Roadha Mihaaru
ބަންދު މީހުން ހަތަރު ވަނައަށް އެންމެ ގިނައީ ރާއްޖޭގައި

އާބާދީގެ ނިސްބަތުން ބަންދު މީހުން ހަތަރު ވަނައަށް އެންމެ ގިނައީ ރާއްޖޭގައި

17 ނޮވެމްބަރ 2022

އާބާދީގެ ނިސްބަތުން ދުނިޔޭގައި ހަތަރު ވަނައަށް ބަންދުގައި ތިބި މީހުން އެންމެ ގިނަ ގައުމަކީ ރާއްޖެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އާބާދީގެ ނިސްބަތުން ދުނިޔޭގައި ހަތަރު ވަނައަށް ބަންދުގައި ތިބި މީހުން އެންމެ ގިނަ ގައުމަކީ ރާއްޖެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ ވިދާޅުވެއްޖެ އެވެ.

މި ސަރުކާރަށް ހަތަރު ފުރުމާ ދިމާކޮށް އިސްކަންދަރު ކޮށީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އިމްރާން ވިދާޅުވީ 1500-1700 އަދި ބައެއް ފަހަރު 2،000 އާ ގާތްކުރާ އަދަދަކަށް ކުށްވެރިން ޖަލު ތެރޭގައި ދައުރުކުރާ ކަމަށެވެ.

"ދުނިޔޭގައި ހަތަރު ވަނައަށް ބަންދު މީހުން އެންމެ ގިނަ އެއް ގައުމަކީ ރާއްޖެ. ހަތަރު ވަނައަށް، އާބާދީގެ ނިސްބަތުން،" ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ޕްރިޒަންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު ވެސް ބައިވެރިވެވަޑައިގެންނެވި ޕްރެސްގައި އިމްރާން ވިދާޅުވި އެވެ.

ބަންދު މީހުންގެ ތެރެއިން 65-70 ޕަސެންޓް މީހުންނަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މީހުންނެވެ.

އިމްރާން ވިދާޅުވީ މަސްތުވާތަކެތިން ފުލީ ރިކަވާ ކުރެވެނީ ދުނިޔޭގައި ބަލާ ނިސްބަތުން 35-45 ޕަސެންޓް މީހުން ކަމަށް ވާތީ، ޖަލުގައި ތިބި 65 ޕަސެންޓް މީހުންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން ނޫނީ ރިކަވާ ނުވާނެ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު މި ގެންގުޅޭ ސިސްޓަމްގެ ތެރެއިން އަލުން މުޖުތަަމައުއަށް ނުކުތުމަށް ފުރުސަތެއް ނުދޭ ކަމަށާއި އެހެންވެ، އިމްރާން ވިދާޅުވި ގޮތުގައި، އޭނާ ގަބޫލުކުރައްވަނީ އިންޑަސްޓްރިއަލް ޕްރިޒަންސް ނުވަތަ ހުކުމުގެ މުއްދަތުގައި ވަކި ތަނަކަށް ދޫކޮށްލައިގެން އާމްދަނީ ހޯދައިގެން ނުކުންނަ ބަޔަކަށް ވެއްޖެނަމަ އެ އަދަދަށް ބަދަލު ގެނެވޭނެ ކަމަށެވެ.

އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ހޯމް މިނިސްޓަރު އިމްރާނާއި (މ) ޕޮލިސް ކޮމިޝަނަރު ހަމީދު (ކ) އަދި ޕްރިޒަންސް ކޮމިޝަނަރު އަހުމަދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ހޯމް މިނިސްޓަރު އިމްރާނާއި (މ) ޕޮލިސް ކޮމިޝަނަރު ހަމީދު (ކ) އަދި ޕްރިޒަންސް ކޮމިޝަނަރު އަހުމަދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އިމްރާން ވިދާޅުވީ އެ ކޮންސެޕްޓު ވަނީ ޑިޒައިންކޮށްފައި ކަމަށެވެ. ނަމަވެސް ބަޖެޓުގެ ތާށިކަމާ ހެދި ކުރިއަށް ނުދަނީ ކަމަށާއި އެކަން ކުރެވިއްޖެ ނަމަ 500-600 އާ ދޭތެރޭގެ އަދަދެއްގެ ގައިދީންނަށް ޖަލުގައި ރިހެބިލިިޓޭޝަން ހިންގައި، ހާއްސަކޮށް މަސްތުވާތަކެތީގައި ޖެހިފައިވާ ޒުވާނުން މުޖުތަމައުއަށް ނެރެވޭނެ ކަމަށް ވިދާޅުވި އެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އުމުރު ދޮށިވަމުން ގޮސް މިހާރު އެ ވަބާގައި 60 އަހަރުގެ މީހުން ވެސް އެބަތިއްބެވެ. މިނިސްޓަރު ވިދާޅުވީ، އެ މީހުން ވެސް ދޭތެރެއަކުން ޖަލަށް ގެންދަން ޖެހޭ ކަމަށެވެ.

ޖަލުން ނުކުމެ، މުޖުތަމައުގައި ތިން ދުވަސް ހޭދަކުރާއިރު އަނެއްކާ ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް، އަންނަނީ އިތުރު ހުކުމެކެވެ.

"މި މީހުން ރަނގަޅަށް ރިހެބިލިޓޭޓްކުރެވޭނެ މެކޭނިޒަމެއް ނެތް މިއަދު ޖަލުގެ އިންފްރަސްޓްރަކްޗާ ހުރިގޮތުން، ޖަލުގެ ކަންކަން ރޭވިފައި ހުރިގޮތުން. އެއަށްވުރެ ތަނަވަސް، އެއަށްވުރެ ފަސޭހަ ޖާގައެއް ހަދައިގެން މި މައްސަލައަށް އެޑްރެސް ކުރެވޭނެ ކަމަށް އަޅުގަނޑުމެންނަށް ވަރަށް ގަބޫލުކުރެވޭ،" އިމްރާން ވިދާޅުވި އެވެ.