Roadha Mihaaru
ސްޕެއިންގެ ފޯވާޑުންގެ ފެންވަރާމެދު ސުވާލުތަކެއް

ސްޕެއިންގެ ފޯވާޑުންގެ ފެންވަރާ މެދު ސުވާލު އުފެދިފައި

23 ނޮވެމްބަރ 2022

ދޯހާ (ނޮވެމްބަރު 23) - ވޯލްޑް ކަޕަށް ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ގެންދިޔަ ފޯވާޑުން ކްލަބް ލެވަލްގައި ދައްކަމުންދާ ކުޅުމާ މެދު އޮތީ ސުވާލު އުފެދިފަ އެވެ.

ދޯހާ (ނޮވެމްބަރު 23) - ވޯލްޑް ކަޕަށް ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ގެންދިޔަ ފޯވާޑުން ކްލަބް ލެވަލްގައި ދައްކަމުންދާ ކުޅުމާ މެދު އޮތީ ސުވާލު އުފެދިފަ އެވެ.

ސްޕެއިންގެ ފޯވާޑުންގެ ގޮތުގައި ހިމެނޭ ކުޅުންތެރިން ކަމަށްވާ އަލްވާރޯ މޮރާޓާ އާއި މާކޯ އެސެންސިއޯ އާއި ވިލިއަމް ސަރާބިއާ އަދި ފެރާން ޓޯރޭޒް އަށް ކްލަބް ލެވަލްގައި އެކަށީގެންވާ ކުޅުމެއް ދައްކާކަށް ފުރުސަތެއް ނުލިބެ އެވެ.

އެތުލެޓިކޯ މެޑްރިޑްގައި ކުޅުނު 19 މެޗުގައި މޮރާޓާ އަށް މި ސީޒަންގައި ޖެހިފައި ވަނީ ފަސް ލަނޑެވެ. ރެއާލް މެޑްރިޑްގައި އެސެންސިއޯ ބޭނުން ކުރަނީ ބެކަޕް ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

ސަރާބިއާ އަށް ޕީއެސްޖީގައި އެކަށީގެންވާ ފުރުސަތެއް ނުލިބެ އެވެ. ބާސެލޯނާގައި ފެރާން ޓޯރޭޒް އަށް ލިބޭ ފުރުސަތުތައް މަދެވެ. ދެން އެ ޓީމުގައި ހިމެނޭ ފޯވާޑުންނަކީ ބާސާގެ އަންސޫ ފާޓީ އާއި ރެޑްބުލް ލައިޕްޒިގްގެ ޑެނީ އޮލްމޯ އާއި އެތުލެޓިކް ބިލްބާއޯގެ ނިކޯ ވިލިއަމްސް އެވެ.

ކްލަބް ލެވަލްގައި އެކަށީގެންވާ ކުޅުމެއް ނުދެއްކުނަސް އެ ކުޅުންތެރިންގެ ދިފާއު ކޮށް އެންރީކޭ ވަނީ ވާހަކަ ދައްކައިފަ އެވެ.

"ޓެކްޓިކަލް ނިންމުމަކާ މެދު އަހަންނަށް އެއް ވެސް ސުވާލެއް ނެތް. އަހަންނަށް ސުވާލު އޮތީ އެ ކުޅުންތެރިން ދައްކާ މަތީ ފެންވަރުގެ ކުޅުމާ މެދު،" މިރޭ ކޮސްޓަރިކާ އާ ދެކޮޅަށް ކުޅުމުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ކުޅުންތެރިންގެ ދިފާއުގައި އެންރީކޭ ވާހަކަ ދެއްކި އެވެ.

"ޕްރެކްޓިހުގައި ވެސް އެ ކުޅުންތެރިންގެ މަސައްކަތް އާދަޔާ ހިލާފު. މާނައަކީ އަހަރެމެންގެ މެޗު ވަރަށް ވަރުގަދަ ވާނެ. އަހަރެން ކުޅުންތެރިން އިހުތިޔާރު ކުރަނީ އެ ކުޅުންތެރިންނާ މެދު އަހަންނަށް ފެންނަ ގޮތް ރަނގަޅު ވީމަ. މި މެޗަށް އަހަރެން ކުޅުންތެރިން ނަގާނީ އިދިކޮޅަށް ނުކުންނަ ޓީމުގެ ފެންވަރަށް ބެލުމަށް ފަހު."

ކްލަބް ލެވަލްގައި އެކަށީގެންވާ ކުޅުމެއް ނުދެއްކުނަސް އެންރީކޭ އާއެކު ގައުމީ ޓީމުގައި މޮރާޓާ އާއި އެސެންސިއޯ އަދި ފެރާން ޓޯރޭޒް ވެސް ވަނީ ގައުމީ ޓީމުގައި ދިން ފުރުސަތުތަކުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

މިރޭ ކޮސްޓަރިކާ އާއި ސްޕެއިން ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން 9 ޖަހާއިރު އެވެ.