Roadha Mihaaru
އެމްޓީޑީސީން ދަރަނީގެ ބޮޑު ބައެއް ދައްކައިފި

އެމްޓީޑީސީން ދަރަނީގެ ބޮޑު ބައެއް ދައްކައިފި

11 ޖެނުއަރީ 2017

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ސަރުކާރަށް ދައްކަން ޖެހޭ ދަރަނީގެ ތެރެއިން ބޮޑު ބައެއް ދައްކާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ސަރުކާރަށް ދައްކަން ޖެހޭ ދަރަނީގެ ތެރެއިން ބޮޑު ބައެއް ދައްކާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ޓޫރިޒަމް ވިޔަފާރިކުރުމަށް ސަރުކާރުން އުފެއްދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޝުޖާއު ވިދާޅުވީ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި އެމްޓީޑީސީން ދައުލަތަށް ދައްކަން ޖެހޭ 38 މިލިއަން ޑޮލަރުގެ ތެރެއިން 19 މިލިއަން ޑޮލަރު މިހާރު ދައްކާފައިވާ ކަމަށެވެ. އެކަމަކު އޮޕަރޭޓްކުރަމުން އަންނަ ރަށްތަކާ ގުޅިގެން ދައްކަން ޖެހޭ ހަތަރު މިލިއަނެއްހާ ޑޮލަރު އަދިވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިބަލަނީ މި އަހަރުގެ ތިންވަނަ ކުއާޓަރު ނިމުމުގެ ކުރިން އެ ފައިސާ ދައްކައި ހަލާސްކުރެވޭނެ ކަމަށް. އަދި އޭގެ އިތުރުން އުލިގަމާއި ނާގޯށްޓާއި އެކުޅިވަރާ ގުޅިގެން ދައްކަން ޖެހޭ ފައިސާ ވެސް އެބަހުރި،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޓީޑީސީން ދައްކަންޖެހޭ ދަރަނިތައް، އޮޕަރޭޓްކުރަމުން އަންނަ ރަށެއް ވިއްކާނުލައި ހަމަޖެއްސޭނެ އެވެ.

އެމްޓީޑީސީން ދަރަނީގެ ބޮޑު ބައެއް ދެއްކިއިރު، ނިޔާމަ މޯލްޑިވްސްގެ ނަމުގައި ދ. އެނބޫދޫފުއްޓާއި އޮޅުވެލީގައި ހިންގާ ރިސޯޓް، އެ ރަށް ހިންގާ އޯ ޕްލަސް އީ ހޮލްޑިން އަށް 23.3 މިލިއަން ޑޮލަރު (359.2 މިލިއަން ރުފިޔާ) އަށް މިދިޔަ އޮގަސްޓް މަހު ވަނީ ވިއްކާލައިފަ އެވެ.

ޝުޖާއު ވިދާޅުވީ އެމްޓީޑީސީން މިހާރު މަސައްކަތް ކުރަނީ ސަރުކާރުން އިއުލާންކޮށްފައިވާ ރަށެއް މާކެޓް އަގުގައި ހޯދަން ކަމަށެވެ. ނަމަވެސް އެ ރަށުގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

"އަޅުގަނޑުމެން މިހާރު މިދަނީ އެއް ރަށް ހޯދައިގެން ޑިވެލޮޕް ކުރަން. އޭގެ އިތުރުން ނާގޯށި ވެސް އަޅުގަނޑުމެން ބައިވެރިވެގެން ތަރައްގީކުރެވޭނެ ގޮތްތަކެއް ހޯދުމަށް މަޝްވަރާ ކުރަމުން އެބަގެންދަން،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނާގޯށީގެ އެއްބަސްވުން އުވާލަން ސަރުކާރުން ނިންމާފައިވީ ނަމަވެސް އެ ރަށާ މެދު ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

"ނާގޯށި ނަގާ ނަމަ އޭގެ ގެއްލުން އެމްޓީޑީސީ އަށް އެންމެ ކުޑަވާ ގޮތަށް އެކަން ހަމަޖެއްސޭތޯ މަސައްކަތް ކުރަމުން މިދަނީ. އެ ރަށުގެ ގާތްގަނޑަކަށް 30 ޕަސެންޓް އޮތީ ނިމިފައި. އެއީ ވަރަށް ބޮޑު އިންވެސްޓްމަންޓެއް،" ޝުޖާއު ވިދާޅުވި އެވެ.

އެމްޓީޑީސީން ސަބްލީސްކޮށްގެން ތަރައްގީކުރާ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އަދި އެންމެ ގިނަ އެނދު ހިމެނޭ ރިސޯޓުގެ ގޮތުގައި ނާގޯށި ތަރައްގީ ކުރުމަށް އެ ކުންފުނިން ހަވާލުކުރީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ތްރީ ކޭ އިންޓަނޭޝަނަލްއާ އެވެ. އެ ރަށް ހިންގުމުގެ އެއްބަސްވުމެއްގައި ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން ކާލްސަންއާ އެކު ތްރީ ކޭއިން 2011 ގައި ސޮއިކުރުމަށް ފަހު، ބުނެފައިވަނީ 2012 ގައި އެ ރިސޯޓް ހުޅުވޭނެ ކަމަށެވެ.

ނާގޯށި މި އަހަރުގެ މެދު ތެރޭގައި ހުޅުވޭނެ ކަމަށް އެމްޓީޑީސީން މިދިޔަ އަހަރުގެ ކުރީކޮޅު ބުނެފައިވެ އެވެ.