Roadha Mihaaru
ނާގޯށި ނުހެދި 14 އަހަރު، އަދިވެސް އިންތިޒާރުގައި!

ނާގޯށި ނުހެދި 14 އަހަރު: ހދ. އަތޮޅު އަދިވެސް އިންތިޒާރުގައި!

21 ފެބުރުއަރީ 2021

ހދ. އަތޮޅަށް ޓޫރިޒަމްގެ އުންމީދެއް އައީ، 2007 ގައި ނާގޯށި ބަޔަކާ ހަވާލުކުރުމާ ހިސާބުންނެވެ. އެއީ އެ އަތޮޅު އުންމީދުކުރި ވަރުގެ ރިސޯޓަކަށް ވާނެ ކަމުގެ ކުލަތައް އޭރު ޖެހުނެވެ. ރަށުގައި ބިންގާ އަޅާލީ 600 އެނދުގެ ރިސޯޓެކެވެ. އެކަމަކު، އޭގެ ފަހުން މިހާރު 14 އަހަރު ވީ އިރު ވެސް، އެ ހުވަފެން އޮތީ، ހުވަފެނެއްގެ ގޮތުގަ އެވެ. ބައެއް މީހުން ސިފަކުރާ ގޮތުގައި ފެންވަރު ރަނގަޅު ބޮޑު ރިސޯޓެއްގެ އުންމީދުތައް މިހާރު ވަނީ ގެއްލިފަ އެވެ. ނާގޯށީގެ މަސައްކަތްތައް ވަރަށް ހަލުއިކޮށް އޭރު ކުރިއަށް ގޮސް، ހެދި ބައެއް ތަންތަން ވެސް މިހާރު ވަނީ ވީރާނާ ވެފަ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހދ. އަތޮޅަށް ޓޫރިޒަމްގެ އުންމީދެއް އައީ، 2007 ގައި ނާގޯށި ބަޔަކާ ހަވާލުކުރުމާ ހިސާބުންނެވެ. އެއީ އެ އަތޮޅު އުންމީދުކުރި ވަރުގެ ރިސޯޓަކަށް ވާނެ ކަމުގެ ކުލަތައް އޭރު ޖެހުނެވެ. ރަށުގައި ބިންގާ އަޅާލީ 600 އެނދުގެ ރިސޯޓެކެވެ. އެކަމަކު، އޭގެ ފަހުން މިހާރު 14 އަހަރު ވީ އިރު ވެސް، އެ ހުވަފެން އޮތީ، ހުވަފެނެއްގެ ގޮތުގަ އެވެ. ބައެއް މީހުން ސިފަކުރާ ގޮތުގައި ފެންވަރު ރަނގަޅު ބޮޑު ރިސޯޓެއްގެ އުންމީދުތައް މިހާރު ވަނީ ގެއްލިފަ އެވެ. ނާގޯށީގެ މަސައްކަތްތައް ވަރަށް ހަލުއިކޮށް އޭރު ކުރިއަށް ގޮސް، ހެދި ބައެއް ތަންތަން ވެސް މިހާރު ވަނީ ވީރާނާ ވެފަ އެވެ.

ނާގޯށި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ރަޝިޔާގެ ކުންފުންޏެއް ކަމަށްވާ ތްރީކޭ އާ އެންމެ ފުރަތަމަ ހަވާލުކުރީ 2007ގަ އެވެ. އެ ރަށުގައި 600 އެނދުގެ ރިސޯޓެއް ތަރައްގީކުރަން އެމްޓީޑީސީން މަސައްކަތް ކުރި ނަމަވެސް ދައްކަން ޖެހޭ ކުލި ގަވައިދުން ނުދެއްކުމުގެ ސަބަބުން، ނުވަ އަހަރު ފަހުން، 2016 ގައި އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން ބާތިލް ކުރި އެވެ. އޭރު އެ ރިސޯޓްގެ 37 ޕަސެންޓް މަސައްކަތް އޮތީ ނިންމައިފަ އެވެ. އަދި ރަށުގައި ހަދާ ގިނަ ވިލާތަކާއި ރެސްޓޯރެންޓްތަކާއި އެހެނިހެން އިމާރާތްތަކުގެ ކޮންސްޓްރަކްޝަންގެ ގިނަ މަސައްކަތްތައް ހުރީ ގާތްގަނޑަކަށް ނިމިފަ އެވެ.

