި މި ބިންހެލުމުގައި، އެ ގައުމުގެ ހުޅަނގުގައި އޮންނަ ދޯތީ އަވަށުން އަށް ގެ ވެއްޓިގެން ދިޔަ އެވެ. ފުލުހުން ބުނި ގޮތުގައި ވެއްޓުނު ގެތަކަކީ ކިސަޑާއި މަށިން އަދާފައި ހުރި ވަރަށް އާދައިގެ ގެތަކެކެވެ.

މި ހާދިސާގައި ޒަޚަމްވި މީހުންގެ ޖުމްލަ އަދަދެއް މިހާތަނަށް ސާފު ނުވާއިރު، ބައެއް މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާތީ، މަރުވި މީހުންގެ ޖުމްލަ އަދަދު ވެސް އިތުރުވެދާނެ ކަމަށް ފުލުހުން އަންދާޒާކުރެ އެވެ. ވެއްޓިފައިވާ ގެތަކުގެ ގާފުނިތަކުގެ ތެރެއިން މީހުން ފެނޭތޯ ފުލުހުންނާއި ސިފައިން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން 2015 ވަނަ އަހަރު ނޭޕާލަށް އައި ބާރު ގަދަ ބިންހެލުމުގައި ލިބުނު ގެއްލުންތަކުން އަދިވެސް އަރައިނުގަނެވެ އެވެ. އެ ބިންހެލުމުގައި ގާތްގަނޑަކަށް 9000 މީހުން މަރުވެ، ދޯތީ އަވަށުގެ ހުރިހާ ގެތަކެއްހެއް ހަލާކުވެގެން ދިޔައިރު، އެތައް ގަރުނެއްވީ ފައްޅިތައް ވެސް ވަނީ ބިމާ ހަމަވެފަ އެވެ.

ވެރިރަށް ކަތުމަންޑޫގެ ހުޅަނގުން 430 ކިލޯމީޓަރު ދުރުގައި އޮންނަ ދޯތީ އަށް އައި އެ ބިންހެލުމުގެ ސަބަބުން އިގްތިސާދީ ގޮތުން 6 ބިލިއަން ޑޮލަރުގެ ގެއްލުމެއް ނޭޕާލަށް ލިބުނު ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެ އެވެ.

ނޭޕާލްގެ، ބިންހެލުންތަކާ ބެހޭ ގައުމީ އިދާރާ އިން ބުނި ގޮތުގައި ރޭ ބާރުގަދަ ބިންހެލުމެއް މި އައީ، ކުދިކުދި ލޮޅުންތަކެއް އަރަމުން ދާތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. ބިމުގެ 10 ކިލޯމީޓަރު ފުނުގައި އުފެދުނު މި ބިންހެލުމުގެ މަރުކަޒު ހުރީ ނޭޕާލްގެ ހުޅަނގު ސަރަހައްދުގައި ކަމަށް ވިޔަސް، އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އަށް ވެސް މި ބިންހެލުމުގެ ލޮޅުންތައް އެރި ކަމަށް، އިންޑިއާ އިން ބުނެ އެވެ.

ރޭގެ ބާރު ގަދަ ބިންހެލުމަށް ފަހު، މިއަދު ހެނދުނު ވެސް އިތުރު ލޮޅުންތައް އެރި ކަމަށް ނޭޕާލުން ބުންޏެވެ. އެ ގޮތުން މިއަދު ހެނދުނު 9:07 ގައި، ރިކްޓާ މިންގަނޑުން 5.7ގެ ބިންހެލުމަކާއި، ރިކްޓާ މިންގަނޑުން 4.1ގެ ބިންހެލުމެއް މިއަދު ހެނދުނު 9:56 ގައި އައި ކަމަށް ނޭޕާލުން ބުނެ އެވެ.