Roadha Mihaaru
ބަޖެޓުގައި ފޭކު އަދަދުތައް އެބަހުރި: ސައީދު

ބަޖެޓުގައި ފޭކު އަދަދުތައް އެބަހުރި ކަމަށް ބުނެ ސައީދުގެ ތުހުމަތެއް

13 ނޮވެމްބަރ 2022

ދަރަނި ހުރި ވަރު އޮޅުވާލުމަށް ޓަކައި ބަޖެޓުގައި ފޭކް އަދަދުތައް ޖަހާފައިވާ ކަމަށް މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ތުހުމަތުކުރައްވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދަރަނި ހުރި ވަރު އޮޅުވާލުމަށް ޓަކައި ބަޖެޓުގައި ފޭކް އަދަދުތައް ޖަހާފައިވާ ކަމަށް މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ތުހުމަތުކުރައްވައިފި އެވެ.

މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ސައީދު ވިދާޅުވީ، އުފެއްދުންތެރި ކަމުގެ ނިސްބަތުން ދަރަނި ޖެހޭ ވަރު ކުޑަ ކުރުމަށްޓަކައި ޖީޑީޕީގެ ނޮމިނަލް އަދަދު ބޮޑުކޮށް ޖަހާފައިވާ ކަމަށެވެ. އެއީ ބޮޑު ކުށެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، ސްކޫލުތަކުގައި އިކޮނޮމިކްސް ކިޔަވައިދޭ ޓީޗަރުން ހިސާބު ޖެހިޔަސް މިއީ ފޭކް އަދަދުތަކެއް ކަން ސާފުވާނެ ކަމަށެވެ.

"އެއީ ރާއްޖޭގެ ޖީޑީޕީ އިންފްލެޓްކޮށްފައިކަން ރީއްޗަށް ފަޅާ އަރާ ވަރަށް މި ބަޖެޓުގައި މިކަން ކޮށްފައި، ޑެޓް ޓު ޖީޑީޕީ ދަށްކުރަނީ. ޑެޓް ޓު ޖީޑީޕީ ދަށްކުރަނީ އެކްސްޕެންޑިޗާ ކުޑަކޮށްގެންނެއް ނޫން. ބޮރޮއިން [ލޯނަށް ފައިސާ ނެގުން] ދަށް ކޮށްގެންނެއް ވެސް ނޫން،" އޭނާ ވިދާޅުވި އެވެ.

އާންމުގޮތެއްގައި ދައުލަތުގެ ބަޖެޓު އެކުލަވައިލުމުގައި ފިނޭންސް މިނިސްޓްރީން އަދަދުތައް ޖަހާނީ އިތުރުވާ ގޮތަށެވެ. މިއީ މާ ބޮޑު މައްސަލައެއް ނޫން ކަމަށް ބަޖެޓު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނެ އެވެ. އެހެން ނަމަވެސް، މިގޮތަށް އަދަދު ޖެހުމުން އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ކުޑަ ކަމަށް ދައްކާނެ ކަމަށް އެ ފަރާތްތަކުން ބުންޏެވެ.

ސޮވެރިން ގެރެންޓީ ހިމަނައިގެން ދައުލަތުގެ ދަރަނި އަންނަ އަހަރު 113 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ.

އަންނަ އަހަރު ދައުލަތުގެ ދަރަނި ހުންނާނީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 108 ޕަސެންޓުގަ އެވެ. މި އަހަރު ނިމޭ އިރު ދައުލަތުގެ ޖުމްލަ ދަރަނި ހުންނާނީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 111 ޕަސެންޓުގަ އެވެ. އެއީ ރުފިޔާއިން ނަމަ 106 ބިލިއަނެވެ. ފިނޭންސް މިނިސްޓްރީގެ އަމާޒަކީ 2025 ވަނަ އަހަރު ދައުލަތުގެ ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން 102 ޕަސެންޓަށް ދަށް ކުރުމެވެ. އެކަން ކުރަން ނިންމާފައިވަނީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށްގެންނެވެ.

ބަޖެޓު ފޮތުގައިވާ ގޮތުން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވާނެ ގޮތަށް ހަރަދާއި އާމްދަނީ ހަމަޖައްސާފައިވާ ކަމަށެވެ. އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ 7.6 ޕަސެންޓުގަ އެވެ.