Roadha Mihaaru
ވޯލްޑް ކަޕަށް 26 ކުޅުންތެރިން ގެންދަން ހުއްދަ ދީފި

ވޯލްޑް ކަޕަށް 26 ކުޅުންތެރިންގެ ސްކޮޑެއް ގެންދަން ހުއްދަ ދީފި

23 ޖޫން 2022

ނިޔޯން (ޖޫން 23) - މިއަހަރު ފަހުކޮޅު ގަތަރުގައި ބާއްވަން ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕުގައި ވާދަކުރާ ޓީމުތަކުގެ ލިސްޓުގައި 23 ކުޅުންތެރިންގެ ބަދަލުގައި އިތުރު ތިން ކުޅުންތެރިންނާ އެކު ޖުމަލް 26 ކުޅުންތެރިން ހިމެނުމުގެ ފުރުސަތު ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާ އިން ދީފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ނިޔޯން (ޖޫން 23) - މިއަހަރު ފަހުކޮޅު ގަތަރުގައި ބާއްވަން ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕުގައި ވާދަކުރާ ޓީމުތަކުގެ ލިސްޓުގައި 23 ކުޅުންތެރިންގެ ބަދަލުގައި އިތުރު ތިން ކުޅުންތެރިންނާ އެކު ޖުމަލް 26 ކުޅުންތެރިން ހިމެނުމުގެ ފުރުސަތު ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާ އިން ދީފި އެވެ.

މިއީ 26 ކުޅުންތެރިންނާ އެކު ކުޅޭ ފުރަތަމަ ވޯލްޑް ކަޕެވެ. މުބާރާތުގައި ވާދަކުރާ ސްކޮޑުގައި 23 ކުޅުންތެރިން ހިމަނަށް ފެށީ 2002 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުން ފެށިގެންނެވެ. އޭގެ ކުރިން ސްކޮޑުގައި ހިމެނޭނީ 22 ކުޅުންތެރިންނެވެ.

ގަތަރަށް ގެންދާ ސްކޮޑުގައި އިތުރަށް ކުޅުންތެރިން ހިމެނުމުގެ ފުރުސަތުދީ ފީފާއިން މިރޭ ނެރުނު ބަޔާނުގައި ހާމަކޮށްފައިވާ ގޮތުން މުބާރާތަށް ތައްޔާރުވާން ނަގާ ޕްރޮވިޝަނަލް ސްކޮޑުގައި ވެސް ގިނަ ކުޅުންތެރިން ބައިވެރިކުރުމުގެ ފުރުސަތު ވަނީ ދީފަ އެވެ. މީގެ ކުރިން ޕްރޮވިޝަނަލް ސްކޮޑުގައި 35 ކުޅުންތެރިން ހިމެނުމުގެ ފުރުސަތު އޮންނައިރު، މިއަހަރުގެ މުބާރާތަށް 55 ކުޅުންތެރިން ބޭނުން ކުރެވޭނެ އެވެ.

މިއަހަރުގެ ވޯލްޑް ކަޕް ބާއްވަނީ އެހެން އަހަރުތަކާ ހިލާފަށް ފިނި މޫސުމުގަ އެވެ. ފިނިމޫސުމުގައި ކުޅޭ ފުރަތަމަ ވޯލްޑް ކަޕަށް ކްލަބް ފުޓުބޯޅަ ލީގުތައް މެދުކަނޑާލާއިރު، މުބާރާތަށްދާ ސްކޮޑުގައި ހިމެނޭ ކުޅުންތެރިން ނޮވެމްބަރު 13 ގެ ފަހުން މުބާރާތް ނިމެންދެން ކުލަބުތައް ތަމްސީލުކުރުމުގެ ފުރުސަތެއް ވެސް ނޯންނާނެ އެވެ. ވޯލްޑް ކަޕް ކުރިއަށް ދާނީ ނޮވެމްބަރު 21 އިން ޑިސެމްބަރު 18 އަށެވެ.

ފީފާއިން ހާމަކުރާ ގޮތުގައި މި ބަދަލުތައް ގެނެސްފައި ވަނީ މުބާރާތް ބާއްވާ ދުވަސްވަރާއި އަދި ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ޓީމުތަކަށް ކުޅުންތެރިންގެ މައްސަލަ ދިމާވެދާނެތީ އެވެ. މިދިޔަ އަހަރު ބޭއްވި ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ވެސް ކޮވިޑްގެ ސަބަބުން ޓީމުތަކުގެ ސްކޮޑުގައި 26 ކުޅުންތެރިން ހިމެނުމުގެ ފުރުސަތު ދިނެވެ. ނަމަވެސް ކޮންމެ މެޗަކަށް ޓީމަށް ނަގަން ފުރުސަތު ދިނީ އޭގެތެރެއިން 23 ކުޅުންތެރިންނެވެ.

އެހެން ނަމަވެސް ވޯލްޑް ކަޕުގައި ހިމެނޭ 26 ކުޅުންތެރިންގެ ސްކޮޑުން ފުރަތަމަ 11 ގައި ނުހިމެނޭ 15 ކުޅުންތެރިން ކޮންމެ މެޗެއްގައި ވެސް ބެންޗުގައި ތިއްބޭނެ އެވެ. އަދި މިދިޔަ ހަފްތާ އިންޓަނޭޝަނަލް ފުޓުބޯޅަ އެސޯސިއޭޝަން ބޯޑު (އައިއެފްއޭބީ) އިން ވަނީ ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގެ މެޗުތަކުގައި ފަސް ބަދަލު ގެނެވޭ އުސޫލު ދާއިމީ ކޮށްފަ އެވެ.