Roadha Mihaaru
އަމީނީ މަގުގައި ތާރު އެޅި ސަރަހައްދު ހުޅުވާލައިފި

އަމީނީ މަގުގައި ތާރު އެޅި ސަރަހައްދު ހުޅުވާލައިފި

06 މާޗް 2023

އަމީނީ މަގުގައި އެމްޓީސީސީން ތާރު އަޅާފައިވާ ސަރަހައްދުން މިއަދުން ފެށިގެން އާންމުކޮށް ހުޅުވާލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އަމީނީ މަގުގައި އެމްޓީސީސީން ތާރު އަޅާފައިވާ ސަރަހައްދުން މިއަދުން ފެށިގެން އާންމުކޮށް ހުޅުވާލައިފި އެވެ.

އެ މަގުގައި މިހާރު ތާރު އަޅާފައިވަނީ އަމީނީ މަގުން ބްރިޖު ފެށޭ ހިސާބުން ސްޓެލްކޯގެ އިމާރާތާ ހަމައަށެވެ. ނަމަވެސް ސަރުކާރުން މަސައްކަތް ކުރަނީ ކުރިއަށް އޮތް ރޯދަމަސް ފެށުމުގެ ކުރިން އިމާދުއްދީން ސްކޫލާ ހަމައަށް ތާރު އެޅުމަށެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަސް ފެށޭނީ މި މަހުގެ 23 އިގަ އެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނީ، ތާރު އެޅި ސަރަހައްދު އާންމުކޮށް ހުޅުވައިލި ނަމަވެސް ފިނިޝިންގެ ބައެއް ކަންކަމާއި ސްޓޯމް ވޯޓާ ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް ކުރާތީ މޫނިމާ ހިނގުން ބަންދު ކޮށްފައިވާ ކަމަށެވެ.

ތާރު އެޅި ސަރަހައްދުގައި މިހާރު ވަނީ ޓްރެފިކް ލައިންތައް ކުރަހައިފަ އެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް، ތާރު އެޅުމުގެ މަސައްކަތް ފުރަތަމަ ހަވާލުކުރީ ސިޓީ ކައުންސިލާ އެވެ. ނަމަވެސް، އެ މަސައްކަތް ފަހުން އެމްއާރުޑީސީއާ ހަވާލުކުރިޔަސް، ތާރު އެޅުން ލަސްވުމުން މިދިޔަ މަހުގެ ތެރޭގައި އެކަން އެމްޓީސީސީއާ ހަވާލުކުރި އެވެ. އެކަމަކު، އެމްޓީސީސީއާ ހަވާލުކުރީ ހަމައެކަނި ދަރުބާރުގެއާ ހިސާބުން ފެށިގެން ސްޓެލްކޯއާ އިމާރާތާ ހަމައަށް ތާރު އެޅުމަށެވެ.

މީގެ ދެ ހަފުތާ ކުރިން އަމީނީ މަގުގެ އެއްބައިގައި ތާރު އަޅައި ނިންމިއަސް، އެ މަގު ނުހުޅުވައި ދިގު ލައިގެން ދާތީ އާއްމުންގެ ޝަކުވާ ބޮޑެވެ. މަގު ހެދުމަށް ކަމަށް ބުނެ މިދިޔަ އަހަރުގެ މެދު ތެރެއިން ފެށިގެން ވަނީ އަމީނީ މަގުގެ އެއްބައި ބަންދުކޮށްފަ އެވެ.

މިދިޔަ އަހަރު ޖުލައި މަހު އެ މަސައްކަތް ހަވާލުކުރީ 10 މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ނުނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން މި ފަހުން ވަނީ ބުނެފަ އެވެ. ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އެންމެ ފަހުން ވިދާޅުވެފައިވާ ގޮތުން ނަމަ އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް އެއްކޮށް ނިންމައިލެވޭނީ މި އަހަރުގެ މޭ އަށެވެ.