Roadha Mihaaru
ބެންޒެމާ އާއެކު ފްރާންސްގެ ޖާޒީގެ ޑިމާންޑް ބޮޑު ވެއްޖެ

ބެންޒެމާ ޓީމަށް ނެގުމުން ފްރާންސްގެ ޖާޒީގެ ސޭލްސް މަތިވެއްޖެ

22 މެއި 2021

ޕެރިސް (22 މެއި) - ހަ އަހަރުގެ މެދުކަނޑުމަކަށް ފަހު ފްރާންސްގެ ގައުމީ ޓީމަށް ކަރީމް ބެންޒެމާ އަލުން ނެގުމުން، ފްރާންސްގެ ޖާޒީގެ ޑިމާންޑް ބޮޑު ވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޕެރިސް (22 މެއި) - ހަ އަހަރުގެ މެދުކަނޑުމަކަށް ފަހު ފްރާންސްގެ ގައުމީ ޓީމަށް ކަރީމް ބެންޒެމާ އަލުން ނެގުމުން، ފްރާންސްގެ ޖާޒީގެ ޑިމާންޑް ބޮޑު ވެއްޖެ އެވެ.

ފުޓްބޯޅައިގެ ސާމާނު ވިއްކާ ސްޓޯރެއް ކަމަށްވާ "ޔުނިސްޕޯޓްސް" ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ފްރާންސްގެ ކޯޗް ޑިޑިއޭ ޑޯޝާމްޕްގެ ސްކޮޑްގައި ބެންޒެމާ ހިމެނާފައިވާކަން އިއުލާން ކުރި ހިސާބުން ފްރާންސްގެ ޖޯޒީގެ ސޭލްސް ވަނީ މަތިވެފަ އެވެ.

އެގޮތުން މިހާރު ފްރާންސްގެ ޖޯޒީގެ ސޭލްސް 2400 އިން ސައްތަ މަތިވެފައިވާ ކަމަށްވާ "ޔުނިސްޕޯޓްްސް"ގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. ޔޫރޯގައި ބެންޒެމާ ބޭނުންކުރާނީ "19" ނަމްބަރު ޖާޒީ އެވެ.

އެންމެ ފަހުން ފްރާންސްގެ ގައުމީ ޓީމަށް ބެންޒެމާ ނެގީ 2015 ވަނަ އަހަރެވެ. އޭނާ އަށް ގައުމީ ޓީމުން ދެން ފުރުސަތު ނެތް ކަމަށް، ކުރިން ބުނި ނަމަވެސް، ޑެޝޯމްޕްސް ވަނީ އެ ނިންމުން ބަދަލު ކޮށްފަ އެވެ.

މި ސީޒަންގައި ބެންޒެމާ ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ލަލީގާގައި ކުޅުނު 32 މެޗުގައި އޭނާ ވަނީ 22 ގޯލް ޖަހައި އިތުރު 8 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށް ދީފަ އެވެ.

ބެންޒެމާ އަށް ފްރާންސްގެ ގައުމީ ޓީމުން ފުރުސަތު ނުދޭން ޑެޝޯމްޕްސް އެންމެ ފުރަތަމަ ނިންމީ 2016 ގަ އެވެ. ބެންޒެމާ އަށް ޓީމުން ފުރުސަތު ނުދޭން ނިންމީ، ފްރާންސްގެ ކުރީގެ މިޑްފީލްޑަރ މެތިއު ވަލްބުއޭނާ ބްލެކްމެއިލް ކުރި މައްސަލައިގައި ބެންޒެމާގެ ބައިވެރިވާ ކަމަށް ތުހުމަތު ކުރެވުމުންނެވެ.

މިދިޔަ އަހަރު ބެންޒެމާގެ މައްޗަށް ދައުވާކޮށް އެ މައްސަލަ ކޯޓަށް ވެސް ފޮނުވި އެވެ. އަދި އޮކްޓޯބަރު މަހު އެ މައްސަލައިގެ ޝަރީއަތް ފަށާނެ އެވެ. ނަމަވެސް އޭނާ އަށް ކުރާ ތުހުމަތުތައް ބެންޒެމާ ދޮގު ކުރެ އެވެ.

މިފަހަރު ޔޫރޯގައި ފްރާންސް ހިމެނުނީ ވަރުގަދަ ގުރޫޕެއްގަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ޕޯޗްގަލް އާއި ޖަރުމަންގެ އިތުރުން ހަންގޭރީ ހިމެނޭ ގުރޫޕް އެފް މަޝްހޫރު ވެފައި ވަނީ، މަރުގެ ގުރޫޕްގެ ގޮތުގަ އެވެ.