Roadha Mihaaru
މާލީ ދާއިރާ އަށް އިސްކަންދެވޭ ވަރު ކުޑަ: ގަވަރުނަރު

މާލީ ދާއިރާ އަށް އިސްކަންދެވޭ ވަރު ކުޑަ: ގަވަރުނަރު

16 ނޮވެމްބަރ 2022

ބައެއް މީހުންނަށް މާލީ ދާއިރާ މުހިންމު ވަނީ ކާރިސާއެއް ބޯމަތިވެ، އެކަމުން ސަލާމަތް ނުވެވޭ ހިސާބަށް ދިއުމުން ކަމަށް ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބައެއް މީހުންނަށް މާލީ ދާއިރާ މުހިންމު ވަނީ ކާރިސާއެއް ބޯމަތިވެ، އެކަމުން ސަލާމަތް ނުވެވޭ ހިސާބަށް ދިއުމުން ކަމަށް ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވެއްޖެ އެވެ.

ޕެންޝަން އޮފީހުން ފެށި "މޯލްޑިވްސް ފައިނޭންސް ފޯރަމް" ގައި މަރުކަޒީ ބޭންކުގެ ގަވަރުނަރު ވިދާޅުވީ، މާލީ ދާއިރާ އަކީ މުހިންމު ބަޔަކަށް ވިޔަސް އެ ދާއިރާ އަށް އިސްކަންދެވޭ ވަރު ކުޑަ ކަމަށެވެ.

އަލީ ހާޝިމް ވިދާޅުވީ، ކޮވިޑްގެ ހާލަތުގައި ވެސް މާލީ ދާއިރާއާ ގުޅޭ މުހިއްމު ފިޔަވަޅުތައް އަޅަން ފެށީ ލޮކްޑައުންގެ ހާލަތަށް ދާން 2-3 ދުވަހަށް ވީ ފަހުން ކަމަށެވެ.

އޭނާ ވިދާޅުވީ، އިގްތިސާދީ ގޮތުން ދަތި ދުވަސްވަރު އަވަސް ފިޔަވަޅުތައް އެޅުން ވަރަށް މުހިއްމު ކަމަށެވެ. ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާއަކީ 2020 ގައި ކުރިމަތިވި ކޮވިޑް ކަމަށާއި އެ ދުވަސްވަރު ވެސް އިގްތިސާދު ހިފަހައްޓާލުމުގައި މާލީ ދާއިރާގެ ދައުރު ވަރަށް ބޮޑު ކަމަށް ވިދާޅުވި އެވެ.

"ކާރިސާ ހާލަތުގައި މާލީ ދާއިރާއަކީ އެންމެ މުހިއްމު އެއް ދާއިރާއެއްގެ ގޮތުގައި ނުބަލާ. މާލީ ދާއިރާ ފެންނަނީ ކާރިސާއިން ސަލާމަތް ނުވެވުނީމާ. މިއީ ރާއްޖޭގައި ފެނުނު މަންޒަރު،" އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވި އެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ބައިވެރިވި އިސް ފަރާތްތަކުން--ފޮޓޯ:ނިޝާން އަލީ/މިހާރު

މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ބައިވެރިވި އިސް ފަރާތްތަކުން--ފޮޓޯ:ނިޝާން އަލީ/މިހާރު

އަލީ ހާޝިމް ވިދާޅުވިގޮތުގައި، ރަނގަޅު އިގްތިސާދެއް ކުރިއަށް ގެންދަން، މާލީ ދާއިރާ ފުޅާވުން ވަރަށް މުހިއްމެވެ. ރާއްޖޭގެ މާލީ ދާއިރާގެ އަގު 24 ބިލިއަން ރުފިޔާ އަށް އަރާކަން ފާހަގަކުރައްވަމުން ގަވަރުނަރު ވިދާޅުވީ، މާލީ ދާއިރާ މިހާރަށް ވުރެ ފުޅާ ކުރުމުން، ފައިނޭންސް ހޯދުމަށް ހޭދަވާ ހަރަދު ނުވަތަ އިންޓްރެސްޓް ރޭޓު ކުޑަކުރަން ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި އެމްއެމްއޭ އިން ތައާރަފު ކުރާ ޕޭމެންޓް ސިސްޓަމު އަންނަ އަހަރު ކުރީކޮޅު ފަށާނެ ކަމަށް އަލީ ހާޝިމް ވިދާޅުވި އެވެ. އެ ސިސްޓަމްގެ ބޭނުންކުރަން ފެށުން އެހާ ބޮޑަށް ލަސްވަނީ އެކަމުގައި ބޭންކްތަކާ ގުޅިގެން ހަދާ ޓެސްޓިން މަރުހަލާތަކުގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.

"ބޭންކްތަކާ އެކު ކުރިއަށް ދާ ޓެސްޓިން މަރުހަަލާ އަށް ފަހު އަންނަ މަހު ނޫނީ އަންނަ އަހަރު ކުރީކޮޅު ޕައިލެޓް ޓެސްޓިން ފެށި ސިސްޓަމުގެ ބޭނުން ކުރެވޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރަން،" އޭނާ ވިދާޅުވި އެވެ.

ޕެންޝަން އޮފީހުގެ ފައިނޭންސް ފޯރަމްގައި މުއައްސަސާތައް ގުޅިގެން އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ފަންޑު ހޯދުމަށް ކުރެވިދާނެ ކަންތައްތައް ދެނެގަތުމާއި އެ ދާއިރާގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކުގެ ތަޖުރިބާ ހިއްސާ ކުރުމަށެވެ. އަދި ދާއިރާ އަށް ކުރިމަތިވާ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ އެވެ. މީގެ 10 އަހަރު ކުރިން ފެށި ފައިނޭންސް ފޯރަމްގެ މި އަހަރުގެ ފޯރަމްގައި ވެސްރާއްޖޭގެ މާލީ ދާއިރާގެ އިސްވެރިން ބައިވެރިވެ އެވެ.