Roadha Mihaaru
މޭވާ އާއި ތަރުކާރީގެ ލޭބަލުން ބައިވަރު މައުލޫމާތު

މޭވާ އާއި ތަރުކާރީގެ ލޭބަލުން ބައިވަރު މައުލޫމާތު

30 ޖޫން 2021

ބޭރުން އެތެރެކޮށްގެން ބާޒާރުގައި ވިއްކާ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ގަންނަ އިރު އެ އެއްޗެހީގެ ބޭރުގައި ކުޑަ ލޭބަލެއް ޖަހާފައި އިންނަކަން ފާހަގަކުރެވޭނެ އެވެ. އެކަމަކު އެ ލޭބަލަކީ އާންމުކޮށް ގިނަ ބަޔަކު އެހާ ސަމާލުކަންދެ އެއްޗެއް ނޫނެވެ. ނަމަވެސް އެއީ އުފެއްދުމަކާ ގުޅޭ ވަރަށް މުހިއްމު މައުލޫމާތެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޭރުން އެތެރެކޮށްގެން ބާޒާރުގައި ވިއްކާ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ގަންނަ އިރު އެ އެއްޗެހީގެ ބޭރުގައި ކުޑަ ލޭބަލެއް ޖަހާފައި އިންނަކަން ފާހަގަކުރެވޭނެ އެވެ. އެކަމަކު އެ ލޭބަލަކީ އާންމުކޮށް ގިނަ ބަޔަކު އެހާ ސަމާލުކަންދެ އެއްޗެއް ނޫނެވެ. ނަމަވެސް އެއީ އުފެއްދުމަކާ ގުޅޭ ވަރަށް މުހިއްމު މައުލޫމާތެވެ.

ކުރިން އެ ލޭބަލަށް މާ ބޮޑު ސަމާލުކަމެއް ދެވިފައި ނުވާ ނަމަ ބާޒާރަށް ދެން ދާ ފަހަރަކުން މި ބުނާ ލޭބަލްގައި ބުނާ އެއްޗެއް ބަލައިލުން ރަނގަޅުވާނެ އެވެ. މިއަށް އާންމުކޮށް ކިޔައި އުޅެނީ ޕްރައިސް ލުކަޕް (ޕީއެލްޔޫ) އެވެ. އޭގައި ހުންނަ ނަމްބަރުތަކަކީ ފައިސާ ދައްކާ އިރު، ކޭޝިއަރު ބޭނުން ކުރާނެ ނަމްބަރުތަކެވެ.

ހަމައެއާ އެކު އެއީ އުފެއްދުމެއް ނިސްބަވްވާ ތަނާއި އޭގެ ކޮލިޓީ ވެސް ވަޒަންކޮށްދޭނެ އެއްޗެކެވެ.

ޕީއެލްޔޫ ކޯޑްގައި އިންނަ ނަމްބަރުތަކަށް ބަލާ އިރު ފަސް ނަމްބަރުގެ ކޯޑަކަށްވެފައި ފެށޭ ނަމްބަރަކީ 9 ނަމަ އޭގެ މާނަ އަކީ އެ އުފެއްދުމަކީ ތިމާވެއްޓާ ރައްޓެހިކޮށް އުފައްދާފައިވާ އޯގެނިކް އުފެއްދުމެއްކަމެވެ.

ހަތަރު ނަމްބަރު ކޯޑަކަށްވެފައި ފެށޭ ނަމްބަރަކީ 3 ނުވަތަ 4 ނަމަ އޭގެ މާނަ އަކީ އެ އުފެއްދުމަކީ އާންމުކޮށް ގިނަ ތަންތަނުގައި ދަނޑުވެރިކަމުގެ ބާވަތްތައް އުފައްދާ ގޮތަށް ގަސްކާނާއި އާއި ކެމިކަލާއި ތަފާތު އެކި ބާވަތުގެ ބޭސްތައް ވެސް ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެެއްކަމެވެ.

ފަސް ނަމްބަރުގެ ކޯޑަކަށްވެފައި ފެށޭ ނަމްބަރަކީ 8 ނަމަ އެއިން ރަމްޒުކޮށް ދެނީ އެ ޖެނެޓިކް ބަދަލުތަކެއް ގެނެސްގެން އުފައްދާފައިވުމެވެ. މިގޮތަށް ތަރުކާރީ އާއި މޭވާ އުފައްދަނީ އެ އެއްޗެހި ހަލާކުނުވެ ގިނަ ދުވަހު ބެހެއްޓުމުގެ ގޮތުންނެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަންވީ ކަމަކީ އެގޮތަށް އުފައްދާ އެއްޗެހީގެ ޒާތްޒާތުގެ ކެމިކަލް ވެސް ބޭނުންކޮށްފައި ހުންނާނެކަމެވެ.

ފަސް ނަމްބަރު ކޯޑަކީ އުފެއްދުންތައް ނެރޭ ކުންފުނިތަކުން މާ ބޮޑަށް ބޭނުންކުރާ އެއްޗެއް ވެސް ނޫނެވެ. ސަބަބަކީ މި ކޯޑްތައް ބޭނުންކުރުން ކޮންމެހެން މަޖުބޫރު ކަމަކަށް ވެސް ނުވާތީ އެވެ. އެހެންވެ ޖެނެޓިކް ބަދަލުތައް ގެނެސްގެން އުފައްދާ އެއްޗެހި އާންމުކޮށް ވިއްކައި އުޅެނީ ހަތަރު ނަމްބަރު ކޯޑްގަ އެވެ.

ތަރުކާރީ އާއި މޭވާ ފަދަ ކާ އެއްޗެއް ތާޒާކަންމަތީގައި ގަންނަ އިރު، ޕީއެލްޔޫ އަށް ފާރަވެރިވުމަކީ ސިއްހަތަށް ބަލާ ނަމަ ވަރަށް މުހިއްމު ކަމަކަށް ވާނެ އެވެ.