Roadha Mihaaru
ސީ ލައިފް އައްމަޓީގެ ބަންދަށް 10 ދުވަސް

ސީ ލައިފް އައްމަޓީގެ ބަންދަށް 10 ދުވަސް

24 މާޗް 2021

ހުޅުމާލޭގައި ފްލެޓުތަކެއް އަޅައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ އަތުލުމަށް ފަހު ފްލެޓުގެ މަސައްކަތް ނުނިމުމުން އަނބުރާ ފައިސާ ނުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ސީ ލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ (އައްމަޓީ) 10 ދުވަސް ވަންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ހުޅުމާލޭގައި ފްލެޓުތަކެއް އަޅައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ އަތުލުމަށް ފަހު ފްލެޓުގެ މަސައްކަތް ނުނިމުމުން އަނބުރާ ފައިސާ ނުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ސީ ލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ (އައްމަޓީ) 10 ދުވަސް ވަންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އެ މައްސަލައިގައި ފުލުހުން ހޯދަމުން ދިޔަ އައްމަޓީ ސްރީ ލަންކާއިން ހައްޔަރުކޮށް، އެންމެ ފަހުން ރާއްޖެ ގެނެސް ފުލުހުން ވަނީ ބަންދުގައި ބެހެއްޓުމުގެ ހުއްދަ ހޯދަން ކޯޓަށް ހާޒިރުކޮށްފަ އެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިދޭން އެދުނު ނަމަވެސް ކޯޓުން ދިނީ 10 ދުވަހެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2014 ވަނަ އަހަރު އެޗްޑީސީން އިއުލާންކުރި މަޝްރޫއެއްގައި ސީ ލައިފާ ހަވާލުކުރި ފްލެޓުތަކުގެ ބުކިން ފީ އާއި އެޑްވާންސް ފައިސާ ނެގުމަށް ފަހު، އަނބުރާ ނުދިން މައްސަލައިގައި އަންމަޓީ ހައްޔަރުކުރަން އިންޓަޕޮލް މެދުވެރިކޮށް، އޭޕްރީލް 2019 ގައި ރެޑް ނޯޓިސް ނެރުނު ނަމަވެސް، ލަންކާގެ ފުލުހުންނަށް އޭނާ ހައްޔަރުކުރެވުނީ މިދިޔަ މަހު އެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ސަތޭކަ ބައެއްގެ އަތުން ފައިސާ ނެގި އެވެ. އެކަމަކު އެތަނުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓުމުން ފައިސާ ހޯދަން އުޅުނު ގިނަ ބަޔަކަށް އެ ލިބޭ ގޮތެއް ނުވި އެވެ. އޭނާ ފިލައިގެން ލަންކާގައި އުޅެން ފެށީ އާންމުންގެ ޝަކުވާއާ އެކު ފުލުހުން މައްސަލަ ބަލަން ފެށުމުންނެވެ.

ފްލެޓުތައް ނުނިންމުމުގެ ސަބަބުން، ވަރަށް ގިނަ ބަޔަކަށް ގެއްލުންވި އެވެ. އޭގެ ތެރެއިން 203 މީހަކު ކޯޓުގައި ދައުވާކުރުމުން ސަރުކާރުން މައްސަލައިގެ ތެރެއަށް ވަދެ، ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި އަދި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް ވަނީ ސެޓްލްމަންޓް އެގްރީމެންޓެއް ހަދައި ކޯޓުން ބޭރުގައި މައްސަލަ ނިންމައިފަ އެވެ. ސީލައިފްގެ މައްޗަށް ދައުވާ ކުރި މީހުންނަށް ބަދަލުދޭން ފުރަތަމަ ނިންމީ، ދައުލަތުން ސީލައިފްގެ އެހެން ކުންފުންޏަކަށް ދައްކަން އެއްބަސްވި 12 މިލިއަން ޑޮލަރުންނެވެ. އެއީ އެމްޑީޕީގެ ކުރީގެ ވެރިކަމުގައި 80 ހައުސިން ޔުނިޓް އެޅުމަށް އެ ކުންފުންޏާ ހަވާލުކުރުމަށް ފަހު، އެ އެއްބަސްވުން 2011 ގައި އުވައިލުމުން ސީ ލައިފުން ދައުލަތާ ދެކޮޅަށް ކުރި ދައުވާއަކާ ގުޅިގެން 2018 ގައި ހެދި ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ލިބޭނެ ކަމަށް ބެލި ފައިސާ އެވެ. ނަމަވެސް ދައުލަތުން އެ ބަދަލު ދޭން ނުޖެހޭނެ ކަމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.