Roadha Mihaaru
ބެންޒެމާ އަށް ވޯލްޑް ކަޕުގައި ނުކުޅެވޭނެ

ބެންޒެމާ އަށް ވޯލްޑް ކަޕުގައި ނުކުޅެވޭނެ

20 ނޮވެމްބަރ 2022

ވޯލްޑް ކަޕުގެ ތަށި ދިފާއުކުރަން ނުކުންނަ ފްރާންސް ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ފޯވާޑް ކަރީމް ބެންޒެމާ އަށް އަނިޔާގެ ސަބަބުން މުބާރާތް ގެއްލިއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ވޯލްޑް ކަޕުގެ ތަށި ދިފާއުކުރަން ނުކުންނަ ފްރާންސް ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ފޯވާޑް ކަރީމް ބެންޒެމާ އަށް އަނިޔާގެ ސަބަބުން މުބާރާތް ގެއްލިއްޖެ އެވެ.

ބެންޒެމާގެ ވާތު ފައިގެ ފަލަމަސްގަނޑަށް އަނިޔާވީ އިއްޔެ އޮތް ޕްރެކްޓިހުގަ އެވެ. ފްރާންސް ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ އޭނާގެ އަނިޔާ އިން ސަލާމަތްވާން ތިން ހަފުތާ ނަގާނެ ކަމަށެވެ.

ބެންޒެމާ އަކީ އަހުލާގީ މައްސަލައަކާ ގުޅިގެން، 2018 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސް ޓީމުން ބާކީވި ކުޅުންތެރިއެކެވެ. އަނެއްކޮޅުން އުމުރަށް ބަލާއިރު މިއީ އޭނާގެ ފަހު ވޯލްޑް ކަޕެވެ. އެހެންވެ މި ފަހަރު އޭނާ އަށް ފުރުސަތު ނުލިބުމަކީ ބޮޑު މާޔޫސްކަމެކެވެ.

ބެންޒެމާ އަކީ ރެއާލް މެޑްރިޑާ އެކު މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ކާމިޔާބުކޮށް މި އަހަރުގެ ބެލޮންޑިއޯ އެވޯޑް ހޯދި ކުޅުންތެރިޔާ އެވެ. އެކަމަކު އަނިޔާގެ ސަބަބުން މި ސީޒަނުގެ ބައެއް މެޗުތައް ވަނީ ގެއްލިފަ އެވެ.

ބެންޒެމާގެ ބަދަލުގައި ފްރާންސް ސްކޮޑަށް ނަގާނެ ކަމަށް ބެލެވެނީ މެންޗެސްޓާ ޔުނައިޓެޑުގެ އެންތަނީ މާޝިއާލް އެވެ. އެކަމަކު ބެންޒެމާގެ ބަދަލުގައި ފުރަތަމަ އެގާރައިން ފުރުސަތު ދޭނީ އޭސީ މިލާނުގެ އޮލިވިއާ ޖިރޫ އަށެވެ. ޖިރޫ ވަނީ އަނިޔާގެ ސަބަބުން ބެންޒެމާ އަށް ނުކުޅެވުނު ދުވަސްކޮޅު ކީލިއަން އެމްބާޕޭއާ އެކު ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ކްލަބުގައި ވެސް އޭނާ ހުރީ ފޯމުގަ އެވެ.

އަނިޔާގެ ސަބަބުން ފްރާންސްގެ މުހިއްމު ވަރަށް ގިނަ ކުޅުންތެރިންނަށް ވޯލްޑް ކަޕުގައި ނުކުޅެވޭނެ އެވެ. އޭގެ ތެރޭގައި ޑިފެންޑަރު ޕްރެސެނެލް ކިމްޕެމްބޭ އާއި ދެ މިޑްފީލްޑަރުން ކަމަށްވާ އެންގޯލޯ ކާންޓޭ އާއި ޕައުލް ޕޮގްބާ އަދި އުފެއްދުންތެރި އެޓޭކިން ކުޅުންތެރިޔާ ކްރިސްޓަފާ އެންކުންކޫ ހިމެނެ އެވެ.