Roadha Mihaaru
އޮލިމްޕަހުގެ މަސައްކަތް އަންނަ މަހު ނިމޭނެ: ޔުމްނާ

އޮލިމްޕަހުގެ މަސައްކަތް އަންނަ މަހު ނިމޭނެ: ޔުމްނާ

20 ސެޕްޓެމްބަރ 2022

އިންޑިއާގެ އެހީގައި މަރާމާތުކުރަމުން އަންނަ އޮލިމްޕަސް ސިނަމާގެ މަސައްކަތް އަންނަ މަހު ނިމެނޭ ކަކަށް އާޓްސް، ކަލްޗަ މިނިސްޓްރީން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އިންޑިއާގެ އެހީގައި މަރާމާތުކުރަމުން އަންނަ އޮލިމްޕަސް ސިނަމާގެ މަސައްކަތް އަންނަ މަހު ނިމެނޭ ކަކަށް އާޓްސް، ކަލްޗަ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރު އެ ސިނަމާ ބަންދުކުރި ގޮތަށް އެ ތަން އަލުން ނުހުޅުވަ އެވެ. ދިވެހި ފިލްމު އަޅުން ހާއްސަ ކޮށްފައިވާ ހަމައެކަނި ސިނަމާ ނުހުޅުވައި ލަސްވާތީ ދިވެހި ފިލްމީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ޝަކުވާ ބޮޑެވެ.

އެހެންވެ، އެ ތަނުގެ މަސައްކަތް ނިމޭނެ ތާރީހާއި އެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު ލިޔުމުން ހޯދުމަށް މަޑަވެލި ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ފިރުޝާން ހުށަހެޅުއްވި ހުށަހެޅުއްވުމަށް މިނިސްޓަރު ދެއްވި ޖަވާބު ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި އިއްވި އެވެ.

"އޮލިމްޕަސްގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވެނީ އޮކްޓޫބަރު މަހުގެ ނިޔަލަށް،" ޔުމްނާ ލިޔުމުން ފޮނުއްވި ޖަވާބުގައި ވެ އެވެ.

އޮލިމްޕަސްގެ މަސައްކަތްތައް ގޮސްފައިވާ ހިސާބު:

- އޮލިމްޕަހުގައި ހިންގާ ހަރަކާތްތަކާ ގުޅިގެން އެކަން އިޝްތިހާރުކުރުމަށް މައި ގޭޓްގެ މަތީގައި ލެޑް ޕެނަލެއް ހަރުކޮށް، އެ ތަނުގެ ވަށައިގެން ޖަހާ ކްލެޑިންގެ މަސައްކަތް އަންނަނީ ކުރަމުން.

-ޑާންސް ޕްރެކްޓިސް ރޫމްތަކުގައި ރިހި ބިއްލޫރި ޖެހުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ މަސައްކަތް ނިމުމާ އެކު ފްލޯރިންގެ މަސައްކަތް ފަށާނެ.

- އޮލިމްޕަސްގެ ހޯލާއި ރިހާސަލް ހޯލްތަކަށް އެކޯސްޓިކް ޓްރީޓް ކުރާ މެޓީރިއަލް ހޯދުމަށް ހަވާލުކުރި ފަރާތަށް އެމަސައްކަތް ކުރެވެން ނެތް ކަމަށް އެންގުމުން، އެ މަސައްކަތް ސިންގަލް ސޯސް އުސޫލުން ވަނީ އެހެން ފަރާތަކާ ހަވާލުކޮށްފައި. އެ މަސައްކަތް ހަވާލުކުރީ ނޮވެމްބަރު 16 ގެ ކުރިން ނިންމާ ގޮތަށް.

- ފިލްމު ސްކްރީން ކުރުމަށް ޑިޖިޓަލް ސިނަމާ ޕްރޮޖެކްޓަރަކާއި ރިޓްރަކްޓަބަލް ސްކްރީނާއި 7.1 ސައުންޑް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ތިން ފަހަރު އިއުލާންކުރުމުން ވެސް އެއްވެސް ފަރާތަކުން ކުރިމަތިނުލުމުން ސިންގަލް ސޯސްކޮށް ބަޔަކާ ހަވާލުކުރީ އަންނަ މަހުގެ 16 ގެ ކުރިން ނިންމާ ގޮތަށް.

- ސްޓޭޖް ލައިޓާއި ސައުންޑް ކޮންޓްރޯލް ގާއިމުކުރުމަށް ހަދާ ޕްލެޓްފޯމްގެ މަސައްކަތް ހަވާލުކުރި ކުންފުނިން އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުކުރާތީ އެއްބަސްވުން ބާތިލުކޮށް، މި މަހުގެ 17 ގެ ނިޔަލަށް ނިންމުމަށް އެހެން ބަޔަކާ ވަނީ ހަވާލުކޮށްފައި.

- އޮލިމްޕަހަށް ބޭނުންވާ ސައުންޑާއި ލައިޓް ހޯދުމަށް ބަޔަކާ މަޝްވަރާކޮށް، ކޯޓޭޝަން ބިޑް ކޮމިޓީ އަށް ފޮނުވުމުގެ މަރުހަލާގައި.

- އޮލިމްޕަސް ބެކްޔާޑުގައި މިއުޒިޝަނުންނަށް މިއުޒިކް ހަރަކާތްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސްޓޭޖެއްގެ ޑިޒައިން ނިންމައި ބެކްޔާޑުގައި އެހެން މަސައްކަތްތައް އަންނަނީ ކުރަމުން.

އޮލިމްޕަސް ބަލަހައްޓަމުން ދަނީ އާޓްސް މިނިސްޓްރީގެ ދަށުން ހިންގާ ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިންނެވެ. އެ ތަނުން ކުރިން ބުނެފައިވާ ގޮތުގައި އޮލިމްޕަހުގެ މަސައްކަތް ލަސްވީ އެތަން މަރާމާތުކުރުމަށް ބޭނުންވާ ބައެއް ސާމާނު ޗައިނާ އިން ގެނައުން ލަސްވެގެންނެވެ.

އެ ސިނަމާ މަރާމާތުކުރަނީ ދިވެހި ސަރުކާރާއި އިންޑިއާގެ ސަރުކާރާ ދެމެދު ވެފައިވާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" އެއްބަސްވުމުގެ ދަށުންނެވެ.