Roadha Mihaaru
ކުރީގެ މަރުތަކުގައި އާ ހެއްކާއެކު ދެން ދައުވާ ކުރެވޭނެ

އާ ހެކި ލިބުމުން ފަހުން ދައުވާ ކުރެވޭނެ، މަރުތަކަށް މުއްދަތު އުވާލައިފި

24 ނޮވެމްބަރ 2022

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ހެކި ނެތިގެން ދޫކޮށްލިޔަސް، ފަހުން އާ ހެކި ލިބިއްޖެ ނަމަ 8 އަހަރުގެ ތެރޭގައި ދައުވާ ކުރެވޭ ގޮތަށް ހަމަޖައްސައި އަދި މަރުގެ މައްސަލަތަކުގައި ދައުވާ ކުރުމަށް މުއްދަތެއް ނޯންނަ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ހެކި ނެތިގެން ދޫކޮށްލިޔަސް، ފަހުން އާ ހެކި ލިބިއްޖެ ނަމަ 8 އަހަރުގެ ތެރޭގައި ދައުވާ ކުރެވޭ ގޮތަށް ހަމަޖައްސައި އަދި މަރުގެ މައްސަލަތަކުގައި ދައުވާ ކުރުމަށް މުއްދަތެއް ނޯންނަ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ޖިނާއީ އިޖުރާއާތުގެ ގާނޫނު އޮންނަ ގޮތުން ހައްޔަރު ކުރުމަށް ފަހު ބަންދު މުއްދަތު ކޯޓުން އިތުރު ކުރިޔަސް އަދި ބަންދުން ދޫކޮށްލިޔަސް، ގިނަވެގެން ތިން މަސް ތެރޭގައި އެ މީހަކަށް ދައުވާ ކުރަންޖެހެ އެވެ. އެ މުއްދަތުގައި ދައުވާ ނުކުރެވިއްޖެ ނަމަ، ކުރިން އޮންނަ ގޮތުން ފަހުން ދައުވާއެއް ނުކުރެވޭނެ އެވެ.

އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރެއްވި ޖިނާއީ އިޖުރައާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައިވާ ގޮތުން، ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ދައުވާ ނުކުރެވުނަސް، ފަހުން އާ ހެކި ލިބިއްޖެ ނަމަ ދައުވާ ކުރެވިދާނެ އެވެ. އާ ހެކި ލިބުން ކަމުގައި ބަލަނީ ކުރިން މަސައްކަތް ކޮށްގެން ވެސް ލިބިފައި ނުވާ ހެކިތަކަށެވެ.

އާ ހެއްކެއް ލިބިގެން ފަހުން ދައުވާ ކުރާ ނަމަ އެންމެ ލަސްވެގެން 8 އަހަރުގެ ތެރޭގައި ދައުވާ ކުރަން ޖެހޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ. ނަމަވެސް މަރުގެ މައްސަލަތަކާއި ހައްދު ކަނޑައެޅިފައިވާ ކަންކަމުގައި 8 އަހަރުގެ ފަހުން އާ ހެކި ލިބުނަސް، ދައުވާ ކުރެވިދާނެ ކަމަށް އިސްލާހުގައިވެ އެވެ.

އެހެންކަމުން ކުރިން ހިނގާފައިވާ ހުރި މަރުގެ މައްސަލަތަކުގައި ހެކި ނެތިގެން ދޫކޮށްލާފައިވާ މީހުންގެ މައްޗަށް ވެސް ފަހުން ލިބޭ އާ ހެއްކާ އެކު ދައުވާ ކުރުމުގެ ފުރުސަތު މިހާރު އޮންނާނެ އެވެ.

އެ އިސްލާހުގައިވާ ގޮތުން އާ ހެކި ލިބިގެން ދައުވާކުރާ ނަމަ، އެ މީހަކު އަލުން ބަންދު ކުރަން ވެސް އެދެވިދާނެ އެވެ.