ހޮރައިޒަން ފިޝަރީޒްއިން ލ. މާންދޫގައި ހިންގާ މަސް ފެކްޓަރީން ފައިސާ ނުދީގެން މަސްވެރިން ކުރާ އިހުތިޖާޖުގެ ތެރެއިން ހަމަނުޖެހުމެއް ހިނގައި ފުލުހަކަށާއި ތިން މަސްވެރިއަކަށް އަނިޔާވެއްޖެ އެވެ.
13 ނޮވެމްބަރ 2022
ހޮރައިޒަން ފިޝަރީޒްއިން ލ. މާންދޫގައި ހިންގާ މަސް ފެކްޓަރީން ފައިސާ ނުދީގެން މަސްވެރިން ކުރާ އިހުތިޖާޖުގެ ތެރެއިން ހަމަނުޖެހުމެއް ހިނގައި ފުލުހަކަށާއި ތިން މަސްވެރިއަކަށް އަނިޔާވެއްޖެ އެވެ.
މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވަމުންދާ ކަމަށް ބުނެ، ނުރުހުން ފާޅުކޮށް، މާންދޫގައި ހިންގާ މަސް ފެކްޓަރީގެ ބޭރުގައި ގިނަ އަދަދެއްގެ މަސްވެރިން މުޒާހަރާ ކުރަން ފެށީ އިއްޔެ އެވެ. އެ މީހުން ބުނާ ގޮތުގައި ކިރާ މަހަށް ފައިސާ ލިބެނީ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުންނެވެ. އަދި މިހާތަނަށް މަސްވެރިންނަށް ދޭންޖެހޭ 21 މިލިއަން ރުފިޔާ އޮތް ކަމަށް ވެސް އެ މީހުން ބުނެ އެވެ.
މިއަދު އެ މުޒާހަރާގައި ބައިވެރިވާން އިތުރު މަސްވެރިން ވެސް މިއަދު މާންދު އަށް ގޮސްފައިވާއިރު، މިއަދު މުޒާހަރާ ހޫނުވެ މަސްވެރިންނާއި ފުލުހުންނާ ދެމެދު ވަނީ ކުރިމަތިލުމެއް ހިނގައިފަ އެވެ.
މާންދޫގައި މުޒާހަރާ ކުރަމުންދާ މަސްވެރިންގެ ޖަމިއްޔާގެ އޮފިޝަލެއް ކަމަށްވާ އާދަމް ފާރިޝް "މިހާރު" އަށް ކިޔައިދިން ގޮތުގައި މިއަދު ހަވީރު އެ ހަމަނުޖެހުން ހިންގީ މާންދޫ މަސް ފެކްޓަރީގެ އިސް މީހަކާ ބައްދަލު ކުރަން، ފުލުހުން ދަމާފައި ހުރި ޓޭޕަށް ވުރެ ދުރަށް މުޒާހަރާގެ ބައިވެރިން ދިޔުމުން ފުލުހުން ބާރުގެ ބޭނުން ކުރަން ފެށި ހިސާބުންނެވެ.
މަޝްހޫރު 'ދިވެހި މަސްވެރިން' ޕޭޖު ވެސް ހިންގާ ފާރިޝް ބުނި ގޮތުގައި ފުލުހުން ޕެޕާސްޕްރޭ ޖެހުމުން މަސްވެރިންގެ ތެރެއިން ތިން މީހަކަށް ފަރުވާދޭން ޖެހުނު ކަމަށެވެ.
"އެއީ އަސްލު ބާރުގެ ބޭނުން ކުރަން ޖެހޭ ވަރުގެ ދަނޑިވަޅެއް ވެސް ނޫން. ވަރަށް ރީއްޗަށް އެތާ ތިއްބައި ބާރުގެ ބޭނުން ކުރީ." ފާރިޝް ބުންޏެވެ.
އޭނާ ބުނި ގޮތުގައި ދަމާފައި ހުރި ޓޭޕަށް ވުރެ ދުރަށް މަސްވެރިން ދިޔައީ ފުލުހުން މަސް ފެކްޓަރީގެ އިސް މީހާ 30 މިނެޓު ތެރޭގައި މަސްވެރިން ދައްކާ ވާހަކަ އަޑުއަހަން ގެންނާނެ ކަމަށް ބުނުމަށްފަހު އެ މީހާ އެތަނަށް ނުގެނެވުމުންނެވެ.
ފާރިޝް ކިޔައިދިން ގޮތުގައި މުޒާހަރާ ހޫނުވެ ބައެއް ބައިވެރިން ވަނީ ފުލުހުންނާ ދިމާލަށް ގާ ވެސް އުކައިފަ އެވެ. އެތަނުން ގަލަކުން ޖެހި ފުލުހެއްގެ ބޯ ވެސް ފަޅައިގެން ދިޔަ އެވެ.
އެ މުޒާހަރާގައި އިތުރު މަސްވެރިން ބައިވެރިވަމުން ދާއިރު، މިހާރު 28 ދޯންޏަކުން 300 އަށް ވުރެ ގިނަ މަސްވެރިން ބައިވެރިވަމުންދާ ކަމަށް ވެސް ފާރިޝް ބުންޏެވެ. އަދި ލ. އަތޮޅުން މަސްވެރިންގެ އަނބިދަރިން ވެސް މާންދު އަށް ގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެ ކުންފުނިން ބުނީ މަސް ގަންނަ އަގާއި މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ސަރުކާރުން ސަބްސިޑީ ލިބިގެން ހިންގާ ކުންފުނިތަކުން މަސް ގަނެ، އަދި ތެޔޮ ވިއްކާ އަގަށް އެ ކުންފުނި ކަހަލަ ޕްރައިވެޓް ކުންފުނިތަކުން މަސް ގަތުމާއި ތެޔޮ ވިއްކުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އެއްބަސްވެވޭ މުއްދަތުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދެނީ ދަރަންޏަށް ފައިސާ ހޯދައިގެންނާއި އެ ކުންފުނި ހިމެނޭ ގްރޫޕްގެ އެހެން ކުންފުނިތަކުގެ އެހީގައި ކަމަށް ވެސް ހޮރައިޒަން އިން ބުންޏެވެ. އެހެންނަމަވެސް، މައްސަލަ ހައްލު ކުރަން މަސްވެރިންނާއި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
ފަައިސާ ދޭނެ ކަމަށް ބުނުމުން މުޒާހަރާ މެދުކަނޑާލައިފި
ފެއާ ޓްރޭޑް ސެޓްފިކެޓުގައި މަސް ބޭރު ކުރަން ފަށައިފި
ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ނިންމަވައިފި
ފައިސާ ދޭން ފެށުމުން މަސްވެރިން މުޒާހަރާ ހުއްޓާލައިފި
މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލައި އަޑުއުފުލައިފި
މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ:ރައީސް
މަސްވެރިންނަށް 105 މިލިއަން ރުފިޔާ ދޫކޮށްފި
"ފައިސާ ޗާޕުކޮށްގެން މަސްވެރިންނަށް ފައިސާ ނުދެވުނު"
މަސްވެރިންނަށް ދޭން ޖެހޭ 70 މިލިއަން ރުފިޔާ ދޫކޮށްފި
މަސްވެރިކަމާ ގުޅޭ ލަފާދިނުމަށް ތިން ކޮމިޓީ އުފައްދަނީ