Roadha Mihaaru
ރާއްޖޭގައި ހެއްދި ބަރަބޮލެއްގައި 25 ކިލޯ

ރާއްޖޭގައި ހެއްދި ބަރަބޮލެއްގައި 25 ކިލޯ

09 ނޮވެމްބަރ 2022

ހއ. އަތޮޅުގައި އޮންނަ ހައިޑަވޭ ބީޗު ރިސޯޓުގައި ހެއްދި އެ ބަރަބޮލުގެ ބަރުދަނުގައި 25 ކިލޯ ހުއްޓެވެ. އެއީ ރާއްޖޭގައި އާންމުކޮށް ހައްދާ ވައްތަރު ބަރަބޮލެއް ވެސް ނޫނެވެ. "ޖަޔަންޓް ޕަމްޕްކިން" ކިޔާ އެ ވައްތަރުގެ ބައެއް ބަރަބޯ 60-900 ކިލޯ އަށް ބޮޑުވެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހއ. އަތޮޅުގައި އޮންނަ ހައިޑަވޭ ބީޗު ރިސޯޓުގައި ހެއްދި އެ ބަރަބޮލުގެ ބަރުދަނުގައި 25 ކިލޯ ހުއްޓެވެ. އެއީ ރާއްޖޭގައި އާންމުކޮށް ހައްދާ ވައްތަރު ބަރަބޮލެއް ވެސް ނޫނެވެ. "ޖަޔަންޓް ޕަމްޕްކިން" ކިޔާ އެ ވައްތަރުގެ ބައެއް ބަރަބޯ 60-900 ކިލޯ އަށް ބޮޑުވެ އެވެ.

ހަރުވެ، ފައްކާވެފައި އޮތް އެ ބޮޑު ބަރަބޮލުގެ ފޮޓޯއެއް ޓުވިޓާގައި ހިއްސާކުރީ އައްޑޫގެ މަޝްހޫރު ޒުވާން ދަނޑުވެރިޔާ، އަބްދުﷲ ރަމްޒީ އެވެ. އޭނާ މިހާރު ހުރީ ހައިޑަވޭ ރިސޯޓާ ގުޅިގެން ހިންގާ ދަނޑުވެރިކަމުގެ ޕްރޮޖެކްޓެއްގެ މަސައްކަތަށް، އެ ރަށުގަ އެވެ.

އެ ރިސޯޓްގައި ދަނޑު ހައްދާ މީހުންނާ ހަވާލާދީ ރަމްޒީ ބުނީ އެއީ ރާއްޖެއިން ބޭރުން އޮށް ގެނެސްގެން މިހާރު އެ ރަށުގައި ހައްދަމުން އަންނަ ބަރަބޮލުގެ ވައްތަރެއް ކަމަށެވެ. އެ ބަރަބޯ ހަރުވީ ހަތަރު ވަރަކަށް މަސްދުވަހުން ކަމަށް އޭނާ ބުންޏެވެ.

"މިއީ މިހާތަނަށް މި ރިސޯޓުގައި ހެއްދި މި ވައްތަރުގެ އެންމެ ބޮޑު ބަރަބޯ. ކުރިން އާންމުކޮށް 4-3 ކިލޯ ހުންނާނީ،" އޭނާ ބުންޏެވެ.

މިހާރު ފުޅާ ދާއިރާއެއްގައި ދަނޑު ހައްދަމުން އަންނަ ހައިޑަވޭ ބީޗު ރިސޯޓުގައި ނާސަރީއެއް ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ.

މިހާރު ފުޅާ ދާއިރާއެއްގައި ދަނޑު ހައްދަމުން އަންނަ ހައިޑަވޭ ބީޗު ރިސޯޓުގައި ނާސަރީއެއް ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ.

އެ ބަރަބޯ އިއްޔެ ކަނޑައި، ރިސޯޓުގެ ޓޫރިސްޓުންނަށް އެ ބަރަބޯ ދައްކާލަން ރޭގަނޑުގެ ބުފޭ އޮންނަ ސަރަހައްދުގައި ވެސް ރޭ އެ ބާއްވާފައި އޮތެވެ.

"ރޭގައި އެތަނުގައި ބާއްވާފައި މިއަދު ހެނދުނު ސްޓާފުންނަށާއި ގެސްޓުންނަށް ބަރަބޯ މަސްހުނި ހަދައިފައި ދިނީ،" އޭނާ ބުންޏެވެ.

ހައިޑަވޭ ރިސޯޓްގައި 2016 ވަނަ އަހަރުން ފެށިގެން އަންނަނީ ދަނޑު ހައްދަމުންނެވެ. ބަށި ގަސްކޮޅަކުން ފެށި އެ މަސައްކަތް ފުޅާވެ މިހާރު އެ ރިސޯޓުގެ ދަނޑުތަކުގައި ކަރާ، ފަޅޯ، ކިއުކަމްބާ، ތޮރާ، ކެޔޮ، ކައްޓަލަ، ލީކްސް، ރާނބާފަތް، ހިކަދިފަތް، ޖަނބުރޯލު އަދި އެކި ވައްތަރުގެ މިރުސް ވެސް ހައްދަ އެވެ.

"މި ދޭތެރެއިން މި ރިސޯޓުން ކެނޑި ހަތަރު ޓަނުގެ ރީނދޫ ކަރާ ވެސް. ހަމަ ބޭރުން އޮށް ގެނެސްގެން ހައްދާފައި ހުރި ބޮޑެތި ކަރާ އެއީ،" ރަމްޒީ ބުންޏެވެ.

"އެގޮތަށް ބޮޑުކޮށް ހެއްދޭ އެއްޗެހި ބަލައިގެން، ބޭރުން އޮށް ގެނެސްގެން ގަސް ހައްދަނީ. އެއް ފަހަރު އެގޮތަށް ހެއްދި ކަރައެއްގައި ހުރި 17 ކިލޯ ވެސް."

މަހެއްގެ މައްޗަށް، ރިސޯޓުގެ ރެސްޓޯރެންޓްތަކަށް ބޭނުންވާ ވަރަށް، އެ ދަނޑުތަކުގައި އެކި ބާވަތުގެ ތަރުކާރީ އާއި މޭވާ މިހާރު ހައްދާ ކަމަށް ވެސް ރަމްޒީ ބުންޏެވެ. އެ ދަނޑުތަކުގައި ހައްދާ ބައެއް އެއްޗެހި އެ ރިސޯޓާ ކައިރީގައި އޮންނަ މީހުން ދިރިއުޅޭ ރަށްރަށަށް ވެސް ގެންދެ އެވެ.