ނާގޯށީގައި ތްރީކޭއިން ހަދާފައިވާ ބައެއް އިމާރާތް--

ނާގޯށީގައި ތްރީކޭއިން ހަދާފައިވާ ބައެއް އިމާރާތް--

އަމާޒަކީ މި އަހަރު ނާގޯށީގެ މަސައްކަތް އަލުން ފެށުން

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ނާގޯށީގެ ޕްރޮޖެކްޓް ފަށަން ވަނީ މަސައްކަތްތަކެއް ކޮށްފަ އެވެ. އޭރު އެ ރަށް ސަރުކާރަށް ނެގުމަށް ފަހު، އެމްއައިޓީޑީސީ އާ ހަވާލު ކުރުމަށްފަހު އަނެއްކާ ވެސް އެމްޓީޑީސީއާ ހަވާލު ކުރި އެވެ. ކުރީ ސަރުކާރު ނިމުނު އިރު، އެ ރަށް ހަދާނެ ބަޔަކު ހޯދަން މަސައްކަތް ކުރިޔަސް އެކަން ނިމުމަކާ ހަމައަކަށް ނުދެ އެވެ. އޭގެ ފަހުން، މި ސަރުކާރުން ވެސް، ކެމްްޕޭންގެ ތެރޭގައި ނާގޯށި ހުޅުވުމުގެ ވާހަކަތައް ދެއްކި އެވެ. އަދި، ނާގޯށި އާ އެކު ހދ. އަތޮޅަށް ޓޫރިޒަމްގެ އުފާ ލިބިގެން ދާނެ ކަމަށް މި ސަރުކާރުގެ އިސް ވެރިން އޭރު ވިދާޅުވެފައި ވެ އެވެ.

އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވި ގޮތުގައި ނާގޯށި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ސައުދީ އާއި ޗައިނާ އާއި ދުބާއީގެ ކުންފުންޏަކުން މިހާތަނަށް ޝައުގުވެރިކަން ވަނީ ފާޅުކޮށްފަ އެވެ. އަދި މަސައްކަތް ކުރަނީ މި އަހަރު ނިމުމުގެ ކުރިން ބަޔަކާ ހަވާލުކޮށް އެތަން ތަރައްގީ ކުރަން ފެށޭތޯ ކަމަށް އޭނާ ވިދާޅުވި އެވެ.

ތަޒްމީލު ވިދާޅުވީ، އެ ރަށް ތަރައްގީ ކުރުމަކީ މި ސަރުކާރުން ހދ. އަތޮޅުގެ ރައްޔިތުންނަށް ވެފައިވާ ވައުދެއް ކަމަށް ވާތީ، އެ ރަށް ތަރައްގީކުރަން ހަވާލުކުރަން ބޭނުންވަނީ ކަނޑައަޅާ މުއްދަތަށް މަސައްކަތް ނިންމާނެ ބަޔަކާ ކަމަށެވެ. އޭނާ ވިދާޅުވީ، ކުރިން އެ ރަށުގައި ރިސޯޓެއް ހެދުމުގެ މަސައްކަތް ކުރި ތްރީކޭއިން އެ ކުންފުންޏަށް ދޭން ޖެހޭ 7.8 މިލިއަން ޑޮލަރު އަދިވެސް ދީފައި ނުވާ ކަމަށެވެ. އެހެންވެ އެ ފައިސާ ނުދެވި އޮތް ބަޔަކަށް ރަށް ތަރައްގީކުރަން ދީގެން އެކަން ކުރެވިދާނެ ކަމަށް އެ ކުންފުނީގެ ބޯޑަށް ނުފެންނަ ކަމަށް ތަޒްމީލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި، ތްރީކޭ އިން ވަނީ އެ ރިސޯޓް ހެދުމުގެ ޝައުގުވެރިކަން ލިޔުމުން ފާޅުކޮށް، އެމްޓީޑީސީ އަށް ހުށަހަޅައިފަ އެވެ. އޭގައި ބުނެފައިވާ ގޮތުން، އެ ރިސޯޓްގެ ބޮޑު ބައެއް ނިންމާފައި ވަނީ އެ ކުންފުނިން ކަމަށް ވާތީ، މުޅި ރަށް އެއްކޮށް ނިންމުމުގެ ޝައުގުވެރިކަން އެ ކުންފުނީގެ އެބައޮތެވެ.

ތްރީކޭގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ނާގޯށި އެ ކުންފުނީގެ އަތުން އޭރު އަތުލީ، އެމްޓީޑީސީ އަށް ދައްކަން ޖެހޭ ކުލި ގަވައިދުން ނުދެއްކުމުންނެވެ. އެކަމަކު އޭރު އެގޮތަށް އެކަން ދިމާވީ، އޭރު މުޅި ދުނިޔެއަށް ކުރިމަތިވި ފައިނޭންޝަލް ކްރައިސިސްގެ ތެރޭގައި އެ ކުންފުންޏަށް ވެސް ދިމާވި މާލީ ދަތިތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ތްރީކޭ އަށް އެ ރަށް ހެދުމަށް އަށް އަހަރު ދިނެވެ. ތްރީކޭއިން ބުނާ ގޮތުގައި ރަށް އަތުލި އިރު އެ ރަށަށް އޭރު 40 މިލިއަން ޑޮލަރު ވަނީ ހޭދަކޮށްފަ އެވެ. އަދި ރަށް އަތުލުމާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ވެސް ސަރުކާރާ އެކު މަޝްވަރާ ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ، ނާގޯށި އަނބުރާ އެ ކުންފުންޏަށް ދިނުމަށްޓަކައި ވަރަށް ފުޅާ ދާއިރާއެއްގައި ސަރުކާރުން މަޝްވަރާ ކުރި ކަމަށެވެ. އެކަމަކު ސަރުކާރުން އޭރު ބޭނުންވީ އެއްފަހަރާ ވަރަށް ގިނަ އަދަދެއްގެ ފައިސާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާގޯށީގައި ތްރީކޭއިން ހަދާފައިވާ ބައެއް އިމާރާތް--

ނާގޯށީގައި ތްރީކޭއިން ހަދާފައިވާ ބައެއް އިމާރާތް--

"އޭރު ކުރި މަޝްވަރާތަކުގައި 16 މިލިއަން ޑޮލަރު ދޭން ސަރުކާރުން ޑިމާންޑްކުރި. އެގޮތަށް ވެސް އަޅުގަނޑުމެން އެއްބަސް. އެކަމަކު އަޅުގަނޑުމެން ބުނިން އެއް ފަހަރާއެއް އެގޮތަށް ފައިސާ ނުދެވޭނެ ވާހަކަ،" އޭނާ ވިދާޅުވި އެވެ.

މިގޮތަށް މަޝްވަރާތައް ދުބާއީގައި ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި ތްރީކޭ އަށް އެ ޕްރޮޖެކްޓް ދޭނެ ކަމުގެ ޔަގީން ކަން ވެސް ދިނެވެ. އެހެން ނަމަވެސް އެގްރީމެންޓަކާ ހަމައަކަށް އާދެވިފައެއް ނުވެ އެވެ.

ނާގޯށީގައި ތްރީކޭއިން ހަދާފައިވާ ބައެއް އިމާރާތް--

ނާގޯށީގައި ތްރީކޭއިން ހަދާފައިވާ ބައެއް އިމާރާތް--

ވެރިކަން ބަދަލުވުމަށް ފަހު ވެސް ނާގޯށި ހޯދަން ތްރީކޭއިން މަސައްކަތް ކުރި

ވެރިކަން ބަދަލުވުމަށް ފަހު 2019 ވަނަ އަހަރު ތްރީކޭގެ އިސް ވެރިންނާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއާ އެކު މަޝްވަރާތައް ކުރިއަށް ގެންދިޔަ އެވެ. އަދި އެއަށްފަހު ނާގޯށި ތަރައްގީ ކުރާނެ ގޮތާއި ފައިނޭންސް ހޯދާނެ ގޮތުގެ ތަފްސީލުތައް ވެސް އިކޮނޮމިކް މިނިސްޓްރީއާ ހިއްސާކުރި އެވެ.

