Roadha Mihaaru
ޓީމް އިވެންޓް ފައިނަލްގައި ޑީއެސްސީ އާއި އީގަލްސް

ލިޓަސް ގައުމީ ބިލިއާޑް މުބާރާތް: ޓީމް އިވެންޓް ފައިނަލުގައި ޑީއެސްސީ އާއި އީގަލްސް ވާދަކުރަނީ

17 ނޮވެމްބަރ 2022

ގައުމީ ބިލިއާޑް ސެންޓަރުގައި މިހާރު ކުރިއަށްދާ "ލިޓަސް ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް 2022" ގައި ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅޭ ޓީމް އިވެންޓްގެ ފައިނަލުގައި ދިވެހި ސިފައިންގެ ކުލަބް (ޑީއެސްސީ) އާއި އެންމެ ފަހުގެ ޗެމްޕިއަން ކްލަބް އީގަލްސް ބައްދަލު ކުރަން ޖެހިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ގައުމީ ބިލިއާޑް ސެންޓަރުގައި މިހާރު ކުރިއަށްދާ "ލިޓަސް ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް 2022" ގައި ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅޭ ޓީމް އިވެންޓްގެ ފައިނަލުގައި ދިވެހި ސިފައިންގެ ކުލަބް (ޑީއެސްސީ) އާއި އެންމެ ފަހުގެ ޗެމްޕިއަން ކްލަބް އީގަލްސް ބައްދަލު ކުރަން ޖެހިއްޖެ އެވެ.

ޑީއެސްސީ ފައިނަލަށް ދަތުރު ކުރީ އެންމެ ފުރަތަމަ ކުޅެވުނު ސެމީ ފައިނަލް ގައި ތިން ގޭމް ކާމިޔާބު ކޮށްގެންނެވެ. ސިންގަލްސް ދެ ގޭމްގެ ތެރެއިން ބިދޭސީ ކުޅުންތެރިން ކުރިމަތިލި ގޭމް 7-3 ފްރޭމުން ޑީއެސްސީގެ ވަލަރިއާނޯ ކާމިޔާބު ކުރި އިރު، ސިންގަލްސް ދެ ވަނަ ގޭމުގައި ހުސެއިން ފަޔާޒް ވަނީ 7-4 ފްރޭމުން ހަސަން ޝާޒް މުހައްމަދު ބަލި ކޮށްފަ އެވެ. އަދި ޑަބަލްސް ކެޓެގަރީގެ އެއް ގޭމުން މޮލުވީ ވެސް 7-4 ފްރޭމުންނެވެ.

މިއާ އެކުމިދިޔަ އަހަރުގެ ޗެމްޕިއަން އީގަލްސް އަށް ޖެހުނީ ސެމީގެ ނޮކައުޓް މެޗުގައި 3-2 ގޭމުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކުރި ކަސްޓަމްސް ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ކުޅޭށެވެ. ސިންގަލްސް ކެޓެގަރީގެ ދެ ގޭމް މާޒިޔާ އިން ފަސޭހަ ކަމާއެކު މޮޅުވި ނަމަވެސް، ޑަބަލްސް ކެޓެގަރީގެ ތިން ގޭމުގައި ވެސް ކަސްޓަމްސް ވަނީ ވާދަވެރި ކުޅުމަކަށް ފަހު ކާމިޔާބު ކޮށްފަ އެވެ.

ކަސްޓަމްސް އަކީ މިދިޔަ އަހަރު ބޭއްވި ފުރަތަމަ ގައުމީ މުބާރާތުގެ ޓީމް އިވެންޓްގެ ރަނަރަޕް އެވެ. މިދިޔަ އަހަރުގެ ފައިނަލެކޭ އެއްގޮތަށް އީގަލްސް ވަނީ މި މެޗު ވެސް ސީދާ ތިން ގޭމުން ކާމިޔާބު ކޮށްފަ އެވެ. ސިންގަލްސް ދެ ގޭމްގައި 7-4 ފްރޭމުން އީގަލްސްގެ މިގުއެލް އާއި ޝާޒް މޮޅުވި އިރު، ސާހިލް އާއި އާފީ ވަނީ 7-5 ފްޜޭމުން ޑަބަލްސް ގޭމް ކާމިޔާބު ކޮށްފަ އެވެ.

ޓީމުތައް ސެމީ އަށް ދަތުރުކުރީ ލީގު ބުރުގެ ކުޅުމަށް ފަހު އެވެ. ޖުމްލަ ފަސް ޓީމު ވާދަކުރި މި އިވެންޓްގެ ގަދަ ހަތަރު ޓީމު ސެމީ އިން ޖާގަ ހޯދި އިރު، ޑީއެސްސީ އާއި އީގަލްސް އަދި ކަސްޓަމްސް ވަނީ ތިން މެޗު ކާމިޔާބުކޮށް، ނުވަ ޕޮއިންޓް ހޯދައިފަ އެވެ. ނަމަވެސް މޮޅުވި ގޭމްގެ ތަފާތުން އެއް ވަނަ ލިބުނީ ޑީއެސްސީ އަށެވެ. އީގަލްސް އަށް ދެވަނަ ލިބުނު އިރު، ކަސްޓަމްސް އަށް ލިބުނީ ތިން ވަނަ އެވެ. އެންމެ މޮޅަކާ އެކު މާޒިޔާ އަށް ލިބުނީ ހަތަރު ވަނަ އެވެ. އައިލެންޑާސް ހޯޕް ސްޕޯޓްސް ކްލަބަށް މެޗެއް ކާމިޔާބު ކުރެވިފައި ނުވެ އެވެ.

ޑީއެސްސީ އާއި އީގަލްސް ކުޅޭ ޓީމް އިވެންޓްގެ ފައިނަލް މެޗް ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ (ހުކުރު ދުވަހުގެ ރޭ) 8 ޖަހާއިރެވެ.

ޓީމް އިވެންޓަކީ ގައުމީ މުބާރާތުގެ އެންމެ ފަހު އިވެންޓެވެ. މި މަހުގެ ތިން ވަނަ ދުވަހު ފެށި ގައުމީ މުބާރާތުގައި ވަނީ އަންހެން ސިންގަލްސް އިވެންޓާއި، ފިރިހެން އެއް ވަނަ އަދި ދެ ވަނަ ޑިވިޝަން ސިންގަލްސް އިވެންޓްގެ އިތުރުން، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓް ކުރިއަށް ގެންގޮސްފަ އެވެ.