Roadha Mihaaru
ފަައިސާ ދޭނެ ކަމަށް ބުނުމުން މުޒާހަރާ މެދުކަނޑާލައިފި

ފައިސާ ޖަމާކުރާނެ ކަމަށް ބުނުމުން މަސްވެރިންގެ މުޒާހަރާ މަޑުޖައްސާލައިފި

14 ނޮވެމްބަރ 2022

ހޮރައިޒަން ފިޝަރީޒުން ލ. މާންދޫގައި ހިންގާ މަސް ފެކްޓަރީން ފައިސާ ނުދީގެން މަސްވެރިން ކުރާ އިހުތިޖާޖު މިއަދު އިރުއޮއްސި 6:00 އާ ހަމައަށް މަޑުޖައްސާލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހޮރައިޒަން ފިޝަރީޒުން ލ. މާންދޫގައި ހިންގާ މަސް ފެކްޓަރީން ފައިސާ ނުދީގެން މަސްވެރިން ކުރާ އިހުތިޖާޖު މިއަދު އިރުއޮއްސި 6:00 އާ ހަމައަށް މަޑުޖައްސާލައިފި އެވެ.

މަސްވެރިންނަށް ފައިސާ ނުލިބި ލަސްވަމުންދާ ކަމަށް ބުނެ ނުރުހުން ފާޅުކޮށް، މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބޭރުގައި މިދިޔަ ހޮނިހިރު ދުވަހު ފެށި އިހުތިޖާޖު މެދުކަނޑާލީ މިއަދު ފައިސާ ޖަމާކޮށްދޭނެ ކަމަށް ބުނުމުން ކަމަށް މަސްވެރިން ބުންޏެވެ.

މުޒާހަރާގައި ބައިވެރިވާން އިތުރު މަސްވެރިން ވެސް އިއްޔެެ ވަނީ މާންދު އަށް ގޮސްފަ އެވެ. އިއްޔެގެ މުޒާހަރާ ހޫނުވެ މަސްވެރިންނާއި ފުލުހުންނާ ދެމެދު ވަނީ ކުރިމަތިލުމެއް ވެސް ހިނގައިފަ އެވެ. އެ މީހުން ބުނާ ގޮތުގައި ކިރާ މަހަށް ފައިސާ ލިބެނީ މަހެއްހާ ދުވަސް ފަހުންނެވެ. މިހާތަނަށް 21 މިލިއަން ރުފިޔާ އޮތް ކަމަށް ވެސް އެ މީހުން ބުނެ އެވެ.

ވިލާ ގްރޫޕްގެ ވެރިޔާ ގާސިމް އިބްރާހީމްގެ ހޮރައިޒަން ހުންނަ މާންދޫގައި ކުރަމުންދާ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ މަސްވެރިއަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި މިވަގުތަށް މުޒާހަރާ ވަނީ މަޑުޖައްސާލައިފަ އެވެ. އޭނާ ބުނީ މިއަދު ފައިސާ ޖަމާކޮށްދޭނެ ކަމަށް ބުނުމުން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް މުޒާހަރާ މަޑުޖައްސާލާފައިވާ ކަމަށެވެ.

"[ގާސިމްގެ ބޭފުޅުން] ސިޔާދު ގާސިމާއި މުހައްމަދު ގާސިމް އިއްޔެ އައިސް މަސްވެރިންނާ ބައްދަލު ކޮށްފި. ފުރަތަމަ ވިދާޅުވީ ފައިސާއެއް ނެތޭ. ޖެހޭނީ ލޯނެއް ނަގާށޭ މަސްވެރިންނަށް ފައިސާ ދޭން. އެކަމަށް ހަފްތާއެއް ނަގައޭ. މިވަގުތަށް އޮޕަރޭޝަންތައް ކުރިއަށް ގެންދަން ދޭށޭ. އަޅުގަނޑުމެން އެކަމަށް އެއްބަސް ނުވީމާ ފަހުން އެ ބޭފުޅުން ވިދާޅުވީ ފައިސާ ދޭން،" އެ މަސްވެރިޔާ ބުންޏެވެ.

"އެ ބޭފުޅުން ޔަގީންކަން ދެއްވި މިއަދު އިރުއޮއްސި 6 ގެ ކުރިން ބަނދަރުގައި މިވަގުތު މުޒާހަރާ ކުރަމުންދާ ދޯނިތަކަށްވާ 8.6 މިލިއަން ރުފިޔާ ޖަމާކޮށްދޭނަމޭ. 21 މިލިއަން ރުފިޔާއިން ބާކީ ހުރި ފައިސާ ހަފުތާއެއްގެ ތެރޭގައި ޖަމާކޮށްދޭނެ ކަމަށް."

ހޮރައިޒަނުން އެދެމުން ދިޔައީ ހުއްޓިފައިވާ އޮޕަރޭޝަންތައް އަލުން ފެށުމަށް ނަމަވެސް އެކަން ފެށޭނީ ފައިސާ ހަމަޖައްސައި ދިނުމުން ކަމަށް "މިހާރު" އާ ވާހަކަ ދެއްކި މަސްވެރިޔާ ބުންޏެވެ.

"ފައިސާ ނުދެންޏާ އަޅުގަނޑުމެން ތިބޭނީ މިހެން ހަމަ. ނުނިކުންނާނަން މިތާކުންނެއް. އިރުއޮއްސުމުގެ ކުރިން ފައިސާ ނުދީފި ނަމަ އަޅުގަނޑުމެން އަނެއްކާވެސް މުޒާހަރާތައް ފަށާނަން. މިހާރު މަސްވެރިންގެ އާއިލާތަކުން ވެސް އަންނަމުން އެ ދަނީ. ކުރިއަށް ވުރެ ބޮޑުކޮށް ދެން ފަށާނީ. ބާރުގެ ބޭނުން ކޮށްގެން ނެރެވިދާނެ،" އޭނާ ބުންޏެވެ.

މިހާރު ވެސް އެ ރަށުގެ ފަޅުގައި 28 ދޯންޏަކުން 300 އަށް ވުރެ ގިނަ މަސްވެރިން ދަނީ އިހުތިޖާޖުގައި ބައިވެރިވަމުންނެވެ. ލ. އަތޮޅުން މަސްވެރިންގެ އަނބިދަރިން ވެސް މާންދު އަށް ގެންދިޔުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށް އެ މަސްވެރިޔާ ބުންޏެވެ.

މިކަމާ ގުޅިގެން ހޮރަައިޒަން އިން ބުނެފައި ވަނީ އެ ކުންފުނިން މަސް ގަންނަ އަގާއި މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ސަރުކާރުން ސަބްސިޑީ ލިބިގެން ހިންގާ ކުންފުނިތަކުން މަސް ގަނެ، އަދި ތެޔޮ ވިއްކާ އަގަށް އެ ކުންފުނި ކަހަލަ ޕްރައިވެޓް ކުންފުނިތަކުން މަސް ގަތުމާއި ތެޔޮ ވިއްކުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެއްބަސްވެވޭ މުއްދަތުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދެނީ ދަރަންޏަށް ފައިސާ ހޯދައިގެންނާއި އެ ކުންފުނި ހިމެނޭ ގްރޫޕްގެ އެހެން ކުންފުނިތަކުގެ އެހީގައި ކަމަށް ވެސް ހޮރައިޒަނުން ބުންޏެވެ. އެކަމަކު، މައްސަލަ ހައްލު ކުރަން މަސްވެރިންނާއި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.