Roadha Mihaaru
އޮލިމްޕަސް ބުކިން އަށް ހުޅުވާލައިފި

އޮލިމްޕަސް ބުކިން އަށް ހުޅުވާލައިފި

16 ޑިސެމްބަރ 2022

އިންޑިއާގެ އެހީގައި މަރާމާތުކޮށް، ޒަމާނީ ފެންވަރަށް ހަދަމުން އަންނަ އޮލިމްޕަސް ސިނަމާ އެޑްވާންސް ބުކިން އަށް ހުޅުވާލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އިންޑިއާގެ އެހީގައި މަރާމާތުކޮށް، ޒަމާނީ ފެންވަރަށް ހަދަމުން އަންނަ އޮލިމްޕަސް ސިނަމާ އެޑްވާންސް ބުކިން އަށް ހުޅުވާލައިފި އެވެ.

ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން 2020 ގައި އޮލިމްޕަސް ސިނަމާ ބަންދުކުރި ގޮތަށް އަދި އެތަން ނުހުޅުވަ އެވެ.

ދިވެހި ފިލްމުތައް އަޅުވަން ރާއްޖޭގައި ހާއްސަ ކޮށްފައިވާ ހަމައެކަނި ސިނަމާ ނުހުޅުވައި ލަސްވާތީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް، އާޓްސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އޮލިމްޕަހުގައި އެކި ހަރަކާތްތައް ބޭއްވުމަށް އެދޭ ފަރާތްތަކަށް މިހާރު އެތަން އެޑްވާންސްކޮށް ބުކް ކުރެވޭނެ ކަމަށެވެ. އޮލިމްޕަހުގައި ހިމެނޭ ޕްރެކްްޓިސް ރޫމްތަކާއި އޮލިމްޕަސް ހޯލް ވެސް ބުކް ކުރެވޭނީ އަންނަ މަހުގެ 15 އިން ފެށިގެންނެވެ.

މިނިސްޓްރީން ބުނި ގޮތުގައި އޮލިމްޕަސް އަލުން ބުކްކުރަން ހުޅުވާލާފައިވާއިރު، ކޮވިޑްގެ ކުރިން ފިލްމު ދެއްކުމަށް އެ ތަން ބުކްކޮށް، އެޑްވާންސް ފައިސާ ދައްކާފައިވާ ފަރާތްތަކަށް އިސްކަންދޭނެ އެވެ.

މިނިސްޓްރީން ވަނީ އޮލިމްޕަސް ހޯލާއި ޕްރެކްޓިސް ރޫމްތައް ކުއްޔަށް ދޫކުރުމުގައި އަމަލުކުރާނެ އުސޫލު ވެސް އާންމުކޮށްފަ އެވެ. އެ މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް ވެސް ކުއްޔަށް ހިފުމަށް ފޯމު ހުށަހެޅޭ އެވެ.

އެތައް ތާރީހުތަކެއް ދިނުމަށް ފަހު، އޮލިމްޕަސް އަލުން ހުޅުވަން ތައްޔާރުވެފައިވާއިރު އޮލިމްޕަސް ބަލަހައްޓަމުން ދަނީ އާޓްސް މިނިސްޓްރީގެ ދަށުން ހިންގާ ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިންނެވެ. އެތަން ނުހުޅުވި ލަސްވީ މަރާމާތުކުރުމަށް ބޭނުންވާ ބައެއް ސާމާނު ގެނައުމުގައި ދިމާވި ދަތިތަކަކާ ހުރެ ކަމަށް ކުރިން އެންސީއޭ އިން ބުނެފައިވެ އެވެެ.

ދިވެހި ސަރުކާރާއި އިންޑިއާގެ ސަރުކާރާ ދެމެދުވެފައިވާ، "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ދަށުން އޮލިމްޕަސް މަރާމާތުކުރަމުން އަންނައިރު އެތަނުން ޒަމާނީ ބޮޑެތި ބަދަލުތަކެއް ފެންނާނެ އެވެ. ފިލްމު ސްކްރީން ކުރުމަށް ޑިޖިޓަލް ސިނަމާ ޕްރޮޖެކްޓަރަކާއި ރިޓްރަކްޓަބަލް ސްކްރީނާއި 7.1 ސައުންޑް އިންސްޓޯލްކުރާނެ އެވެ. އޮލިމްޕަހުގެ ބެކްޔާޑުގައި މިއުޒިޝަނުންނަށް ހާއްސަ ސަރަހައްދެއް ވެސް ހިމެނެ އެވެ.