Roadha Mihaaru
1،000 ޕެނަލްޓީގެ ނާކާމިޔާބާއެކު އެންރީކޭ ވަކިކޮށްފި

1،000 ޕެނަލްޓީގެ ޕްލޭން ނާކާމިޔާބު ވުމުން ސްޕެއިންގެ ކޯޗުކަމުން އެންރީކޭ ވަކިކޮށްފި

08 ޑިސެމްބަރ 2022

މެޑްރިޑް (ޑިސެމްބަރު 8) - ވޯލްޑް ކަޕްގައި ސްޕެއިން އަށް ދިމާވި ނާކާމިޔާބީއާ ގުޅިގެން އެ ޓީމުގެ ކޯޗުގެ މަގާމުން ލުއިސް އެންރީކޭ ދުރުކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެޑްރިޑް (ޑިސެމްބަރު 8) - ވޯލްޑް ކަޕްގައި ސްޕެއިން އަށް ދިމާވި ނާކާމިޔާބީއާ ގުޅިގެން އެ ޓީމުގެ ކޯޗުގެ މަގާމުން ލުއިސް އެންރީކޭ ދުރުކޮށްފި އެވެ.

އެންރީކޭ އާއި އޭނާގެ ކޯޗިން ޓީމު މަގާމުން ދުރުކުރި ކަން ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ މިއަދު ހާމަކޮށްފަ އެވެ.

"ލުއިސް އެންރީކޭ އާއި އޭނާގެ މުޅި ކޯޗިން ޓީމުން ގައުމީ ޓީމާ އެކު ހޭދަކުރި މުއްދަތުގައި ކޮށްދިން ހިދުމަތަށް އާރުއެފްއީއެފް (ރޯޔަލް ސްޕެނިޝް ފުޓުބޯޅަ ފެޑެރޭޝަން) އިން ޝުކުރު އަދާކުރަން،" ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ވެ އެވެ.

"އެންރީކޭ އާއި އޭނާގެ ޓީމަށް ކުރިމަގުގައި ޕްރޮފެޝަނަލް މަސައްކަތްތަކުގައި ކާމިޔާބަށް އެދެން. އެއީ ގައުމީ ޓީމުގައި އޭނާއާ ގުޅިގެން މަސައްކަތްކުރާ ފަރާތްތަކުގެ ލޯތްބާއި ތައުރީފު ލިބިފައިވާ ފަރާތެއް. މިއީ އަބަދުވެސް އޭނާގެ ގެއަށް ވާނެ."

އެންރީކޭ މަގާމުން ދުރުކުރުމާ އެކު، ސްޕެއިންގެ ކޯޗުގެ މަގާމަށް ވަނީ އެ ގައުމުގެ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗު ލުއިސް ޑި ލަ ފުއެންޓޭ ހަމަޖައްސައިފަ އެވެ.

ސްޕެއިން ގައުމީ ޓީމުގެ އާ ކޯޗު ލުއިސް ޑި ލަ ފުއެންޓޭ.-- ފޮޓޯ: އޭއެފްޕީ

ސްޕެއިން ގައުމީ ޓީމުގެ އާ ކޯޗު ލުއިސް ޑި ލަ ފުއެންޓޭ.-- ފޮޓޯ: އޭއެފްޕީ

މި ފަހަރުގެ ވޯލްޑް ކަޕުން ސްޕެއިން ކެޓީ ގަދަ 16 ޓީމު ވާދަކުރި ބުރުގައި މޮރޮކޯއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން 3-0 އިން ބަލިވުމުންނެވެ.

އެ މެޗުގެ ކުރިން ސްޕެއިންގެ ކޮންމެ ކުޅުންތެރިއަކަށް 1،000 ޕެނަލްޓީ ޖަހައި، ޕެނަލްޓީ ޝޫޓްއައުޓަށް ތައްޔާރުވާން އެންގި ކަމަށް އެންރީކޭ ވަނީ މެޗުގެ ކުރިން އޮތް ތަމްރީނުތަކުގައި ބުނެފަ އެވެ. ނަމަވެސް ޝޫޓްޓައުޓް ގައި ސްޕެއިނުން ޖެހި އެންމެ ޕެނަލްޓީއެއް ވެސް ކާމިޔާބެއް ނުކުރެވުނެވެ.

އެންރީކޭ ސްޕެއިންގެ ގައުމީ ޓީމާ ހަވާލުވީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ގައި، އޭރު ސްޕެއިންގެ ކޯޗަކަށް ހުރި ފެނާންޑޯ ހިއޭރޯ މަގާމުން ދުރުކުރުމުންނެވެ. އެ އަހަރު ވެސް ސްޕެއިން ވޯލްޑް ކަޕުން ކެޓީ ގަދަ 16 ގައި، ވޯލްޑް ކަޕް ބޭއްވި ގައުމު ކަމަށްވާ ރަޝިއާ އަތުން ބަލިވެގެންނެވެ.

އެންރީކޭއާއެކު މިދިޔަ އަހަރު އޮތް ޔޫރޯ ގައި ސްޕެއިން ވަނީ ސެމީ ފައިނަލާ ހަމައަށް ދަތުރު ކޮށްފަ އެވެ. އެކަމަކު އެ ފަހަރު ވެސް ބަލިވީ ޗެމްޕިއަންކަން ހޯދި އިޓަލީއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ.

މި އަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި 7-0 ގެ ބޮޑު ތަފާތަކުން ކޮސްޓަ ރިކާ ބަލިކުރުމުން ގިނަ ބަޔަކަށް ސްޕެއިންއާ މެދު ބޮޑު އިތުބާރެއް ކުރެވުނެވެ. ނަމަވެސް ދެވަނަ މެޗުގައި ޖަރުމަނާ އެއްވަރުވެ، ޖަޕާން އަތުން ބަލިވުމުން އެ ޓީމު ގުރޫޕް ސްޓޭޖް ނިންމާލީ ދެވަނައިގަ އެވެ.