Roadha Mihaaru
ފައިސާ ދޭން ފެށުމުން މަސްވެރިން މުޒާހަރާ ހުއްޓާލައިފި

ފައިސާ ޖަމާކުރަން ފެށުމުން އައްޑޫ މަސްވެރިން މުޒާހަރާ ނިންމާލައިފި

01 ޖުލައި 2024

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އެކައުންޓުތަކަށް ޖަމާކުރަން ފެށުމުން އައްޑޫގައި މަސްވެރިން ކުރަމުންދިޔަ މުޒާހަރާ ނިންމާލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އެކައުންޓުތަކަށް ޖަމާކުރަން ފެށުމުން އައްޑޫގައި މަސްވެރިން ކުރަމުންދިޔަ މުޒާހަރާ ނިންމާލައިފި އެވެ.

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީގެން އެކި ދުވަސްތަކުގެ މަތިން މަސްވެރިން ދަނީ މުޒާހަރާ ކުރަމުންނެވެ.

މިފްކޯއިން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮޑިވެރިންނަށް ދައްކަންޖެހޭ 53 މިލިއަން ރުފިޔާ މަސްވެރިންނަށް ޖަމާވާން ފަށާފައިވާ ކަމަށެވެ.

އެ ފައިސާ ޖަމާކުރަން ފެށުމުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މުޒާހަރާ ކުރަމުންދާ މަސްވެރިން މުޒާހަރާ ނިންމާލާފައިވާ ކަމަށް ވެސް މިފްކޯއިން ބުންޏެވެ.

މަސްވެރިންނަށް ފައިސާ ނުދެވި ލަސްވާ މައްސަލަ ބޮޑުވެ، މިފްކޯ އިން އިއްޔެ ވަނީ މަސް ގަންނަމުން އައި ކޮންޓްރޯލް އަގު އުވާލައި، ބައިނަލްއަގުވާމީ ބާޒާރުގައި ހުންނަ ރޭޓަށް މަސް ގަންނަން ނިންމައިފަ އެވެ. އެގޮތަށް ކަނޑައަޅާ އަގެއް ކޮންމެ ހަފްތާއަކު އާންމުކޮށް އިއުލާން ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިފްކޯ އިން މިހާތަނަށް މަސް ގަންނަމުން އައީ ބާޒާރުގައި ވިއްކާ އަގަށް ނުބަލައި ސަރުކާރުން ކަނޑައަޅާ އަގަކަށެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ދުވަސްވަރު އޭރުގެ ސަރުކާރުން ވަނީ މަސްވެރިންގެ އަތުން މަސް ގަންނަ އަގު 25ރ. އަށް ބޮޑު ކޮށްފަ އެވެ. އަދި މި ސަރުކާރުން ވަނީ އެ އަދަދު 20ރ. އަށް ކުޑަކޮށްފަ އެވެ.

އަގު ކުޑަ ކުރުމުން ވެސް މަސްވެރިންނަށް ފައިސާ ދެވެނީ ސަރުކާރުން ބޮޑު ސަބްސިޑީއެއް ދީގެންނެވެ. ކޮންމެ އަހަރަަކު ގާތްގަނޑަކަށް މަސްވެރިންނަށް ސަބްސިޑީގެ ގޮތުގައި 400 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކަނޑައަޅަ އެވެ.

މި ސަރުކާރުން ވައުދުވެފައި ވަނީ މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމަށެވެ. އެކަމަކު އެ ގޮތަށް ފައިސާ ދެވޭނީ މިފްކޯ އަށް ގެންނަން ޖެހޭ އިސްލާހީ ބަދަލުތައް ގެނެސް މާލީ ހާލަތު ރަނގަޅުވުމުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.