Roadha Mihaaru
ހައްލުކުރަން ލަސް، ގަރާޖުތައް ބަދަލު ކުރާނަން: ރައީސް

ހައްލު ކުރަން ލަސްވެއްޖެ، ގަރާޖުތައް ބަދަލު ކުރާނަން: ރައީސް

10 ނޮވެމްބަރ 2022

މާލޭގައި މީހުން ދިރިއުޅޭ އިމާރާތްތަކުގައި ހުންނަ ސިނާއީ މަސައްކަތް ކުރާ ތަންތަން ބަދަލު ކުރުމުގެ މަސައްކަތް ލަސްވެފައިވާ ކަމަށާއި އެ މައްސަލަ ހައްލު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މާލޭގައި މީހުން ދިރިއުޅޭ އިމާރާތްތަކުގައި ހުންނަ ސިނާއީ މަސައްކަތް ކުރާ ތަންތަން ބަދަލު ކުރުމުގެ މަސައްކަތް ލަސްވެފައިވާ ކަމަށާއި އެ މައްސަލަ ހައްލު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ، މ. ސެންޑްރޯސް ގޭގައި އަލިފާން ރޯވެ 10 މީހަކު މަރުވި ހާދިސާ އާ ގުޅިގެން މިއަދު އެ ސަރަހައްދަށް ވަޑައިގެން އެ ތަން ބައްލަވައިލެއްވުމަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ މާލޭގައި އެންމެ ފަހުން ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން ކެމިކަލް ގުދަންތައް ބަދަލު ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެކަމަކު، އެ މަނިކުފާނު އެ ވިދާޅުވި ގޮތަށް އެކަން ނުކުރެވޭކަން އެޗްޑީސީން މިއަދު މީޑިއާ އަށް ދިން މައުލޫމާތު އެނގެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި 18 ކެމިކަލް ގުދަނެއް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. މާލޭގައި ހިންގާ ކެމިކަލް ގުދަނެއްގައި ސެޕްޓެމްބަރު 2019 ގައި ރޯވެ ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެން ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރަން ފެށި މަސައްކަތުގައި މިހާތަނަށް ބަދަލުކުރެވުނީ އެޗްޑީސީން ބުނިގޮތުގައި 34 ގުދަނެވެ.

ރައީސް މިއަދު ވިދާޅުވީ، ދެން އޮތީ ގަރާޖުތަކާއި ވޯކްޝޮޕްތައް ބަދަލުކުރުމުގެ މަސައްކަތް ކަމަށާއި ނަމަވެސް މުޅި މައްސަލަ ހައްލު ކުރެވޭނީ މާލޭގެ ތޮއްޖެހުމަށް ހައްލެއް ގެނެސްގެން ކަމަށެވެ.

"ހަގީގަތުގައި ވެސް އެބަހުރި ލަސްވެފައި. މިއީ މިހާރުން މިހާރަށް ހައްލު ގެންނަން ޖެހިފައި އޮތް ކަމެއް މާލޭގައި މި އޮތް މައްސަލަ،" ރައީސް ވިދާޅުވި އެވެ.

ގުޅިފަޅާއި ތިލަފުށީގައި މިހާރު ވެސް ގަރާޖާއި ވޯކްޝޮޕްތައް ބަދަލު ކުރާނެ ތަންތަން ހަދާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ކަމާ ބެހޭ ފަރާތްތަކާ މިއަދު މަޝްވަރާ ކުރުމަށް ފަހު، ކުރިން ވެފައި ހުރި ކަންކަމަކީ ކޮބައިތޯ އާއި ކުރިޔަށް އަޅަން ހުރި ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާ ކޮށް، މިހާރުން މިހާރަށް މިފަދަ ހާދިސާތައް ހުއްޓުވުމަށްޓަކައި ކުރަން ހުރި ކަންކަން ބައްލަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މިއީ މާލޭގައި ފަހުގެ ތާރީހެއްގައި އެންމެ ގިނަ މީހުން މަރުވި އަލިފާނުގެ ހާދިސާ އެވެ.

މިހާތަނަށް 10 މީހަކު މަރުވެފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ ބަންގަލަދޭޝް އާއި އިންޑިއާ މީހުންނެވެ. އެއް ބަންގްލަދޭޝްގެ މީހެއް އޮތީ އައިޖީއެމްއެޗްގައި ކްރިޓިކަލް ހާލުގަ އެވެ. އެ ތަނުގައި ސްރީ ލަންކާ މީހުން ވެސް ދިރިއުޅެމުން އައި ކަމަށް ރައީސް ވިދާޅުވި އެވެ.