Roadha Mihaaru
ޖިރޫ އާއި ވަރާން ހިމަނައިގެން ފްރާންސް ސްކޮޑް ނަގައިފި

ޖިރޫ އާއި ވަރާން ހިމަނައިގެން ފްރާންސް ސްކޮޑް ނަގައިފި

10 ނޮވެމްބަރ 2022

އަނިޔާގައި ހުރި ޑިފެންޑަރު ރަފައެލް ވަރާން އާއި އުމުރުން 36 އަހަރުގެ ފޯވާޑް އޮލިވިއޭ ޖިރޫ ހިމަނައިގެން ފްރާންސްގެ ވޯލްޑް ކަޕް ސްކޮޑް އިއުލާންކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އަނިޔާގައި ހުރި ޑިފެންޑަރު ރަފައެލް ވަރާން އާއި އުމުރުން 36 އަހަރުގެ ފޯވާޑް އޮލިވިއޭ ޖިރޫ ހިމަނައިގެން ފްރާންސްގެ ވޯލްޑް ކަޕް ސްކޮޑް އިއުލާންކޮށްފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ފްރާންސުން މި ފަހަރުގެ މުބާރާތަށް ނުކުންނަނީ، 1962 ވަނަ އަހަރު ބްރެޒިލުން ތަށި ދިފާއުކުރި ފަހުން، އެކަން ހާސިލްކުރާ ފުރަތަމަ ޓީމަށް ވުމަށެވެ.

މި ފަހަރުގެ ސްކޮޑުގައި 2018 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރި ޓީމުގެ 11 ކުޅުންތެރިން ހިމެނެ އެވެ. އޭގެ ތެރޭގައި ގޯލްކީޕަރު ޓޮޓެންހަމް ހޮޓްސްޕާސްގެ ހޫގޯ ލޮރިސް އާއި ބަދަލު ކީޕަރު ރޭނިސްގެ ސްޓީވް މަންޑަންޑާ އާއި ޕީއެސްޖީގެ ކީލިއަން އެމްބާޕޭ އަދި އެތުލެޓިކޯ މެޑްރިޑުގެ އެންޓޮއިން ގްރިޒްމަން ހިމެނެ އެވެ.

މި އަހަރުގެ ބެލޮންޑިއޯ އެވޯޑް ކާމިޔާބުކުރި ރެއާލް މެޑްރިޑުގެ ފޯވާޑް ކަރިމް ބެންޒެމާ އަށް ފުރުސަތު ދީފައިވާތީ އޭނާ އަށް 2014 ގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގައި ކުޅުމުގެ ފުރުސަތު މި ފަހަރު ލިބޭނެ އެވެ. އޭނާ އަށް މިދިޔަ ވޯލްޑް ކަޕުން ފުރުސަތު ނުލިބުނީ ބްލެކްމެއިލް މައްސަލައެއްގައި ފްރާންސް ސްކޮޑުން ސަސްޕެންޑްކޮށްފައިވާތީވެ އެވެ. ބެންޒެމާ ސްކޮޑަށް މި ނެގީ އަނިޔާގެ ސަބަބުން މެޗުތަކެއް ގެއްލިފައި ވަނިކޮށެވެ.

ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔަކީ ފްރާންސް ގައުމީ ޓީމަށް ދެ ވަނަ އަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ފޯވާޑް ޖިރޫ އެވެ. މިއީ އޭނާ ކުޅޭނެ ތިން ވަނަ ވޯލްޑް ކަޕެވެ. ޖިރޫ އަށް ފުރުސަތު ދިނީ އޭސީ މިލާނުގައި ދައްކަމުން އަންނަ ކުޅުމާއި ދާދި ފަހުން ބެންޒެމާ އަނިޔާގައި ހުރި ވަގުތު ފްރާންސް ޓީމުގައި ދެއްކި ކުޅުމުގެ ސަބަބުންނެވެ. ބެންޒެމާ އަލުން އައުމާ އެކު ޖިރޫ އަށް މިހާރު ފްރާންސް ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތެއް ނުލިބެ އެވެ.

ފްރާންސްގެ ޑިފެންސް ލައިނުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑުގެ ވަރާން އަށް ފުރުސަތު ދިނީ ވޯލްޑް ކަޕް ފެށެން ވާއިރަށް ނުވަތަ ވަކި ހިސާބަކުން ފިޓްވާނެ ކަމަށް ޔަގީންކުރެވޭތީވެ އެވެ. އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލުނު ޕީއެސްޖީ ޑިފެންޑަރު ޕްރެސެނެލް ކިމްޕެމްބޭ އަށް ވެސް ވަނީ ޖާގަ ދީފަ އެވެ.

ފްރާންސްގެ ޑިފެންސިވް ސްކޮޑް ވަރަށް ވަރުގަދަ އެވެ. އޭގެ ތެރޭގައި އާސެނަލްގެ ވިލިއަމް ސަލީބާ އާއި ބަޔާން މިއުނިކުގެ ޑަޔޮޓް އުޕަމެކާނޯ އާއި ބާސެލޯނާގެ ޖޫލްސް ކޫންޑޭ އާއި ލިވަޕޫލްގެ އިބްރާހިމާ ކޮނާޓޭ ހިމެނެ އެވެ.

އުމުރުން 37 އަހަރުގެ ގޯލްކީޕަރު މަންޑަންޑާ އަށް ފުރުސަތު ލިބުނީ ދެ ވަނަ ކީޕަރު، މިލާނުގެ މައިކް މައިނަން އަށް އަނިޔާވުމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މައިނަން ފިޓްކޮށްހުރި ނަމަ މި ފަހަރު ފްރާންސްގެ އެއް ވަނަ ކީޕަރުކަން ދޭނީ އޭނާ އަށެވެ. މައިނަން ވަނީ ބެލޮންޑިއޯ އެވޯޑުގައި އެންމެ މޮޅު ފަސް ކީޕަރުންގެ ތެރޭ ހިމެނިފަ އެވެ.

ފްރާންސްގެ ތަޖުރިބާކާރު ދެ މިޑްފީލްޑަރުން ކަމަށްވާ ޗެލްސީގެ އެންގޯލޯ ކާންޓޭ އާއި ޔުވެންޓަސްގެ ޕައުލް ޕޮގްބާ އަށް އަނިޔާވެފައިވާތީ މި ފަހަރު މެދުތެރެ ބަލަހައްޓާނީ ޔުވެންޓަސްގެ އެޑްރިއަން ރަބިއޯ އާއި ރެއާލް މެޑްރިޑުގެ އޯރެލިން ޗުއަމެނީ އާއި އެޑުއާޑޯ ކަމަވިންގާ އެވެ.

ވޯލްޑް ކަޕުގައި ފްރާންސް ހިމެނެނީ ޑެންމާކާއި ޓިއުނީޝިއާ އަދި އޮސްޓްރޭލިއާއާ އެކު ގްރޫޕް ޑީ ގަ އެވެ. ފުރަތަމަ މެޗުގައި ނޮވެމްބަރު 22 ގައި ފްރާންސް ނުކުންނާނީ އޮސްޓްރޭލިއާ އެވެ.