Roadha Mihaaru
ކަނޑައެޅި ތާރީހަށް އަމީނީމަގުގެ މަސައްކަތް ނުނިމޭނެ

ކަނޑައެޅި ތާރީހަށް އަމީނީ މަގު ނުނިމޭނެ، އާ ތާރީހެއް ދީފި

08 ފެބުރުއަރީ 2023

ތާރު އަޅައިގެން އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ކަނޑައެޅި ތާރީހަށް ނުނިމޭނެތީ އާ ތާރީހެއް މިއަދު ޕްލޭނިން މިނިސްޓްރީން ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ތާރު އަޅައިގެން އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ކަނޑައެޅި ތާރީހަށް ނުނިމޭނެތީ އާ ތާރީހެއް މިއަދު ޕްލޭނިން މިނިސްޓްރީން ދީފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، އެ މަސައްކަތް ނިމޭނެ ކަމަށް މިހާރު ލަފާކުރެވެނީ އަންނަ ސެޕްޓެމްބަރު މަހު 27 ގައި ކަމަށެވެ.

އަމީނީ މަގުގައި ތާރުއެޅުމަށް ޕްލޭނިން މިނިސްޓްރީން އާރްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރު ޖުލައި ތިނެއްގަ އެވެ. އޭރު އެ މަސައްކަތް ހަވާލުކުރީ 10 މަސް (210 ދުވަސް) ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ މެއި މަހަށެވެ.

އެ މަޝްރޫއު ނިމޭނެ ތާރީހާ ގުޅޭ ގޮތުން، ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު ހަސަން ލަތީފް ސުވާލު ކުރެއްވުމުން އަސްލަމް ވިދާޅުވިގޮތުގައި، މަސައްކަތް ލަސްވަމުން ދަނީ އެކި ކަހަލަ ދަތިތައް ހުރުމުންނެވެ. އެންމެ ބޮޑު ގޮންޖެހުމަކަށް ކުރިމަތިވީ އެމްޑަބްލިއުއެސްސީ އަށް ބޭނުންވާ ހޮޅިތައް ސަޕްލައިކުރުން ލަސްވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ދަތިތަކަށް ކޮންސިޑާ ކޮށްފައި އަޅުގަނޑުމެން މިހާރު ވާނެ ރިވައިޒްޑް ކޮމްޕްލީޝަން ޑޭޓެއް ކަނޑައަޅާފައި. އެއީ 27 ސެޕްޓެމްބަރު،" އޭނާ ވިދާޅުވި އެވެ.

އަމީނީ މަގުގެ މަސައްކަތް ލަސްވާތީ އާންމުންގެ ފާޑުކިޔުން ސަރުކާރަށް ވަރަށް ބޮޑަށް އާމަޒުވެފައިވެ އެވެ. އަދި އެ މަގުގައި ޕޭވިންގެ މަސައްކަތް މިހާރު ނިމިފައި އޮތް ސަރަހައްދުގައި ތާރު ނާޅާ އޮތުމުން އުނދަގޫވާތީ އެ ހިސާބުގައި ދިރިއުޅޭ މީހުން އެކަމުގެ ޝަކުވާ ވެސް ކުރެ އެވެ.

އާރްޑީސީން މިދިޔަ މަހު ބުނީ، އަމީނީ މަގުގައި ތާރު އަޅަން ބޭނުންވާ ސާމާނު މާލެ ގެނެސްފައިވާ ކަމަށާއި އަންނަ މަހު އެ މަސައްކަތް ފަށަން އޮތީ ތައްޔާރަށް ކަމަށެވެ.

ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކުރާ އެ މަޝްރޫއުގެ ދަށުން އަމީނީ މަގުގައި 1.7 ކިލޯމީޓަރުގެ ތާރު އަޅައި، ފެން ހިންދާ ނިޒާމެއް ވެސް ހަދާނެ އެވެ.