Roadha Mihaaru
މެކްރޯންގެ ދައުވަތު ބެންޒެމާ ގަބޫލެއް ނުކުރި

މެކްރޯންގެ ދައުވަތު ބެންޒެމާ ގަބޫލެއް ނުކުރި

18 ޑިސެމްބަރ 2022

ޕެރިސް (ޑިސެމްބަރު 18) - ވޯލްޑް ކަޕުގެ ފައިނަލުގައި މިރޭ ފްރާންސާއި އާޖެންޓީނާ ބައްދަލުކުރާ މެޗު ބަލާލަން ދާން ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ އަށް އެ ގައުމުގެ ރައީސް އެމެނުއެލް މެކްރޮން ދެއްވި ދައުވަތު އޭނާ ގަބޫލެއް ނުކުރި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޕެރިސް (ޑިސެމްބަރު 18) - ވޯލްޑް ކަޕުގެ ފައިނަލުގައި މިރޭ ފްރާންސާއި އާޖެންޓީނާ ބައްދަލުކުރާ މެޗު ބަލާލަން ދާން ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ އަށް އެ ގައުމުގެ ރައީސް އެމެނުއެލް މެކްރޮން ދެއްވި ދައުވަތު އޭނާ ގަބޫލެއް ނުކުރި އެވެ.

މި އަހަރު ބެލޮންޑިއޯ އެވޯޑް ހޯދި ބެންޒެމާ އަކީ ފްރާންސްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ. އެކަމަކު އަނިޔާގެ ސަބަބުން މުބާރާތުގައި ކުޅެވޭ ގޮތް ނުވީ އެވެ. ފަހުން އަނިޔާ އިން ރަނގަޅުވެ އޭނާ މިހާރު އަންނަނީ ރެއާލް މެޑްރިޑާ އެކު ފަރިތަކުރަމުންނެވެ.

އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު ގުރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި ފްރާންސްގެ ވާތުބެކް ލޫކަސް ހެނާންޑޭޒް އަށް ވެސް އަނިޔާވެ އޭނާ އަށް މުބާރާތް ވަނީ ގެއްލިފަ އެވެ. އެހެން ނަމަވެސް ލޫކަސް އާއި ބެންޒެމާ އަކީ އަދިވެސް ފްރާންސްގެ 26 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނެވެ.

އަނިޔާގައި ތިބި ކުޅުންތެރިންނާ އެކު ބެންޒެމާ އަށް ވެސް ވަނީ ރައީސް މެކްރޯންއާ އެކު ފައިލަން ބަލަން ދޯހާއަށް ކުރާ ދަތުރުގައި ބައިވެރިވާން ދައުވަތު ދެއްވައިފަ އެވެ. އެކަމަކު އޭނާ އެ ފުރުސަތުގެ ބޭނުމެއް ނުހިފި އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި 1998 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ސްކޮޑުގައި ހިމެނުނު ޒައިނުއްދީން ޒިދާނާއި ލޯރެން ބްލޯންކް އަދި ކުރީގެ ކެޕްޓަން މިޝޭލް ޕްލެޓިނީ ވެސް އެ ދައުވަތު ގަބޫލުނުކުރި އެވެ.

އެހެން ނަމަވެސް އަނިޔާގެ ސަބަބުން މި އަހަރުގެ ވޯލްޑް ކަޕް ސްކޮޑުން ބާކީވި ޕައުލް ޕޮގްބާ އާއި އެންގޯލޯ ކަންޓޭ އާއި ޕްރެސްނެކް ކިމްޕެމްބޭ އަދި ކްރިސްޓޮފާ އެންކޫންކޫ، ރައީސް މެކްރޯން އާއެކު ފައިނަލް މެޗު ބަލަން ގަތަރަށް ދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބެންޒެމާ އޭނާގެ އިންސްޓަގްރާމުގައި ހިއްސާކުރި ފޮޓޯއެއްގެ ކެޕްޝަންގައި ފްރާންސް ބަހުން "އަހަރެން ޝައުގުވެރިކަމެއް ނެތް،" ލިޔެފައި ވެއެވެ. މިއީ ރައީސްގެ ދައުވަތާ ގުޅިގެން އޭނާ ހިއްސާކުރި ލިޔުންކޮޅެއް ކަމަށް ބެލެވެ އެވެ. އެހެން ނަމަވެސް ބެންޒެމާ ހުރީ ފްރާންސް ޓީމާއެކު ކަމަށާއި، ފްރާންސުން ވޯލްޑް ކަޕް ކާމިޔާބު ކުރަން އޭނާ ވެސް ބޭނުންވާކަމަށް ވެ އެވެ.

ފައިނަލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ވެސް އެ މައްސަލައިގައި މާ ގިނަ ވާހަކައެއް ދައްކާކަށް ބޭނުމެއް ނުވި އެވެ.

"އަނިޔާގައި ކުޅުންތެރިން އެބަތިބި، އޭގެތެރެއިން ކުޅުންތެރިއެއް ކަރީމް [ބެންޒެމާ] އަކީ. އަހަރެންގެ ބެލުމުގެ ދަށުގައި މިހާރު ތިބީ 24 ކުޅުންތެރިން،" ފްރާންސަށް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ކޯޗު ބުންޏެވެ.

"ތިޔަ ސުވާލަކީ [ބެންޒެމާގެ އެނބުރި އައުމާ ގުޅޭގޮތުން] މިހާރު ތިބި ކުޅުންތެރިންނަށް ވެވޭ ބޭއިންސާފެއް. އަނިޔާގައި ތިބި ކުޅުންތެރިންނާއި ކުރީގެ ކުޅުންތެރިންނަށް ދޭ ފައިނަލް މެޗުގެ ދައުވަތުތައް ފޮނުވަނީ އަހަރެންނެއް ނޫން. އޭގެ ތެރެއިން ބައެއް ކުޅުންތެރިން ތިބޭނެ، އަނެއްބައި ކުޅުންތެރިން ނުތިބޭނެ."

އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާއި އާޖެންޓީނާ ކުޅޭ ފައިނަލް މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 8 ޖަހާއިރު އެވެ.