Roadha Mihaaru
މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލައި އަޑުއުފުލައިފި

ވައުދާ އެއްގޮތަށް މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލައި މަސްވެރިން އަޑުއުފުލައިފި

12 ޖޫން 2024

ސަރުކާރުގެ ވައުދާ އެއް ގޮތަށް މިފްކޯއިން ބޮޑުކަންނެލި ގަތުމަށް ގޮވާލައި، ބޮޑުކަންނެލި މަސްވެރިކަމުގައި އުޅޭ ފަރާތްތަކުން މިއަދު އަޑުއުފުލައިފި އެވެ.

ސަރުކާރުގެ ވައުދާ އެއް ގޮތަށް މިފްކޯއިން ބޮޑުކަންނެލި ގަތުމަށް ގޮވާލައި، ބޮޑުކަންނެލި މަސްވެރިކަމުގައި އުޅޭ ފަރާތްތަކުން މިއަދު އަޑުއުފުލައިފި އެވެ.

ހުޅުމާލެ ކަންނެލި ޖެޓީގައި ގިނަ އަދަދެއްގެ ކަންނެލި ދޯނިތައް އެއްވެ، އަޑުއުފުލަމުން ދިޔައީ މިފްކޯއިން ބޮޑުކަންނެލި ގަތުމާއި ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމުގެ ވިސްނުން ސަރުކާރުން ދޫކޮށްލުމަށެވެ.

އެ މީހުން ގޮވަމުންދިޔައީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މަސްވެރިންނާ ބައްދަލުކުރައްވައި، އެ ކަންބޮޑުވުންތައް އަޑުއެހުމަށެވެ.

އޭގެފަހުން، ޝިޔާމް ވަނީ އެ ސަރަހައްދަށް ވަޑައިގެން އިހުތިޖާޖު ކުރަމުންދާ މަސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ.

ސުލްހަ ބެލެހެއްޓުމަށްޓަކައި އެ ސަރަހައްދުގައި ފުލުހުން ވެސް ހަރަކާތްތެރިވަމުންދިޔަ އިރު، މިނިސްޓަރު މަސްވެރިންނަށް ވިދާޅުވީ، މިފްކޯއިން ބޮޑުކަންނެލި ގަތުމަށް ސަރުކާރުން ވައުދުވެފައިވިޔަސް، އެ ކުންފުނީގެ މާލީ ހާލަތު ހުރި ގޮތުން އެ ކަން މި އަހަރުގެ ތެރޭގައި ކުރެވެން ނެތް ކަމަށެވެ.

"މި އަހަރަކު އަޅުގަނޑުމެންނަކަށް ނެތް ކަންނެލި މަސްވެރިންގެ އަތުން ކަންނެލި ގަނެވޭކަށެއް. މިފްކޯ އޮތީ އެ ހާލަތަކު ނޫން. މިފްކޯ ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ ވަރަށް ކުރީ ކޮޅު ގިނަ ވައުދުތައް ފުއްދެމުންދާ ކަމަށާއި، މަސްވެރިންނަށް ވެފައިވާ ވައުދުތައް ވެސް ސަރުކާރުން ފުއްދާނެ އެވެ.

ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގެ ކަންބޮޑުވުމަށް އިޝާރާތް ކުރައްވައި، މިނިސްޓަރު ވިދާޅުވީ އެކަމުގެ މަޝްވަރާ ސަރުކާރުން ކުރަނީ ދައުލަތުގެ މާލީ ހާލަތު ދަށްވުމުން އާމްދަނީ ލިބޭނެ ހުރިހާ ގޮތެއް ބެލުމުގެ ތެރެއިން ކަމަށެވެ.

އެކަމަކު، ލޭނު މަސްވެރިކަމުގެ ހުއްދަ ދިނަސް މީގެ ކުރީގައި އެކަން ކުރި ގޮތަށް ލޭނު އެޅުމުގެ ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން ޝިޔާމް ދެއްވި އެވެ.