Roadha Mihaaru
200 މަަސްދޯނީގައި ފެން ފިނިކުރާ ސިސްޓަމް ހަރުކުރަނީ

ލޯނު އުސޫލުން 200 މަަސްދޯނީގައި ފެން ފިނިކުރާ ނިޒާމު ހަރުކުރަން ސަރުކާރުން ނިންމައިފި

14 ނޮވެމްބަރ 2022

ފެން ފިނިކުރާ ނިޒާމު، ލޯނު އުސޫލުން 200 މަސް ދޯންޏެއްގައި ހަރުކުރުމަށް މާލީ އެހީތެރިކަން ދޭ ޕްރޮގްރާމެއް ސަރުކާރުން މިއަދު ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފެން ފިނިކުރާ ނިޒާމު، ލޯނު އުސޫލުން 200 މަސް ދޯންޏެއްގައި ހަރުކުރުމަށް މާލީ އެހީތެރިކަން ދޭ ޕްރޮގްރާމެއް ސަރުކާރުން މިއަދު ފަށައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެއީ މަސްވެރިން ބާނާ މަސް ތާޒަކަން މަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ގޮތުންނާއި މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ފެށި ޕްރޮގްރާމެއް ކަމަށެވެ.

އެ ޕްރޮގްރާމް ހިންގުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑް ބޭންކް (އައިއެސްޑީބީ) އާ އެކު ދިވެހި ސަރުކާރުން މިހާރު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ދިވެހި މަސްވެރިން މަސް ބާނައިގެން ދަތުރުކުރަނީ: ލޯނު އުސޫލުން 200 މަަސްދޯނީގައި ފެން ފިނިކުރާ ސިސްޓަމް ހަރުކުރަން ސަރުކާރުން ނިންމާފައިވޭ.

ދިވެހި މަސްވެރިން މަސް ބާނައިގެން ދަތުރުކުރަނީ: ލޯނު އުސޫލުން 200 މަަސްދޯނީގައި ފެން ފިނިކުރާ ސިސްޓަމް ހަރުކުރަން ސަރުކާރުން ނިންމާފައިވޭ.

އެ ޕްރޮގްރާމް ދަށުން ލިބޭ އެހީ

• މަސްދޯނީގެ ވަތުގައި ރެފްރިޖަރޭޓެޑް ސީވޯޓާ (އާރްއެސްޑަބްލިއު) ސިސްޓަމް ނުވަތަ ފެން ފިނިކުރާ ނިޒާމު ހަރުކުރުން.

• މަސްދޯނިތަކުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ސޯލާ ޕަވާ ސިސްޓަމް ހަރުކުރުން.

ފިޝަރީޒް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހިންގާ އެ ޕްރޮގްރާމްގެ ފައިނޭންސިންގެ ކަންކަން ހަމަޖައްސާނީ އެސްއެމްއީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ހުޅުވާލާ ފައިނޭސްސިން ސްކީމެއް މެދުވެރިކޮށް ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި 200 މަސްދޯނީގައި އެ ސިސްޓަމްތައް ހަރުކުރަން ނިންމާފައިވާ ކަމަށާއި ފުރަތަމަ ފިޔަވަހީގައި 100 ދޯނީގައި އެ ސިސްޓަމްތައް ހަރުކުރާނެ ކަމަށެވެ. ފުރަތަމަ ފިޔަވަހި ކުރިއަށް ގެންދަނީ މި އަހަރާއި އަންނަ އަހަރު ކަމަށް ވެސް ބުންޏެވެ.

ދިވެހި މަސްވެރިން މަސް ބާނަނީ: ލޯނު އުސޫލުން 200 މަަސްދޯނީގައި ފެން ފިނިކުރާ ސިސްޓަމް ހަރުކުރަން ސަރުކާރުން ނިންމާފައިވޭ.

ދިވެހި މަސްވެރިން މަސް ބާނަނީ: ލޯނު އުސޫލުން 200 މަަސްދޯނީގައި ފެން ފިނިކުރާ ސިސްޓަމް ހަރުކުރަން ސަރުކާރުން ނިންމާފައިވޭ.

އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން އާންމުކޮށް ވަނީ ހުޅުވާލައިފަ އެވެ. އަންނަ މަހު 31 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ އެސްޑީއެފްސީގެ އޮންލައިން ޕޯޓަލް (/https://portal.sdfc.mv) މެދުވެރިކޮށެވެ.

ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތު

• ރަޖިސްޓަރީ ކޮށްފައިވާ، މަސްވެރިކަން ކުރުމުގެ ލައިސެންސް އޮތް މަސްދޯންޏަކަށް ވުން.

• އުޅަނދު މިހާރު ވެސް ބޭނުންކުރަނީ މަސްވެރިކަމަށް ކަމުގައި ވުން.

• 50 ފޫޓަށް ވުރެ ދިގު އުޅަނދަކަށް ވުމާއި މަދުވެގެން 15 ޓަނުގެ މަސް ރައްކާކުރެވޭ ދޯންޏަކަށް ވުން.

• ފެންފިނިކުރާ ސިސްޓަމް ހަރުކުރުމަށް ބޭނުންވާ ޖާގަ ހުރި އުޅަނދަކަށް ވުން.

ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުން އެއްވެސް ލޯނެއް ކުރިން ނަގާފައިވާ ނަމަ އެ ފެސިލިޓީއަކަށް ވާ ފައިސާ އަނބުރާ ދައްކަމުންދާ ގޮތާއި ދައްކާފައިވާ ގޮތަށް ރިއާޔަތްކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

ލޯނު ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދަން ނިންމާފައި ވަނީ ދެ މަރުހަލާއެއްގެ ތެރެއިންނެވެ.

ފުރަތަމަ މަރުހަލާގައި އެ ލޯނަށް އެދޭ އެޕްލިކޭޝަންގައި ހުށަހަޅާ މައުލޫމާތާއި މިނިސްޓްރީގައި ރިކޯޑްކުރެވިފައިވާ މައުލޫމާތުގެ މައްޗަށް ބަލައި، އުޅަނދާއި ބެހޭ މައުލޫމާތާއި އެ އުޅަނދަށް ބޭނުންވާ ސިސްޓަމްތައް ދެނެގަންނާނެ ކަމަށް ބުންޏެވެ. ދެވަނަ މަރުހަލާ އަށް ދަނީ ޓެކްނިކަލް ސްޕެސިފިކޭޝަނަށް ބެލުމަށް ފަހުގައި ކަމަށް ވެސް ބުންޏެވެ.

މަޑަވެލި ސީ ވޯލްޑް މަސް ދޯނި:  ލޯނު އުސޫލުން 200 މަަސްދޯނީގައި ފެން ފިނިކުރާ ސިސްޓަމް ހަރުކުރަން ސަރުކާރުން ނިންމާފައިވޭ. -- ޓްވިޓާ ފޮޓޯ: މަސްވެރިންގެ ޖަމިއްޔާ

މަޑަވެލި ސީ ވޯލްޑް މަސް ދޯނި: ލޯނު އުސޫލުން 200 މަަސްދޯނީގައި ފެން ފިނިކުރާ ސިސްޓަމް ހަރުކުރަން ސަރުކާރުން ނިންމާފައިވޭ. -- ޓްވިޓާ ފޮޓޯ: މަސްވެރިންގެ ޖަމިއްޔާ

މިނިސްޓްރީން ބުނީ، ދެވަނަ މަރުހަލާގައި އެ އުޅަނދަކަށް ބޭނުންވާ ސިސްޓަމް، އެސްޑީއެފްސީގައި ލިސްޓުކޮށްފައިވާ ސަޕްލަޔަރުންގެ ލިސްޓުން ހިޔާރުކުރުމުގެ ފުރުސަތު އެޕްލިކޭޝަން ހުށަހަޅާ ފަރާތަށް ދެވޭނެ ކަމަށެވެ. އަދި އެ މަރުހަލާގައި ހިޔާރުކުރާ ސިސްޓަމަށް ބިނާކޮށް، ފައިނޭންސިން ފެސިލިޓީގެ އަގު ކަނޑައެޅޭނެ ކަމަށް ވެސް ބުންޏެވެ.

އެ ސިސްޓަމް ހަރުކޮށްދިނުމާއި ހިންގުމާ ގުޅޭގޮތުން ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް އެ މަރުހަލާގައި ކުރިއަށް ގެންދާނެ ކަމަށް ބުންޏެވެ.

މިނިސްޓްރީން ބުނީ ސުންގަނޑު ހަމަވުމުގެ ކުރިން ވެސް، ފޯމު ހުށަހަޅާ ތަރުތީބުން އެޕްލިކޭޝަންތައް ވަޒަންކޮށް، އެ އުޅަނދެއްގައި ސިސްޓަމް ހަރުކުރެވޭނެ ފައިސާ ހަމަޖައްސައި ދިނުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.