Roadha Mihaaru
މަސްވެރިންނަށް ބާކީ ފައިސާ ޖަމާކުރަން ފަށައިފި

ރައީސް ބޭނުންވި ގޮތަށް ރޯދަމަހުގެ ކުރިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ޖަމާކުރަން ފަށައިފި

10 މާޗް 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވި ގޮތަށް، ރޯދަމަސް ފެށެންވާއިރަށް މަސްވެރިންނަށް ދޭން ޖެހިފައިވާ ހުރިހާ ފައިސާއެއް އޮޑިވެރިންނަށް ޖަމާކުރުމުގެ މަސައްކަތް މިރޭ ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވި ގޮތަށް، ރޯދަމަސް ފެށެންވާއިރަށް މަސްވެރިންނަށް ދޭން ޖެހިފައިވާ ހުރިހާ ފައިސާއެއް އޮޑިވެރިންނަށް ޖަމާކުރުމުގެ މަސައްކަތް މިރޭ ފަށައިފި އެވެ.

ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިރޭ "މިހާރު" އަށް ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ދޭން ޖެހޭ 157 މިލިއަން ރުފިޔާ ޖަމާކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ކުރަމުން އަންނަ ކަމަށެވެ.

"ފިނޭންސް މިނިސްޓްރީން މިހާރު އެ ފައިސާ މިފްކޯ އަށް ޖަމާކޮށްދީފި. މިފްކޯ އިން އެ ޕްރޮސެސް ކުރަމުން އެދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ މި ފައިސާ ޖަމާކުރަން ޖެހޭ ބީއެމްއެލްގެ އެކައުންޓްތަކަށް މިރޭގެ ނިޔަލަށް ފައިސާ ޖަމާވާނެ ކަމަށެވެ. އަދި މާދަމާ އަކީ ސަރުކާރު ބަންދު ދުވަހަކަށް ވުމުން އެހެން ބޭންކުތަކުގެ އެކައުންޓްތަކުގެ މީހުންނަށް ވެސް އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް މި ފައިސާ ޖަމާކޮށް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ވަރަށް ބޮޑަށް ބޭނުންފުޅުވި ރޯދަމަސް ފެށެންވާއިރަށް މަސްވެރިންނަށް ފައިސާ ދޭން. ޥަރަށް ބޮޑަށް އެ ކަމަށް ރައީސް ބާރު އަޅުއްވައިގެން މި ހިސާބަށް މި ދެވުނީ" މިނިސްޓަރު ވިދާޅުވި އެވެ.

މަސްވެރިންގެ ފައިސާ ހަމަޖެއްސުމުގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ކޮށްދެއްވި ބުރަ މަސައްކަތް ޝިޔާމް ވަނީ ފާހަގަކުރައްވައިފަ އެވެ.

މިކަމާ ގުޅިގެން މިފްކޯގެ ސީއީއޯ އަހުމަދު ސަމާހް ރަޝީދު ވިދާޅުވީ މަސްވެރިންނަށް ދޭންޖެހިފައި އޮތް ހުރިހާ ފައިސާއެއް މިރޭ އޮޑިވެރިންނަށް ޖަމާކޮށް ނިމޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ކޮމިޓްމަންޓާ އެއްކޮށް މި ކަން މަސްވެރިންނަށް ކޮށްދެވުމަކީ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަދި ސަރުކާރުގެ ފަރާތުން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ދެއްވި އެއްބާރުލުން ހާއްސަކޮށް ފާހަގަކުރަން،" ސަމާހް ވިދާޅުވި އެވެ.

ރޯދަ މަސް ފެށެންވާއިރަށް މަސްވެރިންނަށް ދޭން ޖެހިފައިވާ ހުރިހާ ފައިސާއެއް ދޭން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވީ މިދިޔަ ހަފުތާގައި ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ދުވާފަރުގައި ބޭއްވި ޖަލްސާގަ އެވެ.

އެ ދުވަހު ރައީސް ވިދާޅުވި ގޮތުގައި، މި ސަރުކާރުން އައި ފަހުން ވަނީ މަސްވެރިންނަށް ދޭން ޖެހޭ 600 އެއްހާ މިލިއަން ރުފިޔާ ދޫކޮށްފަ އެވެ.

މި ސަރުކާރުން ވަނީ މިފްކޯ އަށް މަސް ގަންނަ އަގު މީގެ މަހެއްހާ ދުވަސް ކުރިން 20ރ. އަށް ބަދަލުކޮށްފަ އެވެ.

މަސްވެރިން މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސް ރިޔާސީ ވައުދެކެވެ. އެ އަމާޒު މި އަހަރުގެ މެދު ތެރޭގައި ހާސިލްކުރެވޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.