ތްރީކޭގެ އޮފިޝަލް ވިދާޅުވީ، އެ ރަށް ސަރުކާރުގައި އޮތް އިރު އެ މަޝްވަރާތަކަށް ފަހު ސަރުކާރާއި އެ ކުންފުންޏާ ދެމެދު ވަރަށް އަވަހަށް އެއްބަސްވުމަކާ ހަމައަށް އަންނާނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެންމެ ފަހު އެމްޓީޑީސީއާ ރަށް ހަވާލުކުރި އެވެ. އަދި އެމްޓީޑީސީގެ ބޯޑުން ބޭނުންވީ އެހެން ބަޔަކަށް ދީގެން އެ ރަށް ތަރައްގީ ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

ނާގޯށީގައި ތްރީކޭއިން ހަދާފައިވާ ބައެއް އިމާރާތް--

ނާގޯށީގައި ތްރީކޭއިން ހަދާފައިވާ ބައެއް އިމާރާތް--

ތަޒްމީލް ވިދާޅުވީ ތްރީކޭއާ ހަވާލުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރި ނަމަވެސް އެ ކުންފުނީގެ ބޯޑުން ނިންމީ އެ މަޝްރޫއު އެހެން ގޮތަކަށް ކުރިއަށް ގެންދިއުމަށެވެ.

"އަށް އަހަރުވީ އިރު ވެސް ތްރީކޭ އަކަށް ރަށް ނުނިންމުނު. އެހެންވީމަ ދެން ވެސް އެ މީހުންނާ ހަވާލުކޮށްގެން ހެދޭނެ ކަމުގެ ޔަގީން ކަމެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ނާގޯށީގެ މައްސަލަ އޮތީ، ހަގީގަތުގައި ނާޒުކު ފައްތަރެއްގަ އެވެ. އެއްކޮޅުން އެ ރަށުގައި ކުރިން މަސައްކަތް ކުރި ރަޝިޔާގެ ކުންފުނި އޮތީ ދޫދޭ ގޮތަކަށް ނޫނެވެ. މިކަން އެނގޭ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެހެން ކުންފުންޏަކަށް އެ ރަށް ދީފި ނަމަ ތްރީކޭ އިން ރަށުގެ މައްސަލައިގެ ތެރެއަށް ގާނޫނުގެ ތެރެއިން ވަދެގަންނާނެ އެވެ. އެހެން ވެއްޖެ ނަމަ، ސަރުކާރަށް ބަދަލުގެ ގޮތުގައި ބޮޑު އަދަދެއް ދޭން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

"ކޮންމެ ސަރުކާރެއް ވެސް އައިސް ފައިބައިގެން އެބަދޭ. އެކަމަކު ނާގޯށި އޮތީ އޮތް ގޮތަށް ހުވަފެނެއްހެން. ބަދަލު ކުރަންވީ މަންޒަރަކީ އެއީ،" މި މައްސަލައިގެ ތަފްސީލު އެނގިވަޑައިގަންނަވާ ބޭފުޅަކު، ނަން ނުޖެހުމަށް އެދިވަޑައިގެން ވިދާޅުވި އެވެ.

"ނާގޯށީގެ މައްސަލައިގައި މިހާރު ސަރުކާރުގެ އެންމެ މައްޗާ ހަމައަށް ދެވިއްޖެ. އެ ރަށް ކޮންމެ ބަޔަކާ ހަވާލުކޮށްގެން ވިޔަސް އެ ސަރަހައްދުގެ ރައްޔިތުން ބޭނުންވަނީ ރިސޯޓް ހުޅުވެން. ހަމައެކަނި ވަައުދަކަށް އޮތް ކަމެއްގެ ގޮތުގައެއް ނޫން އެކަން އޮންނަންވީ."